އޭވީސީ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ތިންވަނަ ހޮވި މެޗުން ބަލިވެ، ރާއްޖެއަށް ލޯ މެޑަލް ގެއްލިއްޖެއެވެ.

މިއަދު ކުޅުނު މެޗުން ރާއްޖެ ވަރުގަދަ ތުރުކެމެނިސްތާން އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ.

މީގެ ކުރިން 2016 ވަނަ އަހަރު ބަންގްލަދޭޝްގައި ކުރިއަށްދިޔަ މުބާރާތުގައި ރާއްޖެއަށް ލޯ މެޑަލް ލިބިފައިވާއިރު، މިފަހަރުގެ މުބާރާތަށް ދިޔައީ ފުރަތަމަ ފަހަރަށް ރަން މެޑަލް ހޯދުމަށެވެ. ވޮލީގެ އިދާރީ ކަންކަމުގައި ގިނަ މައްސަލަތަކެއް އުޅުނު ނަމަވެސް، ޓީމު އެކުލަވާލާ މިފަހަރު ރާއްޖެއިން ދިޔައީ ސީދާ ފައިނަލަށް އަމާޒު ހިފައިގެންނެވެ. ޒުވާނުންގެ މިނިސްޓަރު އަހުމަދު މަހުލޫފުވެސް ވިދާޅުވެފައި ވަނީ ރަން މެޑަލް ހޯދުމަކީ ނުވާނެ ކަމެއް ނޫން ކަމަށެވެ.

މިފަހަރުގެ މުބާރާތުގައި ރާއްޖެއަށް މެޑައްޔެއް ނުލިބުނު ނަމަވެސް، ކުރިއެރުންތަކެއް ޓީމުން ފެނުނެވެ. ހާއްސަކޮށް މިދިޔަދެ އަހަރުވެސް ސެންޓްރަލް ޒޯން މުބާރާތުގައި މޮޅެއް ނުލިބި އޮތް އޮތުން ނިމުމަކަށް ގެނެސް، އިއްޔެ ނޭޕާލްގެ ސަޕޯޓަރުން ކުރިމަތީގައި ސީދާ ތިން ސެޓުން ބަލިކުރިއެވެ.

ނޭޕާލްގައި މިފަހަރު ކުރިއަށްދިޔަ މުބާރާތުގައި މިއަދު ކުޅުނު ތިންވަނަ ހޮވި މެޗުގެ ފުރަތަމަ ސެޓުގައި ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ސެޓުގެ ފަހުކޮޅާ ހަމައަށް ދަންދެންވެސް ނަތީޖާ ހަމަހަމަކޮށް ދިޔައިރު، ރާއްޖޭ ޓީމުން ފަހުކޮޅުގައި މުހިއްމު ޕޮއިންޓްތަކެއް ގެއްލުވާލިއެވެ. މިއީ މުޅި މުބާރާތުގައިވެސް ރާއްޖޭގެ ޓީމަށް ދިމާވި ބޮޑު މައްސަލައެކެވެ. އެގޮތުން މުހިއްމު މެޗުތަކެއްގައި ސެޓުތައް ނުނިންމިގެން ބަލިވެފައިވާކަން ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ)ވެސް ފާހަގަކުރިއެވެ.

ފުރަތަމަ ސެޓުގެ ފަހު ފަސް ވަރަކަށް ޕޮއިންޓަށް ގޮސް، ތުރުކެމެނިސްތާނުން ފުލުފުލުގައި ޕޮއިންޓްތައް ނަގާ ސެޓު ގެންދިޔައީ 25-20 އިންނެވެ. ދެވަނަ ސެޓުގައިވެސް ގާތްގަނޑަކަށް 18 ވަނަ ޕޮއިންޓާ ހަމައަށް ހަމަހަމަކޮށް ދިޔައިރު، ކުއްލިއަކަށް ތުރުކެމެނިސްތާނުން ފަސް ވަރަކަށް ޕޮއިންޓްގެ ލީޑެއް ނެގިއެވެ. ރާއްޖޭގެ ޓީމުން ބޮޑަށް ފެނުނީ އަމިއްލަ ގޯސްތަކެވެ. އެ ސެޓު ތުރުކެމެނިސްތާނުން ގެންދިޔައީ 25-19 އިންނެވެ.

މިއަދުގެ މެޗުގައި ކޯޗު ވަނީ މިދިޔަ ތިން މެޗުގައިވެސް ނުފެންނަ ބައެއް ކުޅުންތެރިންނަށް ފުރުސަތު ދީފައެވެ. އެ ކުޅުންތެރިންނަށް ބައިނަލްއަގުވާމީ ތަޖުރިބާތައް ކުރުމަށް ކޯޗު ފުރުސަތު ދިންއިރު، ފަހު ސެޓުގައި ރާއްޖޭގެ ޓީމުން އެންމެ އެކަށޭނެ ޖޯޝެއް ފެނިފައެއް ނުވެއެވެ. އެ ސެޓުގެ ކުރީކޮޅުގައި ތުރުކެމެނިސްތާނުން ބޮޑު ލީޑެއް ނެގިއިރު، ސެޓު ނިންމާލީ 19-25 އިންނެވެ.

އަންނަ އަހަރު ރާއްޖޭގައި އޭވީސީ ފިރިހެން އަދި އަންހެން މުބާރާތްވެސް ބާއްވަން ބިޑް ކުރުމަށް ނިންމާފައިވާއިރު، އަންހެން މުބާރާތުގެ ބިޑް ރާއްޖެއަށް ކާމިޔާބު ވެފައިވާ ކަމަށް މިނިސްޓަރު މަހުލޫފް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ާައަސްލަމް

    ޔޫތު މިނިސްޓަރ މިހާރުން މިހާރަށް އިސްތިއުފާދޭންވީ

    7
    6
  2. މާރިޔާ

    ނެއްފެންވަރު ދައްކަން ނޫޅެ ރަށުގާމަޑުންތިބިނަމަ ބޯހަލާކް

    8
    4
  3. ޕޮގުބާ

    މުޅިގައުމު ލަދުގަންނަވާލާފި އަނެއްކާ އަނެއްބޮނޑިބޯން މާލޭ ފުޓްބޯޅަޓީމް ވީ ވޯލްޑްކަޕް ކޮލިފައިން މެޗްކުޅެންގޮސް

    5
    1
  4. އަހްމަދު

    މެޑެއްޔެއް ނުލިބުނަސް ކުރިއެރުންތަކެއް ލިބިއްޖެޔޯ. ދެންކީއްކުރަން މެޑެލްހޯދާވާހަކަ އަބަދުދައްކާ އޭގައި އަޅާގަނެގެން ނުނެއްޓިގެން ތިޔަ މަހުލޫފެއްވެސް އެ ތެޅިބޭލީ. މީމީހުންނަށް ހީވާކަހަލަ އެހެންމީހުންނަކީ މޮޔައިންނޭ. ބަލަ ކަލޭމެން ތިދައްކާވާހަކަތަކަކީ ގަބޫލުކުރެވޭ ވާހަކަތަކެއްނޫން. ވަޔަކުން މެޗެއްގައި މޮޅުވިއަސް ވަރަށްފެންވަރު ދަށްބައެއް.