ޕީއެސްޖީން ލީގުގައި ކުޅުނު ދެވަނަ މެޗުން 2-1ގެ ނަތީޖާއަކުން ރެނެސް އަތުން ބަލިވެއްޖެއެވެ.

އާންމުކޮށް ލީގުގައި ގިނަ ދުވަސްތަކެއް ވަންދެން ބަލިނުވެ ހިފަހައްޓާލާ ޕީއެސްޖީއަށް ސީޒަންގެ ދެވަނަ މެޗުގައި ބައްޔަކާ ކުރިމަތިލާން ޖެހިފައިވާއިރު، ޓީމުން ދާން ބޭނުންވެގެން މަސައްކަތް ކުރަމުންދާ ބްރެޒިލްގެ ނޭމާ ރޭގެ މެޗުގައިވެސް ފެނިފައެއް ނުވެއެވެ. ރޭގެ މެޗުގައި ޕީއެސްޖީގެ ސްކޮޑުގައިވެސް ނޭމާ ހިމަނާފައެއް ނުވެއެވެ.

ކަވާނީގެ ގޯލާއެކު ޕީއެސްޖީން ލީޑު ނެގި ނަމަވެސް، ފަހަތުން އަރާ ރެނެސްއިން ދެ ގޯލް ޖެހިއެވެ. ރެނެސްގެ ގޯލްތައް ކާމިޔާބު ކޮށްދިނީ ނިއާންގާއި ކަސްޓިލޯއެވެ.

ރޭގެ މެޗަށްފަހު ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޝެލް ބުނެފައި ވަނީ ނޭމާ ނެތްތައް ފޫބައްދާނެ ކުޅުންތެރިއެއް ނެތި، ނޭމާ ފޮނުވާލެވެން ނެތް ކަމަށެވެ.

" ނޭމާ ނެތްތަން ފޫބައްދާނެ ކުޅުންތެރިއެއް ނެތި، ނޭމާ ބޭރުކޮށް ނުލެވޭނެ. އެކަން ވަރަށް ބޮޑަށް ސާފު. ކުރިއަށް ޖެހޭއިރު ހަލުވިކަމާއެކު އެޓޭކް އުފައްދަން ޓީމުގައި ކެޕޭސިޓީއެއް ނެތް. މަދު ފުރުސަތުތަކެއް ލިބުނު ނަމަވެސް، ނަތީޖާއެއް ނުނެރެވޭ،" ޓުޝެލް ބުންޏެވެ.

ޓުޝެލް ބުނެފައި ވަނީ ނޭމާ ހުރީ އަނިޔާގައި ކަމަށާއި، މެޗުގައި ނުފެނުނީ ކުޑަހުޅުގެ އަނިޔާއިން ރިކަވާ ވުމަށް ވަގުތު ދޭތީ ކަމަށެވެ. ނޭމާ ތަމްރީނުތަކުގައި ވަކިން ހަރަކާތްތެރިވަމުންދާތަން ފެނިފައިވާއިރު، މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ނޭމާ ގެންދިޔުމަށް ރެއާލް މެޑްރިޑާއި ކުރީގެ ކްލަބު ބާސެލޯނާއިންވެސް ދަނީ މަސައްކަތް ކުރަމުންނެވެ.