އަންނަ އަހަރު އޭވީސީ ސެންޓްރަލް ޒޯނުގެ އަންހެން އަދި ފިރިހެން ވޮލީ މުބާރާތް ބާއްވަން ރާއްޖޭން ބިޑްކުރާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޭޕާލުގައި އޮންނަ އޭވީސީ ސެންޓްރަލް ޒޯނުގެ އާންމު ޖަލްސާގައި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ނޯމަލައިޒޭޝަން ކޮމިޓީގެ ފަރާތުން ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އިބްރާހިމް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށާއި ސެންޓްރަލް ޒޯން ބޭއްވުމަށް ބިޑްކުރާނެ ކަމަށެވެ.

ނޭޕާލްގައި މިހާރު ކުރިއަށްދާ އޭވީސީ މުބާރާތުގެ ސެމީ ފައިނަލަށް ރާއްޖެ ދަތުރުކޮށްފައިވާއިރު، މިއަދު މެންދުރުފަހު ރާއްޖެއިން ސެމީގައި ނުކުންނާނީ އުޒުބަކިސްތާނާ ދެކޮޅަށެވެ. މީގެ ދެއަހަރު ކުރިން ރާއްޖޭގައި އޭވީސީ ފިރިހެން ސެންޓްރަލް ޒޯން މުބާރާތް ބާއްވާފައިވާއިރު، އެއަހަރު އަންހެން ވޯލްޑް ޗެމްޕިއަންޝިޕްގެ އޭވީސީ ސެންޓްރަލް ޒޯންގެ ކޮލިފިކޭޝަންވެސް ރާއްޖޭގައި ކުޅެފައިވެއެވެ.

ވޮލީގެ ތެރޭގައި ބައެއް މައްސަލަތައް ޖެހި، އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އުވާލުމަށް ސްޕޯޓްސް ކޮމިޝަނުން ވަނީ ނިންމާފައެވެ. ނޯމަލައިޒޭޝަން ކޮމިޓީއެއްގެ ދަށުން ވޮލީގެ ކަންކަން ހިންގަމުންދާއިރު، މިނިސްޓްރީގެ ފަރާތުން ހާއްސަ ފުރުސަތުތަކެއް ތަނަވަސްކޮށްދެމުންދާތަން ފެނެއެވެ. ހާއްސަކޮށް މިފަހަރުގެ އޭވީސީ މުބާރާތަށް ވޮލީ ޓީމު ތައްޔާރު ކުރުމަށް ޔޫތު މިނިސްޓްރީން ވަނީ މުހިއްމު މަސައްކަތްތަކެއް ކޮށްފައެވެ.