ނޭޕާލްގައި މިއަދު ފަށާ އޭވީސީ ސެންޓްރަލް ޒޯން ސީނިއާ ފިރިހެން މުބާރާތަކީ ރާއްޖޭގެ އުންމީދުތަކާ ގުޅިފައިވާ މުބާރާތެކެވެ. ވޮލީގެ ފޯރި އަލުން ގެނެސް، ވޮލީ ނަގަހެއްޓުމަށް ކޮންމެހެންވެސް ނަތީޖާ ނެރެން ޖެހޭ މުބާރާތެކެވެ. ކުޅުންތެރިންނަށް އަންނަ ޕްރެޝަރާއެކު، ގައުމީ ދިދަޔަށް ކުޅެން ޖެހޭނެވެސް މުބާރާތެއް މެއެވެ.

ބަންގްލަދޭޝްގައި 2016 ވަނަ އަހަރު އޮތް ސެންޓްރަލް ޒޯން މުބާރާތުގައި ތިން ވަނަ ލިބުނު ފަހުން ދެން ކުޅުނު ދެ މުބާރާތް ރާއްޖޭން ނިންމާލީ ދަށް ނަތީޖާތަކަކާ އެކުއެވެ. އެކަން ބަދަލުކުރަން ގައުމީ ޓީމު ނުކުންނާނެ ފަހަރަކީ މިއީއެވެ. ތައްޔާރީތަކަށްވެސް ބަދަލުތަކެއް އައިސް، މުބާރާތާ ހަމައަށް ރާއްޖެ ދިޔައީ ވަރުގަދަ ސްރީލަންކާއާއެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށްފަހުއެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ހަމަޖައްސައިދިން މެޗުތަކާއެކު، މިނިސްޓަރުގެ ފަރާތުން ގައުމީ ޓީމަށް ބޮޑު ހިތްވަރެއްވެސް ދީފައިވެއެވެ. މިނިސްޓަރުގެ އުންމީދަކީވެސް ރަން މެޑަލްއެވެ. އެތަކެއް ދުވަހެއް ވަންދެން ނުލިބި އޮތް ރަން މެޑަލް ރާއްޖެއަށް ގެނެސް ދިނުމެވެ.

" ލަންކާއާ އެކީ އެ ކުޅުނު ވިސްނުމުގައި ރާއްޖެ ޓީމުން މޮޅުވާން ކުޅެފިއްޔާ މި މުބާރާތުގައި އަސްލު ރާއްޖެ ޓީމަށް ބަލިނުކުރެވޭ ވަރުގެ އެއްވެސް ޓީމެއް ނެތް. މޮޅުވާން އެ ވިސްނުން ހަމައެކަނި ރާއްޖެ ޓީމަށް ބޭނުންވަނީ ވެސް،" ރޫހުގައި ހުރި ޓީމުގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓޭ) ބުންޏެވެ.

ގައުމީ ޓީމަށް 2011 ވަނަ އަހަރު ކުޅެން ފެށި ހުޒަންޓެ ޓީމުގެ ކެޕްޓަނަކަށް ހަމަޖެއްސީ ދާދި ފަހުން ނިމިދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ފަހު އެވެ. ސެންޓްރަލް ޒޯން މުބާރާތަކީ އޭނާގެ ކެޕްޓަން ކަމުގައި ގައުމީ ޓީމު ކުޅޭނެ ފުރަތަމަ މުބާރާތެވެ. ހުޒަންޓޭގެ އިތުރުން މުބާރާތް ހާއްސަވާ އަނެއް ކުުޅުންތެރިތޔަކީ ރާއްޖޭގެ ވޮލީގެ ލެޖެންޑް އަހުމަދު އަބްދުލްކަރީމް (ލޯންގޭ) އަށެވެ.

މިފަހަރުގެ މުބާރާތަކީ ގައުމީ ޖާޒީގައި ލޯންގޭ ކުޅޭނެ ފަހު މުބާރާތެވެ.

