އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ދެބާރު ކަމަށްވާ އާސެނަލްއާއި ލިވަޕޫލް ވާދަކުރި މެޗު 3-1ގެ ނަތީޖާއަކުން ލިވަޕޫލް ކާމިޔާބު ކޮށްފިއެވެ.

ރޭ ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މެޗުގައި ލިވަޕޫލްގެ މުހައްމަދު ސަލާހް ދެ ގޯލް ޖަހާފައިވާއިރު، މިހާތަނަށް ލީގުގައި ކުޅުނު ތިން މެޗުން ތިން މޮޅު ހޯދާ ލިވަޕޫލް އޮތީ އެއްވަނައިގައެވެ. މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ލިވަޕޫލުން ނެގިއިރު، އެޓީމުން ވަނީ ސުޕަ ކަޕްވެސް މި ސީޒަންގައި އުފުލާލާފައެވެ. އާ ކުޅުންތެރިންތަކެއް މި ސީޒަނަށް ލިވަޕޫލާ ނުގުޅުނު ނަމަވެސް، އެޓީމުން އަންނަނީ މިދިޔަ ސީޒަންގައިވެސް ދެއްކި ފޯމް ތަކުރާރު ކުރަމުންނެވެ.

ލިވަޕޫލަށް މިހާތަނަށް ޕްރިމިއާ ލީގެއް ކާމިޔާބުކުރެވިފައިނުވާއިރު، މިދިޔަ ސީޒަންގައިވެސް އެޓީމުން ވަނީ އެ އިންތިޒާރަށް ނިމުން ގެނައުމަށް ކައިރިކޮށްފައެވެ. ފަހުވަގުތު މުހިއްމު ޕޮއިންޓްތަކެއް ގެއްލި މެންޗެސްޓާ ސިޓީން ލީގު ކާމިޔާބު ކުރީއެވެ.

މެޗުގައި އާސެނަލްގެ ފަރާތުން ރަނގަޅަށް ފެށިތަން ފެނިގެންދިޔައިރު، އެޓީމުން ޕޮސެޝަން ހިފަހައްޓައިގެން އެޓޭކް އުފެއްދިއެވެ. އެހެން ނަމަވެސް މަޓިޕްގެ ބޮލުން ކާމިޔާބު ކޮށްދިން ގޯލާއެކު ލިވަޕޫލް ލީޑު ނެގިއެވެ. މެޗުގެ ކުރީކޮޅުގައި އަބަމަޔާންގެ ހަމަލާގެ އިތުރުން އާސެނަލްއަށް އަލަށް ގުޅުނު ނިކޮލަސް ޕެޕޭގެ ހަމަލާވެސް ފާހަގަވެފައިވާއިރު، ނިކޮލަސް ޕެޕޭގެ ހަމަލާ ދިޔައީ ސީދާ ލިވަޕޫލްގެ ގޯލްކީޕަރު އެޑްރިއަން އަތަށެވެ.

ލިވަޕޫލްގެ އެއް ނަންބަރު ގޯލްކީޕަރު އެލިސަން ބެކާ އަދިވެސް ހުރީ އަނިޔާގައެވެ.

ފުރަތަމަ ގޯލާއެކު ލިވަޕޫލުން މެޗުގެ ކޮންޓްރޯލް އަތުލިއެވެ. އާސެނަލްގެ ޑިފެންސަށް ނުރައްކާކޮށް، ޕްރެޝަރު ކޮށްލިއެވެ. ނަތީޖާއެއްގެ ގޮތުން، އާސެނަލްއާ މި ސީޒަނަށް ގުޅުނު ޑޭވިޑް ލުއިޒްގެ ފަރާތުންވެސް ގޯސްތައް ފެނުނެވެ. މެޗުގެ 49 ވަނަ މިނެޓުގައި ލުއިޒް، އޭރިއާ ތެރެއިން ސަލާހް ގައިގައި ހިފަހައްޓާ ވައްޓާލުމުން ރެފްރީ ދިން ޕެނެލްޓީއާއެކު ލިވަޕޫލްއިން ލީޑު ފުޅާކުރިއެވެ. ޕެނެލްޓީ ކާމިޔާބުކޮށްދިނީ ސަލާހެވެ.

އޭގެ އިރުކޮޅެއްފަހު ލުއިޒް ބީޓްކޮށް، ސަލާހް ވަނީ އޭނާގެ ދެވަނަ ގޯލާއެކު ތިން ޕޮއިންޓް ޔަގީން ކޮށްދީފައެވެ. އާސެނަލްގެ ޓޮޓޭރާ މެޗު ނިމެންދަނިކޮށް ގޯލެއް ކާމިޔާބުކުރި ނަމަވެސް، އާސެނަލް ނިންމާލީ މާޔޫސްކަމާއެކުގައެވެ.