ތ. ވިލުފުށީގައި ސަރުކާރުން އަޅަން ނިންމާފައިވާ ބައިނަލްއަގުވާމީ ފެންވަރުގެ ދަނޑުގެ ބިންގަނޑުގައި ސަބް ބޭސް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ ގޮތުން ކުޅިވަރާ ބެހޭ ވުޒާރާ އާއި އެމްޓީސީސީއާ ދެމެދު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ކުޅިވަރާ ބެހޭ ވުޒާރާގައި އޮތް މި ބައްދަލުވުމުގައި އެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަހުމަދު މަހުލޫފެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހު އެވެ. އަދި މި ބައްދަލުވުމުގައި ވިލުފުށީ ދާއިރާގެ މަޖިލިސް މެމްބަރު ހަސަން އަފީފުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ފީފާ ސްޓޭންޑާޑް ދަނޑުތަކުގެ ބިންގަނޑުގައި ތިން ލެވެލްއަކަށް ތަފާތު ތިން ސައިޒެއްގެ ހެލަޔާއި ވެލި އަދި ގާވެސް އަޅާ ބިންގަނޑު އެއްވަރު ކުރެވެން ޖެހޭނެއެވެ. އަދި އެކަމަށް ހާއްސަ ކެލިފޯނިއާ ބެއަރިން ރޭޝިއޯއެއްގެ ދަށުން އެ ދަނޑުތަކުގައި ބިންގަނޑުގެ ލޭޔަރުތައް ބަލާ ފާސްވެސް ކުރެވެން ޖެހޭނެއެވެ. އެގޮތަށް ދަނޑުގެ ބިންގަނޑު އެއްވަރު ކުރެވެނީ ފެން ހިންދާނެ ގޮތާއި، ދަނޑުގެ އަޅާ ވިނަގަނޑުގެ ކޮލިޓީވެސް ހިފެހެއްޓުމަށެވެ.

ވިލުފުށީ ޓާފް ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 60 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

މިނިސްޓަރު ވިދާޅުވީ މަސައްކަތް ލަސްވި ނަމަވެސް، އަބަދުވެސް ބަލާނީ ފެންވަރު ރަނގަޅު ދަނޑުތަކެއް އެޅުމަށް ކަމަށެވެ. އަދި ވިލުފުށީ ދަނޑަކީވެސް ފެންވަރު ރަނގަޅު ދަނޑަކަށް ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ 60 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް، ކަނޑައެޅިފައިވާ މުއްދަތަށްވުރެ މާއަވަހަށް މަސައްކަތް ނިންމާނެ ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓާފް ދަނޑުތައް އެޅުމަށް ތައްޔާރުވަމުންދާއިރު، އެންމެ ބޮޑުު ލީގުވެސް ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދަން އެފްއޭއެމްއާއި ޔޫތު މިނިސްޓްރީން ވަނީ މަޝްވަރާ ކޮށްފައެވެ. އެކަމަށް ބޭނުންވާ އިންފްރާ ސްޓްރަކްޗާ ތަރައްގީ ކުރުމަކީ އެންމެ ބޮޑަށް މިހާރު ކުރަމުންދާ މަސައްކަތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އ.އަފީފް

    ތ. އަތޮޅު ތިމަރަފުއްޓަކީ ފުޓްބޯޅައީގެ ގޮތުން އެންމެ މަސްހޫރު އަދި މިހާރުވެސް ދިވެހި ގައުމީ ޓީމަށް 5 ވަރަކަށް ކުދިން ކުޅެމުން ގެންދާ ރަށެއް! އަދި އެންމެ އާބާދީ ބޮޑު ރަށް! އަދި ފުޓް ބޯޅައީގެ ގޮތުން އެންމެ ކުރީ އުޅޭ އެއްރަށް! މިހާރުވެސް އެތަށް ޒުވާން ކުދިންތަކެއް ދަނީ އެކި ކުލަބްތަކަށް ކުޅެމުން! އަދި އދުވަހުން ދުވަހަށް ފުޓްބޯލް ކުޅޭ ކުދިން އިތުރުވަމުން ދާ ރަށެއް! ކީއްވެތޯ މި ފުރުސަތު ތ.ތިމަރަފުޢްޓަށް ނުލިބެންވީ؟ ކޮން ގޮތަކުން ބަލާފަތޯ ތ.ވިލުފުއްޓަށް ދޭންޖެހުނީ؟ އަދުގެ ސަރުކާރުން ދިވެހި ފުޓްބޯލައަށް އަހަންމިއްޔަތުކަން ނުދެނީތޯ؟ ނޫނީ ތިމަރަފުށީ ގައި އުފެދެމުން އަންނަ ޒުވާން ހުނަރުވެރި އެތަށް ފުޓްބޯލް ކުޅުންތެރިންގެ ކުރިމަގު ބަނަކުރަނީތޯ؟ ކޮބާތޯ އިންސާފަކީ؟

    8
    2