އިޓާލިއަން ސެރެއާ އޭގެ އެންމެފަހުގެ ޗެމްޕިއަން ޔުވެންޓަސްއިން ލީގުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެއެވެ.

ޕާމާއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުން ޔުވެންޓަސް މޮޅުވީ 1-0ގެ ހަނި ނަތީޖާއަކުންނެވެ. މެޗުގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފެނިފައިވާއިރު، އޭނާ ގޯލް ތެރެއަށް ވައްދާލީ ބޯޅަ އެއީ ގޯލެއް ނޫން ކަމަށް ރެފްރީ ނިންމީ ވީއޭއާރްގެ އެހީގައެވެ. ވީއޭއާރް ފެންނަ ގޮތުން ބޯޅައަށް ދުތްވައިގަތްއިރު، ރޮނާލްޑޯ އޮތީ ޑިފެންޑަރަށްވުރެ ކުޑަ ތަންކޮޅެއް ކުރީގައެވެ.

ޔުވެންޓަސްއަށް މެޗުގެ ހަމައެކަނި ގޯލް ޖޯޖިއޯ ކިއެލީނީ ކާމިޔާބު ކޮށްދިންއިރު، އެ ގޯލަކީ ކޯނަރެއްގެ އެހީގައި އެލެކްސް ސާންޑްރޯ ފޮނުވާލަން މަސައްކަތް ކުރި ބޯޅަ މިސްރާބު ބަދަލުވެގެން ގޮސް ކިއެލީނީއަށް ލިބުމުން ފަސޭހަކަމާއެކު އޭނާ ވައްދާލި ގޯލެކެވެ. ރޭގެ މެޗަށް ޔުވެންޓަސްއިން ނެރުނު ސްކޮޑުގައި، އެޓީމާ އަލަށް ގުޅުނު އާރޮން ރެމްސީ ހިމެނިފައިނުވާއިރު، އުންމީދީ ޑިފެންޑަރު މެތިއަސް ޑެލިޓް ފެނުނީ ބެންޗުންނެވެ.

ރޭގެ މެޗުގައި ޔުވެންޓަސްގެ ކޯޗު މައުރީޒިއޯ ސާރީ ފެނިފައިނުވާއިރު، އޭނާ އަންނަނީ ނިއުމޯނިއާއަސް ފަރުވާކުރަމުންނެވެ.