ފުޓްބޯލް ކްލަބް ބޯސެލޯނާ ދޫކޮށްލަން އޮއުސްމާން ޑެމްބެލޭ ބޭނުން ނުވާކަމަށް އޭނާގެ އެޖެންޓު މޫސާ ސިސޯކޯ ބުނެފިއެވެ.

ސިސޯކޯ މިހެން ބުނެފައި މިވަނީ ބާސެލޯނާ އިން ޕީއެސްޖީގެ ނޭމާ ހޯދުމަށްޓަކައި ހުށަހަޅާ އެންމެ ފަހުގެ ބިޑުގައި ޑެމްބެލޭ އާއި ރަކިޓިޗް ހިމަނާފައި ވަނިކޮށެވެ. ސެޕްޓެމްބަރު މަހުގެ 2ގައި ޓްރާންސްފާ މާކެޓު ބަންދު ވުމުގެ ކުރިން ބާސާ އިން ނޭމާ ގެންނަން މަސައްކަތް ކުރަމުން އަންނައިރު، އޭނާ ވަނީ ރެއަލް މެޑްރިޑަށް ދާން ބޭނުން ނުވާކަމަށް މީގެ ކުރިން ބުނެފައިކަން ފާހަގަކޮށްލެވެއެވެ.

ޑެމްބެލޭ

ބާސާގެ ރައީސް ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ބުނެފައި ވަނީ ނޭމާ އެ ކްލަބަށް ގެނައުމަށްޓަކައި ދެ ކްލަބުގެ ދެމެދުގައި ކުރަމުން އަންނަ މަޝްވަރާ ތަކަށް ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.

ނޭމާ އަށް 154 މިލިއަން ޕައުންޑުގެ އިތުރުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ޑެމްބެލޭ ވެސް ދޭން ބާސާ އިން ތައްޔާރު ވަމުން އަންނައިރު ޑެމްބެލޭގެ އެޖެންޓު ބުނާ ގޮތުން އޭނާ ބޭނުންވަނީ ބާސާގައި މަޑުކޮށް، އެ ކްލަބާއި އެކު އިތުރު ކާމިޔާބީތައް ހޯދާށެވެ.

ޑެމްބެލޭ

"ޑެމްބެލޭ ބޭނުންވަނީ ބާސާގައި މަޑު ކުރަން. އޭނާ ހުންނާނީވެސް އެ ކްލަބުގައި. އެއީ 100 ޕަސެންޓް ޔަގީންކަން އޮތް ކަމެއް." މޫސާ ސިސޯކޯ ބުނެފައި ވެއެވެ. ޑެމްބެލޭގެ އިތުރުން ދެން އެ ކްލަބުން ދޫކޮށްލަން މަސައްކަތް ކުރަމުން އަންނަ ރަކިޓިޗްވެސް ބޭނުންވަނީ ކޭމްޕް ނޮއުގައި މަޑު ކުރާށެވެ. ނަމަވެސް، ބާސާގެ ކޯޗު އާނެސްޓޯ ވަލްވާޑް ރަކިޓިޗް އަށް އެހައި ބޮޑު ސަމާލު ކަމެއް މިހާރު ނުދެއެވެ.