ރާއްޖެ ބަލިކޮށް، ކިރިގިސްތާނުން އޭވީސީ ސެންޓްރަލް ޒޯން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ޔަގީން ކޮށްފިއެވެ.

މިހާތަނަށް ކުޅުނު ދެމެޗުންވެސް ކިރިގިސްތާނުން މޮޅުވެ، ސެމީ ފައިނަލް ޔަގީން ކޮށްފައިވާއިރު، މިއަދު ރާއްޖެ ބަލިކުރީ 3-0ގެ ނަތީޖާއަކުންނެވެ. މިއަދުގެ މެޗުގައި ރާއްޖޭގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނުއިރު، ދެން ގްރޫޕްގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު ނޭޕާލެވެ.

ކިރިގިސްތާނަކީ މި މުބާރާތުގައި އެންމެ ވަރުގަދަ ކުޅުމެއް ދައްކަމުން އަންނަ ޓީމެކެވެ. އެ ޓީމުން މުބާރާތް ހުޅުވުމުގެ ގޮތުން އިއްޔެ ކުޅުނު މެޗުގައި ސީދާ ތިން ސެޓުން މުބާރާތް ބާއްވާ ގައުމު ނޭޕާލް ބަލިކުރިއިރު، 2017 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭވީސީ މުބާރާތުގެ ތަށިވެސް އުފުލާލީ ކިރިގިސްތާނުންނެވެ. އެޓީމުގެ އެޓޭކްގައި ދިގު ކުޅުންތެރިންގެ ފައިދާ ނަގާކަން ފާހަގަކޮށްލެވޭއިރު، މިފަހަރަކީ ރާއްޖެއިންވެސް ސީދާ މެޑައްޔަށް އަމާޒުކޮށް ދިޔަ ފަހަރެކެވެ.

ރާއްޖެއިން 2016 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި މުބާރާތުގެ ލޯ މެޑަލް ނަގާފައިވާއިރު، އޭގެފަހުން ކުޅުނު ދެ މުބާރާތުގައިވެސް ރާއްޖެއަށް ނަތީޖާ ނެރެވިފައެއް ނުވެއެވެ. އެހެން ނަމަވެސް، މިފަހަރުގެ މުބާރާތަށް ރާއްޖެ ނުކުތީ ވަރަށް ރަނގަޅަށް ތައްޔާރުވެ، އެކުވެރިކަމުގެ ތިން މެޗެއް ވަރުގަދަ ލަންކާއާ ދެކޮޅަށް ކުޅުމަށްފަހުއެވެ.

ނޭޕާލްގެ ލަގަންކެއި އާމީ ކަވާޑް ހޯލްގައި ކުރިއަށްދިޔަ މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅުގައި ކިރިގިސްތާނުން ރަނގަޅު އެޓޭކްތަކެއް ކޮށް، ރަނގަޅު ލީޑެއް ނެގިއެވެ. ބްލޮކްގެ މަތިން އެޓޭކް ކުރަމުންދިޔަތަން ފެނުނުއިރު، ކުރީކޮޅުގައިވެސް ފަސް ޕޮއިންޓްގެ ލީޑެއް ދަމަހައްޓަމުން ދިޔައެވެ. ސެޓުގެ ފަހުކޮޅަށް ގޮސް ކިރިގިސްތާނުން ނުވަ ޕޮއިންޓާއި 10 ޕޮއިންޓްގެ ލީޑެއް ދަމަހައްޓާ ސެޓު ގެންދިޔައެވެ. ކިރިގިސްތާނުން އެ ސެޓު ގެންދިޔައީ 25-15 އިންނެވެ.

ދެވަނަ ސެޓަށް ރާއްޖެއިން އާ ހިތްވަރަކާއެކު ފެށިއިރު، ފުރަތަމަ ސެޓުގައި ދަށްކޮށް ފެނުނު ރިސީވިން ވަރަށް ބޮޑަށް ރަނގަޅު ކޮށްލިތަން ފެނިގެންދިޔައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކުރީކޮޅުގައި ރާއްޖެއިން ހަތް ޕޮއިންޓްގެ ލީޑެއް ދަމަހައްޓަމުންދިޔައެވެ. ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ)އާއި އިސްމާއީލް ޝާޖިދު (ކުޑަ ކާއްޓޭ) ބާރު އެޓޭކްތަކެއް ފެނުނުއިރު، ފުލުފުލުގައި ހަ ޕޮއިންޓް ނަގާ، 10-16 އަށް ނަތީޖާ ބަދަލުކޮށްލިއެވެ.

