ރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ އެއް ވޮލީ ކުޅުންތެރިޔާ އަހުމަދު އަބްދުލްކަރީމް (ލޯންގޭ) ގައުމީ ކެރިއަރު ހުއްޓާލިކަން ރަސްމީކޮށް އިއުލާން ކޮށްފިއެވެ.

މިއަހަރުގެ ސެންޓްރަލް ޒޯން މުބާރާތަށްފަހު ރިޓަޔާ ކުރާނެ ކަމަށް، މުބާރާތަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗަށްފަހު ލޯންގޭ ބުނެފައިވާއިރު، އޭނާ ވަނީ ފުން މެސެޖުތަކެއް ވޮލީ އާއިލާއާ ހިއްސާ ކޮށްފައެވެ.

"ވަރަށް އަސަރުގަދަ ވަގުތެއް ގައުމީ ކެރިއަރު ނިންމާލުމަކީ. މިދިޔަ 16 އަހަރު ދުވަހުވެސް ގައުމީ ޖާޒީ ލާފައިވާނީ ފަހުރުވެރިކަމާއެކު. ހަޔާތުގައި ނިންމި އެންމެ އުނދަގޫ ނިންމުން ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަކީ. ގައުމީ ބެޖު ރަމްޒުކޮށްދިނީ ވަރަށް ދާ އޮހޮރުވައިގެން. ހަށިގަނޑުގައި ހުރި ވަރެއް ލައިގެން. ކޮންމެ ވިލާ ގަނޑަކަށްފަހު އަލިވިލޭނެ އާ ދުވަހެއް އަންނާނެ ކަމަށް އުންމީދުވެސް ކޮށްގެން،" ލޯންގޭ ބުނެފައިވެއެވެ.

އޭގެ އިތުރުން ލޯންގޭ ބުނެފައި ވަނީ ރަން މެޑަލްއެއް ނުލިބުމަކީ އެންމެ ދެރަވި ކަންތައް ކަމަށާއި، އެކަން ކުރަން ޒުވާން ކުޅުންތެރިންނާއެކު ނުކުންނަން ތައްޔާރަށް ހުރި ކަމަށެވެ.

"އުންމީދު ކުރި ގޮތަކަށް ނޫން ނިމުނީކީއެއް. ބޭނުންވީ ރަން މެޑަލްއަކާއެކު ނިންމާލަން. އެއީ ގައުމީ ކެރިއަރުގައި އެންމެ ބޮޑަށް ރިގްރެޓް ކުރާނެ ކަމަކީވެސް. އެކަމަކު ގައުމީ ކެރިއަރު ނިންމާލީ ރަނގަޅަކަށް، ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް. ރަނގަޅު އެޓިޓިއުޑެއްގައި ރަނގަޅު އެހީތެރިކަމެއް ޓީމަށް ދީފިނަަމަ، ބައިނަލްއަގުވާމީ މައިދާނުގައި ރަން މެޑަލް ހޯދޭނެ. އަދި އެކަމަށް މަސައްކަތް ކުރާއިރު، ކޯޗިން ޓީމުގައި ހިމެނެންވެސް މިހުރީ ތައްޔާރަށް. އަބަދުވެސް ގައުމީ ޓީމަށް ކުރަން ޖެހޭ ހިދުމަތް ކުރާނަން،" ލޯންގޭ ބުނެފައިވެއެވެ.

ވޮލީގެ އެންމެ ވަރުގަދަ އަތޮޅު، ވ އަތޮޅުގެ ކެޔޮދޫއަށް އުފަން އުމުރުން 33 އަހަރުގެ ލޯންގޭ ފާހަގަކޮށްލެވެނޭ ވޮލީ ކޯޓުން ފެނުނު ވަރުގަދަ ލީޑަރެއްގެ ގޮތުގައެވެ. ހާއްސަކޮށް އޭނާއަކީ އެކަނި މައިއެކަނިވެސް ނަތީޖާ ނެރެވޭނެ ފެންވަރުގެ ޝަހުސިއްޔަތެއްކަން ވޭތުވެދިޔަ އަހަރުތަކުގައި ވަނީ ދައްކައިދީފައެވެ.

2001 ވަނަ އަހަރު އެމްއީއެސް ވޮލީ ޓީމުން ވިދާލި ލޯންގޭ އަކީ ރާއްޖޭގެ ވޮލީގައި ގިނަ ކާމިޔާބީތެއް ހޯދައިފައެވެ. މެދުކެނޑުމެއްނެތި 15 އަހަރު ދުވަސް ވަންދެން ގައުމީ ޓީމަށް ކުޅުނުއިރު، އޭނާއަކީ ފަހަކާ ޖެހެންދެންވެސް ގައުމީ ޓީމުގެ ކެޕްޓަނެވެ. ދިވެހި ސިފައިން ކްލަބުގެވެސް ތަނބެއްގެ ގޮތުގައި ފެންނަ ލޯންގޭ ވަނީ ގައުމީ ޓީމާ އެކު މިހާތަނަށް ދެ ރިހި މެޑަލާއި ދެ ބްރޯންޒް މެޑަލް ހޯދައިފައެވެ.

ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި މީހުން ތަމްރީންކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމް މިދިޔަ އަހަރު ހާސިލްކުރި ލޯންގޭ އަށް އެންމެ ފުރަތަމަ ގައުމީ ޓީމުން ފުރުސަތު ލިބުނީ 2004 ވަނަ އަހަރުގެ ސާފް ގޭމްސް އިންނެވެ. އޭގެ ފަހުން އޭނާ އަންނަނީ މެދުކެނޑުމެއްނެތި ގައުމީ ޓީމަށް ކުޅެމުންނެވެ. އަނިޔާވެގެން ނޫން ގޮތަކަށް އޭނާ އަަށް ގައުމީ ޓީމުން ފުރުސަތު ގެއްލިފައެއް ނުވެއެވެ.

އިންޓަ ސްކޫލް މުބާރާތްތަކުގެ ކޯޗެއްގެ ގޮތުގައި މިހާރުވެސް ލޯންގޭ ފެނިގެންދާއިރު، ވޮލީއަށް ލޯންގޭ ކުރަމުންދާ އަގުހުރި ހިދުމަތަކީ ދެބަހެއް ވެވެން އޮތް ކަމެއް ނޫނެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ާައަސްލަމް

    މީދެން ވާހައެއްތަ؟ ލޯންގޭ ހުންނަންވީނު ގައުމީ ވޮލީ ޖޯޒީ ލައިގެން ކޮސްއަރާފަ 10 މެޗް ކުޅެގެން އެއްމެޗުން މޮޅު އެވަރުކޮއްފާނެ ވޮލީ ދުވަހަކު ނުކުޅޭ ބައެއްވެސް ފުރަތަމަ ހިފަންއުޅެނީ ބޮންތީގަ ބޮންތީގަހިފޭނީ ފަންތަކުގެ ބުޑުން މައްޗަށް އަރައިގެން ހެހެ

    2
    14
  2. މާރިޔާ

    ބޭނުމެއްނޫން އަޑުއަހާކައް ބޭކާރުހަރަދުތަކެއް

    1
    8
  3. ޔާމިން

    ބޯހަލާކު

    1
    7