އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީން ކުޅުނު މެޗުން މޮޅުވެ، އެޓީމުން ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

ބޯންމައުތުގެ ދަނޑުގައި އެޓީމާ ދެކޮޅަށް ކުޅުނު މެޗުން ސިޓީ މޮޅުވީ 3-1ގެ ނަތީޖާއަކުންނެވެ. މެޗުގައި ސިޓީގެ އާޖެންޓީނާ ފޯވަޑް ސާޖިއޯ އަގުއޭރޯ ވަނީ ދެ ގޯލް ޖަހައިދީފައެވެ.

ސިޓީން ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެން ދެވަނައިގައި އޮތްއިރު، އެއްވަނައިގައި ލިވަޕޫލް އޮތީ ނުވަ ޕޮއިންޓާއެކުއެވެ. ސިޓީއަށް މި ސީޒަންގައި ޕޮއިންޓް ގެއްލުނީ ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މެޗުގައި ސިޓީގެ ޑިފެންސްގެ ފަރާތުން ކުދިކުދި ގޯސްތަކެއް ފެނުނު ނަމަވެސް ސިޓީއަށް މެޗު ފެނިފައި ވަނީ ފަސޭހަ މެޗެއްގެ ގޮތުގައެވެ. މެޗުގެ ކުރީކޮޅުގައި ކެވިން ޑިބްރޭނާ ދިން ޕާހަކުން އަގުއޭރޯ ލީޑު ނަގައިދިންއިރު، އޭގެ ފަހުން މެޗު ކޮންޓްރޯލް ކުރީ ސިޓީންނެވެ. ސިޓީން ފުރަތަމަ ހާފްގައި އިތުރު ގޯލެއްވެސް ޖެހިއެވެ. ހަމަލާއަކަށްފަހު ހަމަލާއެއް އުފައްދަމުން ގޮސް، ސިޓީން ލީޑު ފުޅާކުރީ ސިލްވާގެ ޕާހަކުން ރަހީމް ސްޓާލިން ޖެހި ގޯލުންނެވެ.

ހާފް ނިމުމުގެ ކުރިން ސިޓީއަށް މާޔޫސްކަމެއް ގެނުވީ ހެރީ ވިލްސަންގެ ހިތްގައިމު ހިލޭ ޖެހުމުންނެވެ. 25 ޔާޑް ބޭރުން އޭނާ ފޮނުވާލި ހިލޭ ޖެހުން އަމާޒު ކޮށްލީ ސީދާ ގޯލްގެ ކަނަށެވެ. ގޯލްކީަޕަރު އެޑިސަން ކުރާނެ މާބޮޑު މަސައްކަތެއް ނެތެވެ. މެޗުގެ ދެވަނަ ހާފްގައި އަގުއޭރޯ އޭނާ ކެރިއަރުގައި ޖެހި 400 ވަނަ ގޯލާއެކު ސިޓީއަށް ލީޑު ފުޅާކޮށްދީ، އުންމީދު އާކޮށްދިނެވެ.