ބްރެޒިލަށް އުފަން ފޯވަޑް އެލްކެސަން ޗައިނާ ގައުމީ ޓީމަށް ކުޅޭ ފުރަތަމަ މެޗުގައި ރާއްޖެއާ ދެކޮޅަށް ނުކުންނަން ތައްޔާރުވެއްޖެއެވެ.

އަންނަ މަހު 10 ވަނަ ދުވަހު ރާއްޖެއާއި ޗައިނާ، ވޯލްޑް ކަޕްގެ ކޮލިފިކޭޝަން މެޗުގައި ނުކުންނައިރު، އެ މެޗު އޮންނާނީ މާލޭގައެވެ. އެ މެޗާއި ގުއާމްއާ ދެކޮޅަށް އެގައުމުގައި އޮންނަ މެޗަށް ތައްޔާރުވުމަށް ރާއްޖެއިން ލަންކާގައި ކޭމްޕް ކުރަމުންދާއިރު، ޗައިނާއިން ވަނީ ރާއްޖޭގެ މެޗަށް ސްކޮޑު އިއުލާން ކޮށްފައެވެ.

ޗައިނާއިން އިއުލާން ކުރި ސްކޮޑުގައި އިލްކެސަން ހިމެނިފައިވާއިރު، މިއީ އެހެން ގައުމަކަށް ނިސްބަތްވާ ކުޅުންތެރިޔަކު ޗައިނާ ގައުމީ ޓީމުގައި ހިމެނި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ޗައިނާއިން ވަނީ އިނގިރޭސިވިލާތަށް އުފަން ނީކޯ ޔެނަރެސް ގައުމީ ޓީމުގައި ހިމަނާފައެވެ. އެހެން ނަމަވެސް ޔެނަރިސްގެ މަންމައަކީ ޗައިނާ މީހެކެވެ.

އުމުރުން 30 އަހަރުގެ އެލްކެސަންއަކީ 2013 ވަނަ އަހަރުން ފެށިގެން ޗައިނާގެ ސުޕަ ލީގުގައި ކުޅެމުން އަންނަ ވަރުގަދަ ފޯވަޑެކެވެ. ބްރެޒިލަށް ނުގޮސް، އޭނާ ޗައިނާގައި ވަޒަންވެރިގެން ދިރިއުޅޭތާ ފަސް އަހަރު ވެފައި ވުމުން، ފީފާއިން ބުނާ އުސޫލުގެ ދަށުން ޗައިނާ ގައުމީ ޓީމަށް ކުޅެވޭނެއެވެ. އެއީ އެލްކެސަން އެހެން ގައުމެއްގެ ގައުމީ ޓީމަށް ކުޅެފައިވެސް ނުވާތީއެވެ.

ބްރެޒިލްގެ ޕައުލީނިއޯވެސް ކުޅެމުން އަންނަ ގުއާންޒޯ އެވާގްރާންޑޭއަށް ކުޅެމުން އަންނަ އެލްކެސަންއަކީ 2013 ވަނަ އަހަރާއި 2014 ވަނަ އަހަރުވެސް ޗައިނާގެ ޓޮޕް ސްކޯރާއެވެ. އޭނާ ގައުމީ ޓީމަށް ނެގުމުގެ އެންމެ ބޮޑު ބޭނުމަކީ 2002 ވަނަ އަހަރަށްފަހު ޗައިނާއިން ވޯލްޑް ކަޕަކަށް ކުރަމުން އަންނަ އުންމީދަށް ނިމުމެއް ގެނައުމެވެ.