ލިއޮނަލް މެސީގެ ސޮއި ހޯދިފައިވާކަމަށް ނޯވޭގެ ތިންވަނަ ޑިވިޝަން ކްލަބެއް ކަމަށްވާ އައިކޭ ޖުންކެރަންއިން ބުނެފިއެވެ.

އެޓީމުން މެސީގެ ސޮއި ހޯދުނު ކަމަށް އިއުލާން ކޮށްފައިވަނީ އުމުރުން 16 އަހަރުގެ މެސީ ކިޔާ ކުޅުންތެރިއެއްގެ ސޮއި ހޯދުމުންނެވެ. 16 އަހަރުގެ މެސީއަކީ ދާދިފަހުން ނަން ބަދަލުކުރި ކުޅުންތެރިއެކެވެ. އޭނާއަށް ކުރިން ކިޔާ ނަމަކީ ޑެނިއަލް އަރޭ ނުޓްސަންއެވެ. މެސީގެ ނަމަށް އަރޭގެ ނަން ބަދަލުކުރީ އޭނާގެ އައިޑަލްއަކީ މެސީ ކަމަށްވާތީއެވެ.

"އަހަރެން އަބަދުވެސް މެސީގެ ނަމަށް ނަން ބަދަލުކުރަން ބޭނުންވޭ. އެއީ އަހަރެންގެ އައިޑަލްއަކީ މެސީ، އަހަރެން އެންމެ ބޭނުންވަނީ މެސީ ކުޅޭނެ ގޮތަށް ކުޅެން. އަދި މެސީއާ އެއްވަރަށް އަހަންނަކަށް ނުކުޅެވޭ، އެކަމަކު އަހަރެން އަބަދުވެސް ބަލަނީ މެސީގެ ސްޓައިލަށް ކުޅެވޭތޯ. އަހަރެންގެ ކޮންޓްރޯލްއާއި ޓަޗުތައްވެސް މެސީއާ ދާދި އެއްގޮތްވާނެ،" ނޯވޭގެ މެސީ ބުންޏެވެ.

ޖަންކެރެންގެ ޖެނެރަލް މެނޭޖަރު ރުނާ ބޯ އެރިކްސަން ސަމާސައަކަށް ބުނެފައި ވަނީ މެސީގެ ސޮއި ލިބުމާއެކު ދެން ބަލަމުންދާނީ ރޮނާލްޑޯގެ ސޮއި ހޯދުމަށް ކަމަށެވެ. އަދި އޭނާ ބުނެފައި ވަނީ ކުރިން ޖަޕާނުގެ ކްލަބަކަށް ކުޅުނު ރޮނާލްޑޯ މިހާރު މާކެޓްގައި ލިބެން އެބަހުރި ކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.