" މި މުބާރާތަށް ޓީމު މިއޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި. އެ ގޮތުން މުބާރާތުގައި ބައިވެރިވި އެހެން ޓީމުތައް ވެސް ކޮންމެ އަހަރަކަށް ވަރަށް ބޮޑެތި ބަދަލުތައް އަންނަމުން މިދަނީ. އެ ގޮތުން ވެސް ގިނަ ޓީމުތައް އާ ވެފައި. އަނެއްބައި ޓީމުތައް އޮތްގޮތަށް އެބަތިބޭ، އެއް ޖޯޝެއްގައި އެއް ފޯރިއެއްގައި އެންމެން ޓީމެއްގެ ގޮތުގައި މަސައްކަތް މި ކުރަނީ. މިހާތަނަށް އައިއިރު ވެސް ޓީމްވޯކް ވަރަށް ރަނގަޅު ޓީމެއް ޓީމެއްގެ ގޮތުގައި ކުޅެމުންދަނީ." މިއަހަރުގެ މުބާރާތާ ގުޅޭގޮތުން ލޯންގޭ ބުނެފައިވެއެވެ.

މިދިޔަ އަހަރު ބީޗު ވޮލީން ފެނިގެންދިޔަ އިސްމާއީލް ސާޖިދު (ކުޑަ ކާއްޓޭ) އަލުން ޓީމަށް ގުޅުމަކީ ލޯންގޭއަށް ލިބޭ އެންމެ ބޮޑު އިތުބާރެވެ.

ޓީމުގެ ކޯޗު، މުހައްމަދު ސާޖިދު (ކާއްޓޭ) ބުނެފައި ވަނީ ޓީމުތައް ވަރަށް ބޮޑަށް ތަފާތުވެފައިވާ ކަމަށާއި، ޓީމުތަކަށް ކުރިއެރުން ލިބިފައިވާ ކަމަށް ގަބޫލުކުރާ ކަމަށެވެ. އެހެންކަމުން އެއްވެސް ޓީމަކީ ބަލި ޓީމެއް ކަމަށް ދެކިގެން ނުވާނެ ކަމަށްވެސް ކާއްޓޭ ފާހަގަކުރިއެވެ.

"އަޅުގަނޑަށް އެނގޭ އެއްޗަކީ މުބާރާތަކަށް އަންނަ އެއްވެސް ޓީމަކީ ބަލި ޓީމެއްގެ ގޮތުގައި ދެކިގެނެއް ނުވާނެއޭ. އެއީ އެއްވެސް ޓީމެއް މުބާރާތަކަށް ނާންނާނެ ހަމަ ކުޅެލާފައި ދާކަށް. އެކަމު އަޅުގަނޑުމެން ވެސް މި ތިބީ ވަކި ޓާގެޓަކަށް އައިސްފައި. ނޭޕާލް ވެސް ބަންގްލަދޭޝް ވެސް ހަމަ އަންނާނީ އެންމެ ރަނގަޅު ނަތީޖާ އަށް." ކާއްޓޭ ބުންޏެވެ.

މި ފަހަރުގެ މުބާރާތުގައި ޖުމްލަ ހަތް ގައުމަކުން ވާދަކުރާއިރު ރާއްޖެ ލައްވާލީ ނޭޕާލާއި ކިރްގިސްތާނާ އެކު ގްރޫޕް އޭ ގަ އެވެ. ހަތަރު ޓީމު ކުޅޭ ގްރޫޕް ބީގައި އޮތީ ތުރުކުމެނިސްތާން، އުޒްބެކިސްތާން، އަފްގާނިސްތާން އަދި ބަންގްލަދޭޝްއެވެ.
ރާއްޖެ ފުރަތަމަ މެޗުގައި އަންގާރަ ދުވަހު މާލެ ގަޑިން އިރުއޮއްސި 6:15 ގައި ބައްދަލުކުރާނީ ކިރްގިސްތާނާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި ބުދަ ދުވަހު މާލެ ގަޑިން 4:15 ގައި ރާއްޖެ ކުޅޭނީ ނޭޕާލްއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޥޮލީ

    ލައިވް ކުރޭތަ؟

  2. ޥޮލީ ލަވަރ

    ތިއީ ވާނެ ކަމެެއް ނޫން! ސަބަބަކީ ތި ކޯޗް ބޭނުން މީހެއް ނޫނީ ލާހިކެއް ނޫން ތި ޓީމުގަ ހުއްނާކަށް. އަނެއްކޮޅުން އޭނަ ކޮއްކޮ ހެޔޮ ކުޅުނަސް ނުކުޅުނަސް. އޭނަޔަށް ހާއްސަ ވާނެ ތައްޓެއް އިންނާނެ ލިޔެވިފަ. ބަލާލަބަލަ ނިކަން ބީޗް ވޮލީ ؟ ހަމަނުޖެހުމެއް ނުހިނގާނެ! އެއޮތީ ހޯދާފަ އޮތް ކާމިޔާބީ ފެންނަން..