ސްޕެނިޝް ލަލީގާގެ މި ސީޒަންގައި ރެއާލް މެޑްރިޑުން ކުޅުނު ދެވަނަ މެޗު 1-1އިން އެއްވަރު ވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ރެއާލް ވަލަޑަލިޑްއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރީކޮޅުން ފެށިގެންވެސް ރެއާލްއިން ދިޔައީ ހަމަލާއަކަށްފަހު ހަމަލާއެއް އުފައްދަމުންނެވެ. އެޓޭކް ވަރުގަދަކޮށް، މުޅި މެޗު ޑޮމިނޭޓްކޮށް ކުޅުމުންދިޔަ ރެއާލްއަށް މަދުވީ ގޯލެކެވެ. ބޭލްގެ ހަމަލާ ގޯލްގެ އަރިމަތި ދަނޑިކައިރިން ބޭރަށްދިޔައިރު، އިސްކޯގެ ބާރު ހަމަލާވެސް ގޯލާ އަމާޒެއް ނުވިއެވެ. އޭރިއާ ތެރެއިން ވަލަލިއޮޑްގެ ޑިފެންޑަރު ނައްޓާލުމަށްފަހު ބެންޒެމާ ހަނި އޭންގަލުން ފޮނުވާލި ހަމަލާ މަތަކުރީ ގޯލްކީޕަރެވެ.

ދެވަނަ ހާފްގައިވެސް ރެއާލްއިން ގޯލަކަށް ބޮޑެތި މަސައްކަތްތަކެއް ކުރިއެވެ. އަލަށް ޓީމާ ގުޅުނު ލޫކާ ޖޮވިޗް ބޮލުން ފޮނުވާލި ހަމަލާ ގޯލްގެ މަތީ ދަނޑިއަށް އަމާޒުވިއިރު، އެޓީމުގެ ގޯލް 82 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބެންޒެމާއެވެ. އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށްހުރެ، ވަރަށް ރީތިކޮށް އެނބުރާފައި ބެންޒެމާ ޖެހި ބޯޅަ އަމާޒުކޮށްލީ ގޯލްގެ ކަނަށެވެ.

މިދިޔަ ސީޒަންގައި ހުސްއަތާ ނިންމާލި ރެއާލްއިން މި ސީޒަނަށް ވަރަށް ބޮޑަށް ތައްޔާރުވިއިރު، ފުރަތަމަ މެޗުގައި އެޓީމު ކުޅުނު މެޗުން އޮތީ މޮޅުވެފައެވެ. މި ޓްރާންސްފާ ސީޒަންގައި ރެއާލް ދޫކޮށްލުމާ ގާތަށް ދިޔަ ގެރެތު ބޭލްއަށް މިރޭގެ މެޗުގައިވެސް ފުރަތަމަ 11އިން ފުރުސަތު ދީފައިވާއިރު، ސްކޮޑަށްވެސް އެޑެން ހަޒާޑް ނަގާފައެއް ނުވެއެވެ.

މެޗުން ރެއާލް މޮޅުވާން ދަނިކޮށް، 88 ވަނަ މިނެޓުގައި ވަލަޑޮއިޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ގާޑިއޯލާ ނަވާރޯއެވެ.