ރާއްޖެއަށް ހަމަޖެހިލައިގެން މެޗު ނިންމަން ފުރުސަތު ލިބުނު ނަމަވެސް، ރާއްޖެއަށް ސެޓުގެ ފަހުކޮޅުގައި ޕްރެޝަރުވިއެވެ. ރާއްޖެއަށް ސެޓު ނިންމަން ތިން ޕޮއިންޓް ބޭނުންވެފައި ވަނިކޮށް، ކިރިގިސްތާނުން ފަހަތުން އަރާ ފަސް ޕޮއިންޓް ހޯދާ 22-22 އަށް ސްކޯ އެއްވަރުކުރިއެވެ. ރާއްޖޭގެ ފަރާތުން އަމިއްލަ ގޯސްތަކެއް ފެނުނުއިރު، ކިރިގިސްތާނުން ޑިފެންސް ރަނގަޅު ކުރިތަން ފެނިގެންދިޔައެވެ.

ކުޑަ ކާއްޓޭގެ ދެ ހަމަލާއަކާއެކުވެސް ސެޓު 24-24 އިން އެއްވަރުވިއިރު، ފަހަތުން އަރާ ކިރިގިސްތާން ލީޑުވެސް ނެގިއެވެ. އަދި 26-24އިން ރާއްޖެއަށް ސެޓު ގެއްލިގެން ދިޔައެވެ.

ބަންގްލަދޭޝްގައި 2016 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލަށް ރާއްޖެ ނުދިޔައީވެސް ކިރިގިސްތާނު އަތުން ބަލިވެގެންނެވެ. އެ މެޗުގައިވެސް ސީދާ ތިން ސެޓުން ރާއްޖެ ބަލިވިއިރު، މެޗުގެ ދެވަނަ ސެޓު ހަނި ގޮތަކަށް ގެއްލުނު ނަމަވެސް، ތިންވަނަ ސެޓުގައިވެސް ހިތްވަރާއެކު ކުޅުނުތަން ފެނިގެންދިޔައެވެ. ދެ ޕޮއިންޓްގެ ލީޑެއްގައި ރާއްޖެއިން ފުރަތަމަ ކޮޅު ހިފަހައްޓާލި ނަމަވެސް، ޕްރެޝަރެއް ނެތި ކުޅެމުންދިޔަ ކިރިގިސްތާނުން 25-18 އިން ސެޓު ގެންދިޔައެވެ.

ރާއްޖެއިން ސެމީގެ ޖާގައެއް ހޯދުމަށް ދެން ޖެހޭނީ މާދަމާގެ މެޗުގައި ނޭޕާލް ބަލިކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހަސަންކޮ

    ޓީމުގެ ކުޅުންތެރިން ކުޅުމާއި މެދު ކިޔާނެ އެއްވެސް އެއްޗެއްނެތް. ކުޅުންތެރިން ވަރަށް ރަގަޅަށް ޕާރފޯމް ކުރި. އެކަމަކު ދިވެހި ވޮލީ މިލެވެލް އިން މައްޗަށް ގެންދަން ބޭނުމިއްޔާ އެބަޖެހޭ ދުނިޔޭގެ ފެންވަރުގެ ކޯޗެއް ޓީމަށް ގެންނަން. ނޫނީ ވޯލީ ޓީމް އޮންނާނީ ހަމަ މި ލެވެލް ގައި.

    11
  2. ސުރޭޝް

    ތަންކޮޅެއް ހިތް މޮޅުވީ ދެފަހަރަކު މޮޅުވެވުނީމަ. ޢެކަމަކު ދެންވާ ރަގަޅު ސާބަސް

  3. އުދުހޭ

    ވިޔަފާރީ ބަނގުރޫޓުވީމާ ނުކުމެ މުޅިގައުމުގެ ކުޅިވަރުތަކަތް އަތްބޭނިބޭނީނުން ހަލާކުވެއްޖެ. މިކަލޭގެ ބަނޑެއް ނުފުރޭތަ އަދިވެސް.

  4. ޒުހޫރު

    އަލީ އުމަރަށް ދަގޭހިންގި މަގަކުންވެސް ނުހިންގޭގެ ދެން ލަލަލާ.

  5. ާައަސްލަމް

    ކޯޗްތަ ކުޅެނީ ކޯޗަށް ކުޅެންޖެހޭގޮތް ބުނެދެވޭނީ

  6. ޕޮގުބާ

    ނުވާނެ ބައްޔެއް ވަރަށްބޮޑްކުރި އެރުމެއްތީ