އިނގިރޭސި ޕްރިމިއާ ލީގުގައި ނޯވިޗް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ފްރޭންކް ލެމްޕާޑްގެ ކޯޗުކަމުގެ ދަށުގައި ޗެލްސީން ފުރަތަމަ ފަހަރަށް މޮޅެއް ހޯދައިފިއެވެ.

މިއަދު ނޯވިޗްގެ ދަނޑުގައި ކުޅުނު މެޗުން ޗެލްސީ މޮޅުވީ 3-2ގެ ނަތީޖާއަކުންނެވެ. މެޗަށް ލެމްޕާޑް ނެރުނު ފުރަތަމަ 11 ގައި ޒުވާން ކުޅުންތެރިންތަކެއް ގިނަކަން ފާހަގަކޮށްލެވުނުއިރު، އެވަރެޖް އުމުރަކީ 24 އަހަރާ 208 ދުވަހެވެ. އެއީ 1994 ވަނަ އަހަރަށްފަހު ޕްރިމިއާ ލީގުގެ މެޗެއްގައި ޓީމަކުުން ނެރުނު އެންމެ ޒުވާން ޓީމެވެ.

މެޗުގެ ތިންވަނަ މިނެޓުގައި ޓެމީ އަބްރަހަމް ވަނީ ޗެލްސީއަށް ލީޑު ނަގައިިދީފައެވެ. ޗެލްސީގެ ކަނާތް ފަރާތުން ޕުލިސިޗާ އަޒްޕިލިކުއެޓާ ގުޅިގެން އުފެއްދި ހަމަލާގައި ނެގި ހުރަސް، ޓެމީ އަބްރަހަމް ގޯލަށް ވައްދާލީ ތިރިތިރީންނެވެ. އޭގެ ދެމިނެޓްފަހުން ނޯވިޗުން ނަތީޖާ ހަމަހަމަ ކުރިއެވެ. ޗެލްސީގެ ޑިފެންސް ސީޒަންގައި ތަންކޮޅެއް ބަލިކޮށް ފެންނައިރު، ކުދި ޕާސްތަކެއް ޖަހައިގެން އޭރިއާ ތެރެއަށް ވަދ ނޯވިޗަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކަންޓްވެލްއެވެ.

ހާފް ނިމުުމުގެ ކުރިން އިތުރު ދެ ގޯލް ފެނުނުއިރު، ޗެލްސީގެ ދެވަނަ ގޯލް 17 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މޭސަން މައުންޓެވެ. އެއީ އޭނާ ސީޒަންގައި ޖެހި ދެވަނަ ގޯލެވެ. އެ ގޯލާއެކު ޗެލްސީ ލީޑު ކުރަމުންދަނިކޮށް، ހާފް ނިމެން 10 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް، ޓީމޫ ޕުކީ ވަނީ އަނެއްކާވެސް ނޯވިޗަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ދެވަނަ ހާފްގެ ކުރީކޮޅުގައި ޗެލްސީން މެޗު ޑޮމިނޭޓް ކޮށް ކުޅުނުއިރު، ހާފްގެ ކުރީކޮޅުގައި ނާތީޖާވެސް ފެނުނެވެ. ކައުންޓާ އެޓޭކް ފުރުސަތެއްގައި ނޯވިޗްގެ ދެ ޑިފެންޑަރުން ނައްޓާލުމަށްފަހު ޓެމީ އަބްރަމް ތިރިން ފޮނުވާލި ބޯޅަ ވަނީ ސީދާ ގޯލްގެ ކަނަށެވެ.

ޗެލްސީން ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން މޮޅުވީ އެއް މެޗުންނެވެ. ލެސްޓާ އަތުން އެއްވަރުވިއިރު، ޔުނައިޓެޑް އަތުން އެޓީމުވީ ބައްޔެވެ.