ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ޑިފެންޑަރަކީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސާޖިއޯ ރާމޯސް ކަމަށް ޔުވެންޓަސްގެ ޑިފެންޑަރު ޖިއޯޖިއޯ ކިއެލީނީ ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގައި މިރޭ ރެއާލް އާއި ޔުވެންޓަސް ބައްދަލުކުރާއިރު މި މެޗުގެ ކުރިން ސްޕެއިންގެ ނޫހެއް ކަމަށްވާ "އެލް މުންޑޯ" އަށް ދިން އިންޓަވިއުއެއްގައި ކިއެލީނީ ވަނީ ރެއާލްގެ ކެޕްޓަން ރާމޯސް އަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ.

"މޮޅެތި މީހުން ކައިރިން އަބަދުވެސް ކަންތައްތައް ދަސްކުރަން ވާނީ. ކޮންމެހެން އެމީހުން ކޮޕީ ކުރުން މުހިއްމެއް ނޫން. އަހަރެން ގައިގަ ނެތް ރާމޯސް ގައިގަ ހުރި ޓެކްނިކަލް ކޮލިޓީ އާއި އެހެނިހެން ކަންތައްތަކެއް. ރާމޯސް އަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ޑިފެންޑަރު. މުހިއްމު މެޗުތަކުގެ ކުޅެން ވަރަށް ރަނގަޅަށް ރާމޯސް އަށް އިނގޭ" ކިއެލީނީ ބުންޏެވެ.

ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް އާއި ރެއާލް މިރޭ ބައްދަލުކުރާއިރު ފާއިތުވި ތިން އަހަރުތެރޭ ދެ ފަހަރު ޔުވެންޓަސް ވަނީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައެވެ. ނަމަވެސް ފައިނަލަށް ދަތުރުކުރި ދެ ފަހަރު ވެސް ބާސެލޯނާ އަދި ރެއާލް މެޑްރިޑާއި ވާދަކޮށް އެޓީމު ވަނީ ބަލިވެފައެވެ.

ކިއެލީނީ ބުނީ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސްގެ ވާދަވެރިކަން މިހާރު އަންނަނީ ބޮޑުވަމުން ކަމަށާއި އެގޮތުން މިއަހަރު ހާއްސަ ކަމެއް ޔުވެންޓަސް އަށް ކުރެވިދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ހާއްސަ ކަމެއް މިއަހަރު ކުރެވިދާނެ ކަމަށް އަހަރުމެން ގަބޫލުކުރަން. މި މުބާރާތުގެ ތަށްޓަށް އެބަ ވާދަކުރޭ ހަތަރު ނޫނީ ފަސް ވަރަކަށް ޓީމު. އެކަމަކު އެ ޓީމުގެ ތެރެއިން ވެސް ބާސާ އާއި ރެއާލްގަ އެހެން ޓީމުތަކުގަ ނެތް ކަމެއް އެބައިން. އެއީ މެސީ އާއި ރޮނާލްޑޯ. އެ ދެ ޓީމާ ކުޅޭއިރު ވަރަށް ވިސްނަން ޖެހޭނެ. ކިރިޔާ ފުރުސަތެއް ދިނަސް އެމީހުން ދުވަސް ދުއްވާލާނެ" ކިއެލީނީ ބުންޏެވެ.

ޔުވެންޓަސް އަށް ޗެމްޕިއަންސް ލީގު އަދި ކާމިޔާބު ކުރެވިފައި ނުވާއިރު ރެއާލް އަކީ ފާއިތުވި ދެ އަހަރު ވެސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓީމެވެ.