ހޯމް އެންޑް އަވޭ އުސޫލުން ރާއްޖޭގެ ލީގެއް ކުޅުމަށް ތައްޔާރުވުމަށް މަޝްވަރާ ކޮށްފިއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއެކު ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ބައްދަލު ކުރައްވާފައިވާއިރު، މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުޓުބޯޅައިގެ ކުރިމަގަށް ގެންގުޅުއްވީ ވިސްނުންތަކާ ގުޅިގެން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި އެފްއޭއެމްއާއެކު ވަރަށް ގާތުން މަސައްކަތް ކުރައްވާ ނަތީޖާ ނެރެން ތައްޔާރު ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.

މީގެ ކުރިން އެފްއޭއެމްގެ ރައީސް ބައްސާމްވެސް ވަނީ ހޯމް އެންޑް އަވޭ އުސޫލުން މެޗުތައް ކުރިއަށް ގެންދިޔުމަށް ވިސްނާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެކަމަށް ބޭނުންވާ އިންފްރާ ސްޓްރަކްޗާ ތަރައްގީ ކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރަނގަޅު ފެންވަރުގެ ދަނޑުތަކެއް ތަރައްގީ ކުރުމަށްވެސް އެފްއޭއެމްއިން ވަނީ ނިންމާފައެވެ.

އެގޮތުން ފީފާ ޕްރޮޖެކްޓެއްގެ ދަށުން ވިނަ ދަނޑުތައް އަޅާނެ ރަށްތައް އެފްއޭއެމްއިން ވަނީ ދާދި ފަހުން އިއުލާންކޮށްފައެވެ.

އެގޮތުން ވިނަ ދަނޑުތައް އަޅަން އެފްއޭއެމް އިން ނިންމާފައިވާ ރަށްތަކަކީ، ހދ.ކުޅުދުއްފުށި، ށ.މިލަންދޫ، ބ.އޭދަފުށި، އއ.މާޅޮސް، ދ.ކުޑަހުވަދޫ، ގދ.ތިނަދޫ، ތ.ތިމަރަފުށި، ސ.ފޭދޫ، ޏ.ފުވައްމުލަށް، ހއ.މުރައިދޫ، ށ.ފޯކައިދޫ، ބ.ފެހެންދޫ، އދ.ފެންފުށި، ފ.ނިލަންދޫ، ގދ.ހޯޑެއްދޫ، ހއ.ދިއްދޫ، ސ.ހިތަދޫ އަދި ރ.އަލިފުއްޓެވެ.

ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވާ، އެހެން ލެވެލްއަކަށް ގެންދިމުގެ ވިސްނުމުގައި ހިންގަން ހުރި މަސައްކަތްތަކުގެ މަގުޗާޓެއް އެފްއޭއެމް އިން ދާދިފަހުން އާއްމުކޮށްފައިވާއިރު، އެ ޕްލޭންގެ ތެރޭގައި އަތޮޅު ފުޓުބޯޅައިގެ ބޮޑު ޕްރޮޖެކްޓެއް ފެށުމަށް ހިމަނާފައިވެއެވެ.

"އަޅުގަނޑުމެންނަށް އަތޮޅު ތެރޭގައި ފުޓުބޯޅަ ކުރިއެރުމުގެ ފޮނިމީރުކަން އެބަފެނޭ. މިނިވަން ޗެމްޕިއަންޝިޕުން ވިދާލި ކުޅުންތެރިން ގައުމީ ޓީމުގައިވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަނީ. އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދީގެން ކުރިއަށް މިގެންދަނީ. ހަމައެއާއެކު އަޅުގަނޑުމެންގެ ދުރު ރާސްތާ ޕްލޭނަކީ ދިވެހި ޕްރިމިއާ ލީގަކީ މުޅި ރާއްޖޭގައި ކުޅެވޭނެ މުބާރާތަކަށް ހެދުން. އޭރުން މާލޭގައި މި ކުޅޭ ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަށްވެސް އަތޮޅު ތެރޭގެ ޓީމުތަކާ ވާދަކުރަން ދަތުރުކޮށް، ހޯމް އެންޑް އަވޭ އުސޫލަކުން މެޗުތައް ކުރިއަށް ގެންދެވޭތޯ މަސައްކަތް މި ކުރަނީ. އޭގެ މައިގަނޑު އެއް މަސައްކަތް ނެޗުރަލް ގްރާސް (ގުދުރަތީ ވިނަ) 20 ދަނޑު އެޅުމުގެ މަސައްކަތަކީ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެ އަހަރު ނުވަތަ ތިން އަހަރު ތެރޭ ދަނޑުގެ އަދަދު 40، ނޫނީ 60 އަށް އިތުރު ކުރެވޭނެ،" ބައްސާމް މީގެކުރިން ވިދާޅުވެފައިވެއެވެ.

ބައްސާމް ވިދާޅުވީ އެފްއޭއެމްއިން ފީފާގެ ފުލީ ފަންޑެޑް ޕްރޮޖެކްޓެއްގެ ދަށުން މިހާރު ކުރިއަށް ގެންދަނީ އަހަރަކު ގުދުރަތީ ވިނައިގެ 20 ދަނޑު އެޅުމުގެ މަސައްކަތް ކަމަށާއި، އެފަދަ އިންފްރާސްޓްރަކްޗާއެއް ގާއިމްވެގެން ދިއުމަކީ ރާއްޖޭގެ ފުޓުބޯޅައަށް ލިބޭނެ ބޮޑު ކުރިއެރުމަކަށް ކަމަށެވެ.