ރާއްޖޭގެެ ގައުމީ ބޮޑީ ބިލްޑިންގ ޓީމަށް އިންޑިއާ ކޯޗެއް ހަމަޖައްސާފައިވާއިރު، އެ ކޯޗުގެ ވިސްނުން ހުރީ ބޮޑީ ބިލްޑިންގ ޓީމް އެހެން ހަރުފަތަކަށް ގެންދިއުމަށް ކަމަށް ޔޫތް މިނިސްޓަރ މަހުލޫފް އަހުމަދު ވިދާޅުވެއްޖެއެވެ.

މިއަދު ޔޫތް މިނިސްޓްރީގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މަހުލޫފް ވަނީ ރާއްޖޭގެ ބޮޑީ ބިލްޑިންގެ ކޯޗް އަނޫރާގް އަށް މަރުހަބާ ދަންނަވާފައެވެ. އަނޫރާގް އަކީ އިންޑިއާގެ ފިޓްނެސް ޓްރެއިނަރެއްގެ މަގާމް ފާއިތުވި ފަސް އަހަރުގައި އަދާކޮށްފައިވާ ބޭފުޅެކެވެ.

މަހުލޫފް ވިދާޅުވީ، މިއަދަކީ ރާއްޖޭގެ ކުޅިވަރަށް ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ. ބޮޑީ ބިލްޑިންގ ދާއިރާއަށް ރާއްޖެއަށް ބޭރުގެ ކޯޗެއްގެ މުހިންމު ކަން އެނގިފައިވަނީ އެންމެ ފަހުން ބޮޑީ ބިލްޑިން ޓީމް ސައުތް އޭޝީއަން ގޭމްސް ނިންމާލުމަށްފަހު ބޭއްވި ބައްދަލުވުމުގައި ކަމަށް މަހުލޫފް ވިދާޅުވިއެވެ. އެހެންކަމުން އޭގެ މާ ގިނަ ދުވަސް ތަކެއް ނުވެ މިހާރު މިވަނީ ބޮޑީ ބިލްޑިން އެސޯސިއޭޝަންގެ ރައީސް އަދި އެކްސްގެ މެމްބަރުންގެ އެހީތެރިކަމާއިއެކު ކޯޗެއް ހޯދާފައިކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ، ކޯޗުގެ ވިސްނުން ހުރީ ގައުމީ ޓިމް އެހެން ހަރުފަތަކަށް ގެންދިއުން ކަމަށާއި، އެ ގާބިލުކަމާއި، ތަޖުރިބާ ކޯޗުގައި އެބަ ހުރި ކަމަށެވެ.

މިނިސްޓަރ މަހުލޫފް ރާއްޖޭގެ ބޮޑީ ބިލްޑިންގ ޓީމުގެ ކޯޗާއި ބައްދަލުކުރެއްވުން - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

"ކޯޗާއިވެސް ކުޑަކޮށް ވާހަކަ ދެއްކިން. އަޅުގަނޑަށް ލިބިފައިހުރި މައުލޫމާތުން ހަމަ އެތަޖުރިބާ ހުރި. އަޅުގަނޑުމެންގެ މިހާރު ގައުމީ ޓީމް އިތުރު އެހެން ހަރުފަތަކަށްވެސް ގެންގޮސް ދިނުމުގެ ގާބިލުކަންހުރި ކޯޗެއް." މަހުލޫފް ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ބޮޑީބިލްޑިންގް ޓީމް އާއި ހަވާލުވެގެން ހުންނެވި ކޯޗް އަނޫރާގް ވެސް ވަނީ ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ، ރާއްޖެއިން އެކަމަށް ކުޅަދާނަ އެތައް ބަޔަކު ފެނިފައިވާ ކަމަށާއި އޭނާ ބޭނުންވަނީ މުޅި ދުނިޔޭގެ އެންމެ މޮޅު އެއް ޓީމަށް ރާއްޖޭގެ ބޮޑިބިލްޑިން އަރުވަން ކަމަށެވެ.

މިނިސްޓަރ މަހުލޫފް ރާއްޖޭގެ ބޮޑީ ބިލްޑިންގ ޓީމުގެ ކޯޗާއި ބައްދަލުކުރެއްވުން - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

އަދި އެކަމަށް ހާއްސަކޮށް ގަދައަޅައި އޭނާ މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

12 ވަނަ ބޮޑީ ބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުން ރާއްޖެ އަށް ވަނީ ރަން ވަނަތަކެއް ހޯދައިދީފައެވެ. އެގޮތުން މުބާރާތުގެ 170 ސެންޓިމީޓަރު ބައިގައި ވާދަކޮށް އަޒްނީން ރަޝީދު ރަން މެޑަލް ހޯދި އިރު، 55 ކިލޯގެ ބައިން މުހައްމަދު މޫސާގެ އިތުރުން، އެ އިވެންޓުގެ ޖޫނިއާ ކެޓަގަރީގައި ވާދަކުރި 19 އަހަރުގެ އަހްމަދު މާހިލް ސައީދުވެސް ވަނީ ރަން މެޑަލް ހޯދާފައެވެ. އަދި 65 ކިލޯގެ ސީނިއާ ކެޓަގަރީގައި ވާދަކޮށް މާހިލް 4 ވަނަ ހޯދާފައި ވެއެވެ.

މީގެ އިތުރުން، ރާއްޖެ އަށް 2 ލޯ މެޑަލް ހޯދައި ދީފައި ވަނީ 167 ސެންޓިމީޓަރުގެ ބައިން ފަތުހުﷲ މުހައްމަދާއި އެތްލެޓިކް ފިޒީކް ބައިން އަހްމަދު ފަޒީލްއެވެ.