އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެއްޖެއެވެ.

މިރޭ ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑުގައި ކުޅުނު މެޗުން ޔުނައިޓޑް ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗުގައި ޔުނައިޓެޑްގެ އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް ވަނީ ޕެނެލްޓީއެއް ނާކާމިޔާބު ކޮށްލާފައެވެ.

މި ހަފްތާ ތެރޭގައި ޔުނައިޓެޑުން ލީގުގައި ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުން 1-1އިން އެއްވަރުވިއިރު، އެ މެޗުގައިވެސް ޔުނައިޓެޑަށް ވަނީ ޕެނެލްޓީއެއް ނާކާމިޔާބު ވެފައެވެ. އެ މެޗުގައި ޔުނައިޓެޑަށް ޕެނެލްޓީ ނާކާމިޔާބު ކޮށްލީ ޕައުލް ޕޮގްބާއެވެ. ޕޮގްބާ އެ މެޗުގައި ޕެނެލްޓީ ނާކާމިޔާބު ކޮށްލުމުން އެކަމާ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

މިރޭގެ މެޗުގައި ޔުނައިޓެޑުން ކްރިސްޓަލް ޕެލެސް އަތުން ބަލިވިއިރު، މިއީ 30 އަހަރު ތެރޭގައި ޔުނައިޓެޑްގެ ދަނޑުގައި ކްރިސްޓަލް ޕެލެސްއިން ހޯދި ފުރަތަމަ މޮޅެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި ޔުނައިޓެޑުން ރަނގަޅަށް ކުޅުނު ނަމަވެސް، ގޯލް ޖެހީ ޕެލެސްއިންނެވެ. ޕެލެސްގެ ގޯލް ޖަހައިދިނީ ޖޯޑަން އަޔޫއެވެ. ދެވަނަ ހާފްގައި ޔުނައިޓެޑަށް ނަތީޖާ ހަމަހަމަ ކުރަން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އެ ފުރުސަތު ވަނީ ބޭކާރުވެފައެވެ. ޔުނައިޓެޑަށް ލިބުނު ޕެނެލްޓީ ނާކާމިޔާބުކޮށްލީ ރަޝްފޯޑެވެ.

ރަޝްފޯޑުގެ ޕެނެލްޓީ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ. މެޗުގައި ދެޓީމުގެ ފަރާތުންވެސް ވަރުގަދަ ހަމަލާތަކެއް ފެނުނުއިރު، ޔުނައިޓެޑުން އެއްވަރުކުރީ 89 ވަނަ މިނެޓުގައެވެ. ޑެނިއަލް ޖޭމްސްގެ ހިތްގައިމު ގޯލާއެކު ޔުނައިޓެޑަށް ހިތްހަމަ ޖެހުން ލިބުނު ނަމަވެސް، 93 ވަނަ މިނެޓުގައި އަނެއްކާވެސް މާޔޫސްވިއެވެ. ޕެލެސްގެ ފުލްބެކް ވެން އަންހޯލްޓް ކުރިއަށް ޖެހި، އަރިމަތިން ފޮނުވާލި ހަމަލާ ގޯލަށް ވަނީ ގޯލްކީޕަރު ޑެހެއާ އަތް ދަށުންނެވެ.

ޔުނައިޓެޑުން ތިން މެޗުން ހަތަރު ޕޮއިންޓާއެކު ފަސްވަނައިގައި އޮތްއިރު، ޕެލެސްއަށްވެސް ވަނީ ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައެވެ. އެޓީމު އޮތީ 10 ވަނައިގައެވެ.

ކިޔުންތެރިންގެ ހިޔާލު