މެންޗެސްޓަރ ޔުނައިޓެޑް ބަލިކުރުމަށްފަހު ޕްރިމިއަރ ލީގު ނެގުން ވާނީ ހާއްސަ ކަމަކަށް ކަމަށް މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރު ކެވިން ޑެ ބްރައިނާ ބުނެފިއެވެ.

ލީގުގެ އެއްވަނައިގައި 16 ޕޮއިންޓުގެ ލީޑަކާ އެކު ސިޓީ މިވަގުތު އޮތްއިރު ލީގު ނަގަން އެ ކްލަބަށް މިހާރު ވަނީ އެންމެ މޮޅެކެވެ. ލީގުގައި ސިޓީ އިން ދެން އެންމެ އަވަހަށް ބައްދަލުކުރާނީ ވާދަވެރި ޔުނައިޓެޑާއެވެ.

ލީގު ނަގަން ސިޓީ އަށް އެންމެ މޮޅެއް މިހާރު ބޭނުންވާއިރު ޑެ ބްރައިނާ ބުނީ ޔުނައިޓެޑް ބަލިކޮށް ލީގު ނެގުން ވާނީ ހާއްސަ އަދި ތާރީހީ ކަމަކަށް ކަމަށެވެ.

"ވަރަށް ރީތި ވާނެ ޔުނައިޓެޑް ބަލިކޮށް ލީގު ނެގިއްޖެއްޔާ. އެކަން ވާނީ ސަޕޯޓަރުންނަށް ވެސް ހާއްސަ ކަމަކަށް. މި ދެ ކްލަބުގެ ތާރީހާއި ދެ ކްލަބުގެ ސަޕޯޓަރުންނަށް ބަލާއިރު ވެސް އެކަން ވާނެ ތާރީހީ ކަމަކަށް" ބެލްޖިއަމް އުފަން މިޑްފީލްޑަރު ބުންޏެވެ.

ކުރިއަށް ސިޓީ އަށް ވަރުގަދަ މެޗުތަކެއް ވެސް ހުރުމާ އެކު ލީގު ޗެމްޕިއަންކަން ވީހާވެސް އަވަހަކަށް ކަށަވަރުކުރަން ބޭނުންވާ ކަމަށްވެސް ޑެ ބްރައިނާ ބުންޏެވެ.

"ޗެމްޕިއަންސް ލީގުގަ މާދަމާ ރޭ އަހަރުމެން މި ކުޅެނީ ލިވަޕޫލްއާ ދެކޮޅަށް. އޭގެފަހުން ޔުނައިޓެޑާއި މި ކުޅެނީ. އެއަށްފަހު އަނެއްކާވެސް ލިވަޕޫލް އާއި ކުޅެފަ ދެން މި ޖެހެނީ ޓޮޓެންހަމް އާއި ކުޅެން. ފުދޭވަރަކަށް އުނދަގޫ ގޮތަކަށް މިއޮތީ. އެހެންވީމަ ވީހާވެސް އަވަހަކަށް ލީގު ނެގިއްޖެއްޔާ އަހަރުމެންނަށް އެހެން މެޗުތަކަށް ސަމާލުކަން ދެވޭނެ" ޑެ ބްރައިނާ ބުންޏެވެ.

ޔުނައިޓެޑް ބަލިކުރުމަށްފަހު ސިޓީ އިން ލީގު ހޯދައިފިނަމަ، އެ ކްލަބު ވެގެންދާނީ ޕްރިމިއަރ ލީގުގެ ތާރީހުގައި ވެސް އެންމެ އަވަހަށް ލީގު ޗެމްޕިއަންކަން ހޯދާ ކްލަބަށެވެ. މި ރެކޯޑު މިހާރު އޮތީ މެންޗެސްޓަރ ޔުނައިޓެޑްގެ އަތުގައެވެ.

ސިޓީ އާއި ޔުނައިޓެޑް ބައްދަލުކުރާ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.