އޭވީސީ ސެންޓްރަލް ޒޯން މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ކިރިގިސްތާނާ ދެކޮޅަށް ކުޅެ ބަލިވީ ސެޓު ނިންމާ ނުލެވިގެން ކަމަށް ރާއްޖޭގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓޭ) ބުނެފިއެވެ.

ނޭޕާލްގައި ކުރިއަށްދާ މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖޭން މިއަދު ނުކުތީ އެންމެފަހުގެ ޗެމްޕިއަން ކިރިގިސްތާނާ ދެކޮޅަށެވެ. ކިރިގިސްތާނަކީ މުބާރާތުގައި ވާދަކުރާ އެންމެ ވަރުގަދަ ގައުމުވެސް މެއެވެ. ރާއްޖެއިން ރޭގެ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކިކަން ފާހަގަކޮށްލެވެއެވެ. ހާއްސަކޮށް ދެވަނަ ސެޓުގައި ރާއްޖެއިން ހައެއްކަ ޕޮއިންޓްގެ ލީޑެއްގައި ކުޅުނުއިރު، ސެޓު ނިންމާލަން ތިން ޕޮއިންޓް ވެފައި އޮތްވާ، ކިރިގިސްތާނުން ފަހަތުން އަރާ ސެޓު ގެންދިޔައެވެ.

ދެވަނަ ސެޓުގައި ބޮޑު ފުރުސަތެއް ރާއްޖެއަށް ލިބުނުއިރު، ސެޓު ނިންމާނުލެވުމުން މެޗަށް ވަރަށް ބޮޑަށް އަސަރުކުރި ކަމަށް، ހުޒަންޓެ ބުންޏެވެ.

"ރަނގަޅަށް ކުޅުނު ވަރުގަދަ ޓީމަކާ ދެކޮޅަށް. އެކަމަކު ސެޓު ނިންމާނުލެވިގެން ދިޔައީ. އެއީ އަބަދުވެސް ދިމާވާ މައްސަލައެއް ދެން. ދެވަނަ ސެޓު ނިންމާ ނުލެވުނީމަ ތިންވަނަ ސެޓު ދިޔައީ. ނިންމާލަން ލިބި ނިންމާ ނުލެވުނީމަ. ވަރަށް ބޮޑަށް ދަށްކޮށް، ވަރުބަދަލިވެގެން ދިޔައީވެސް. އެކަމަކު މާދަމާ ނޭޕާލާ ދެކޮޅަށް ކުޅެން އޮތް މެޗަކީ ކޮންމެހެން މޮޅުވާން ޖެހޭ މެޗެއް. އެހެންވީމަ މިއަދުގެ މެޗަށްވުރެ ވަރުގަދަކޮށް ނުކުންނާނީ." ހުޒަންޓެ ބުންޏެވެ.

ރާއްޖެ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓެ) ބުނީ ދެ ވަނަ ސެޓު ދިޔަ ގޮތުން މެޗަށް ވަރަށް ބޮޑަށް އަސަރުކުރި ކަމަށާއި ފެނިގެންދިޔައީ ވަރަށް އާދައިގެ ގޯސްތަކެއް ހެދުނުތައް ކަމަށެވެ. އަދި މި މެޗުގައި ޖުމްލަ ގޮތެއްގައި ރަނގަޅަށް ކުޅުނު ކަމަށާއި އުއްމީދަކީ މި އަށް ވުރެ ރަނގަޅަށް މާދަމާ ނޭޕާލާ ދެކޮޅަށް ކުޅުމަށް ކަމަށް ކާއްޓޭ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާައަސްލަމް

    ނުވާނެ ތިކަމެއް އާދޭ ރާއްޖެއަށް މަހައްދާން ސެޓްނިންމާނުލެވިގެން ބަލިވީ ގޯލްނުޖެހުނީމަ ބަލިވީ ގޯލް ޖެހުނުނަމަ މޮޅުވީސް ސޭޓް ނިންމާ ލެވުނުނަމަ މޮޅުވީސް

    4
    1