އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާ ވުލްވްސް ބައްދަކުރި މެޗު 1-1އިން އެއްވަރުވެގެން ނިމިއްޖެއެވެ.

ވުލްވްސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ފުރަތަމަ ހާފްގައި ހަމަލާތައް މަދެވެ. ޔުނައިޓެޑްގެ މާޝިއަލް 27 ވަނަ މިނެޓްގައި ލީޑު ނެގިއިރު، ޔުނައިޓެޑުން ހާފް ނިންމާލީ ލީޑާއެކުގައެވެ.

މެންޗެސްޓާ ޔުނައިޓެޑުން ސީޒަންގައި ފުރަތަމަ ކުޅުނު މެޗުގައި ޗެލްސީ ކައިރިން ބޮޑު މޮޅެއް ހޯދިއިރު، އެޓީމުގެ ފަހަތް ފެނުނީ ވަރުގަދަކޮށެވެ. އެހެން ނަމަވެސް ދެވަނަ ހާފަށް ނުކުމެ، ޔުނައިޓެޑުގެ ފަހަތަށް ވުލްވްސްއިން ނުރައްކާ ކުރިއެވެ. މިދިޔަ ސީޒަންގައިވެސް ވުލްވްސްއިން ބޮޑެތި ޓީމުތަކާ ދެކޮޅަށް ތަފާތު ކުޅުމެއް ދައްކާފައިވާއިރު، 55 ވަނަ މިނެޓުގައު ރުބެން ނެވޭސްގެ ހިތްގައިމު ގޯލުން ވުލްވްސް ނަތީޖާ ހަމަހަމަ ކުރިއެވެ.

އެގޯލަށްފަހު މެޗުގެ ޓާނިން ޕޮއިންޓަކަށް ފެނުނީ ޔުނައިޓެޑަށް ލިބުނު ޕެނެލްޓީއެވެ. އޭރިއާ ތެރެއށް ޕޮގްބާއަށް ކުރި ފައުލަކަށް ލިބިފައިވާ ޕެނެލްޓީ، އޭނާ އަމިއްލައަށް ފޮނުވާލިއިރު، ތިރިން ބާރަށް ޖެހި ޕެނެލްޓީ ޕޯޗުގަލްގެ ގޯލްކީޕަރު، ރުއި ޕެޓްރީޝިއޯ ވަނީ މަތަކޮށްފައެވެ. ޕެނެލްޓީގެ ކުރިން، ރަޝްފޯޑު ވަނީ އޭނާ އަތަށް ޕެނެލްޓީ ދިނުމަށްވެސް އިޝާރާތެއް ކޮށްފައެވެ.

ފުރަތަމަ މެޗުގައި ޗެލްސީ ކޮޅަށް ރަޝްފޯޑް ޕެނެލްޓީ ކާމިޔާބުކުރިއިރު، މިދިޔަ ސީޒަންގައިވެސް ޕޮގްބާ ފެނުނީ ޕެނެލްޓީ ނާކާމިޔާބު ކުޅުންތެރިއެއްގެ ގޮތުގައެވެ.