ފްރެޑްރިކް އޮމަރް ކަނޫޓޭއަކީ ލިއޯން، ޓޮޓެންހަމް، ވެސްޓްހަމްގެ އިތުރުން ސެވިއްޔާގައި ވިދާލި ފޯވަޑެކެވެ. ސެވިއްޔާއަށް އެކަނި އޭނާ ކުޅެދިން 209 މެޗުގައި 89 ގޯލް ޖަހާފައިވާއިރު، އެތައް ދުވަހެއް ވަންދެން ދިރިއުޅުނު ސެވިއްޔާ ސިޓީގެ މުސްލިމުންނަށް ހާއްސަ މަސައްކަތެއް ކަނޫޓޭ ވަނީ ފަށާފައެވެ.

މިދިޔަ 700 އަހަރު ދުވަހުވެސް ސެވިއްޔާގައި މިސްކިތެއް ބިނާ ކޮށްފައެއް ނުވެއެވެ. މުސްލިމުންގެ އާބާދީ މަދުވުމުން، އެކަމަށް ހޭދަކުރާނެ އެކަށޭނެ މީހުންނެއްވެސް ނެތެވެ. މުސްލިމް ކުޅުންތެރިޔާ ކަނޫޓޭއާއި ސެވިއްޔާގެ މިސްކިތުގެ ވާހަކަތަކަކީ ކުރިންވެސް ދެކެވުނު ވާހަކަތަކެކެވެ. 2007 ވަނަ އަހަރުވެސް އޭނާ ސެވިއްޔާއަށް ކުޅެމުންދިޔައިރު، އެއް އަހަރު ދުވަހުގެ މުސާރަ، އެއީ ގާތް ގަނޑަކަށް 700،000 ޕައުންޑް، ސެވިއްޔާގައި އޭރު ހުރި ހަމައެކަނި މިސްކިތް ސަލާމަތް ކުރަން ހޭދަކޮށްފައިވެއެވެ.

"އަހަރެން އެހީވީ ސެވިއްޔާގައި ދިރިއުޅޭ މުސްލިމް އާބާދީއަށް. ނަމާދުކުރާނެ މިސްކިތެއް ނެތިގެން މުސްލިމް އާބާދީ އުޅުނީ. އެއީ އެމީހުންގެ މިސްކިތު އިމާރާރަށް ދައްކާފައިވާ ކުލި ހަމަވެ، މިސްކިތް ސަރުކާރުން ނަގަން އުޅެނިކޮށް ފައިސާ ދައްކައިދިނީ،" ކަނޫޓޭ ބުުންޏެވެ.

ކަނޫޓޭ ބުނެފައި ވަނީ ހަތް އަހަރު ސެވިއްޔާގައި އޭނާ އުޅުނު ކަމަށާއި، ފުރަތަމަ ސިޓީއަށް ދިޔަ ދުވަހުވެސް، މުސްލިމެއްގެ ހައިސިއްޔަތުން ހޯދީ ނަމާދުކުރާނެ ތަނެއް ކަމަށެވެ. އެކަމަކު ފެނުނީ ވަގުތީ މިސްކިތެއް ކަމަށްވެސް އޭނާ ބުންޏެވެ. އަދި އަންދަލުސްއިން އައި މޮރޮކޯއާއި، އަލްޖީރިއާ އަދި ސެނެގާލްއާއި މާލީ ދަރިކޮޅުގެ މީހުންނަކީ ހިތްހެޔޮ މުސްލިމުންކަމަށާއި، އެ މިސްކިތުން އަބަދުވެސް ދިމާވާ މީހުންނަކީ އެއީ ކަމަށްވެސް ކަނޫޓޭ ބުންޏެވެ. އަދި ކޮންމެ ހުކުރު ދުވަހަކު ހާއްސަކޮށް އެ މީހުންނާ ބައްދަލުކޮށް ހަދާ ކަމަށްވެސް ކަނޫޓޭ ބުންޏެވެ.

"އަހަރެމެން މިސްކިތެއް ގޮތުގައި ބޭނުން ކުރަމުންއައީ ކުއްޔަށް ހިފާފައިވާ ބިމެއްގައި ހުރިތަނެއް. އެތަން ބޭނުންވީ ވެރި ފަރާތުން. އެކަމަކު 2007 ވަނަ އަހަރު އެ ބިން އެއްކޮށް ގަނެދިނީ ކަނޫޓޭ. އެއީ އޭނާއަށް އެންމެ އިހުތިރާމް ކުރާ ކަމަކީ،" ސްޕެއިންގެ އިސްލާމިކް ކޮމިއުނިޓީގެ ތަރުޖަމާނު ލުގްމާން ނޭޓޯ ބުންޏެވެ.

އިބްރާހީމް ހެނާންޑޭޒްއާއި ލުގްމާން ނޭޓޯގެ ފެންޑޭސިއޮން މެޒުކުއޭޓާ ޑި ސެވިއްޔާއާ ގުޅިގެން ކަނޫޓޭ ހާއްސަ ކެމްޕޭނެއް ފެށީ ރަމަޟާން މަހުގެ ތެރޭގައެވެ. އޭނާގެ ވާހަކަތަކާއެކު ޓްވިޓާގައި ހާއްސަ ވީޑިއޯއެއް އާންމު ކޮށްފައިވާއިރު، ޓާގެޓަކީ 350،000 ޑޮލަރު އެއްކުރުމެވެ. ރަމަޟާން މަސް ނިމުނުއިރުވެސް 8،500 މީހުން އެ ފަންޑަށް އެހީވެފައިވާއިރު، ކަނޫޓޭ އަޅަން ގަސްދުކުރާ މިސްކިތަކީ އިސްލާމިކް ސެންޓަރެއް ގޮތަށް ބޭނުން ކުރެވޭނެ ތިން ބުރީގެ އިމާރާތެކެވެ.

އެހެން ބައެއް މުސްލިމް ކުޅުންތެރިން ކަމަށްވާ ސިޓީގެ ބެންޖަމިން މެންޑީއާއި ކުރީގެ އާސެނަލް ކުޅުންތެރިޔާ އަބޫ ޑިއާބީއާއި ވަޓްފޯޑުގެ ޑަކޯރޭވެސް އެ ފަންޑް ރެއިސިންގައި ބައިވެރިވެފައިވާއިރު، އެ އިމާރާތާކީ އަންޑަގްރައުންޑް ޕާކިންގެ އިތުރުން ކޮންފަރެންސް ސެންޓަރަކާއެކު ދީނީ ކަންކަން ބަލަހައްޓާ ހާއްސަ އޮފީސްތައްވެސް ހިމެނޭނެ ގޮތަށް އަޅާނެ އިމރާތެކެވެ.

ސްޕެއިންގެ މުސްލިމް އާބާދީއަކީ ގާތްގަނޑަކަށް 1.3 މިލިއަން މީހުންނެވެ. އެއީ އާބާދީގެ 3 ޕަސެންޓެވެ. އެހެން ނަމަވެސް އެ އަދަދު ދަނީ ބާރަށް އިތުރު ކުރަމުންނެވެ. ކަނޫޓޭ ބުނެފައި ވަނީ މުސްލިމް އާބާދީ އިތުރުކޮށް، މުސްލިމުންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމަށް އެންމެން ބައިވެރިވުމަށެވެ. "އެއް ކުޅުންތެރިޔަކަށް މެޗަކުން މޮޅު ނުވެވޭނެ ކަމަށެވެ."