މެންޗެސްޓާ ޔުނައިޓެޑުގެ މިޑްފިލްޑަރ ޕައުލް ޕޮގްބާ ރެއަލް މެޑްރިޑަށް ގެނައުމަށް އެ ކްލަބުގެ ކޯޗު ޒައިނެއްދީން ޒިދާން ކުރަމުން އަންނަ މަސައްކަތް އަދިވެސް ހުއްޓާނުލައި ކުރަމުން އެބަ ގެންދައެވެ.

ޕޮގްބާ އަކީ މީގެ ކުރިންވެސް ޒިދާން ކަޅި އަޅަމުން އައި ކުޅުންތެރިއެއް ކަމުގައި ވާއިރު، ޕޮގްބާވެސް ވަނީ ރެއަލް މެޑްރިޑަށް ދިއުމުގެ ޝައުގުވެރިކަން ފާޅު ކޮށްފައެވެ. ނަމަވެސް، ޔުނައިޓެޑުން މި ޑީލް ހުއްޓުވުމުގެ ގޮތުން ޕޮގްބާ އަށް ވަނީ 180 މިލިއަން ޕައުންޑުގެ ބޮޑު އަގެއް ކިޔާފައެވެ. އެއީ ރެއަލް މެޑްރިޑަށް އެ އަދަދަށް ފައިސާ ނުހޯދޭނޭ ކަމަށް ބަލާފައެވެ. އެހެން ނަމަވެސް، ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ސެޕްޓެމްބަރު 2ގައި ޔޫރޮޕްގެ ޓްރާންސްފާ މާކެޓު ބަންދުވުމުގެ ކުރިން މެޑްރިޑުން ޕޮގްބާ ގަތުމުގެ ފުރުސަތު އެބަ އޮތެވެ.

ޔުނައިޓެޑުން ޕޮގްބާ ބޭރު ކުރުމަށް ބުނެ ސަޕޯޓަރުންގެ ބަޔަކު ބޯޑަކަށް ސްޕޭ ޖަހާފައި

ޕޮގްބާ ހޯދުމުގެ މަސައްކަތް ރެއަލް މެޑްރިޑުން މެދު ނުކެނޑި ކުރަމުން އަންނައިރު، ޕޮގްބާ އާއި އެ ކްލަބުގެ ސަޕޯޓަރުންގެ ދެމެދުގައި އޮތް ގުޅުންވެސް ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އެ ކްލަބުން ވޮލްވްސް އާއި ދެކޮޅަށް ކުޅުނު މެޗުގައި ޕޮގްބާ ޖެހި ޕެނަލްޓީ ނާކާމިޔާބުވެ، އެ މެޗު 1-1ން އެއްވަރު ވެގެން ނިމުމުން ސަޕޯޓަރުންގެ ބަޔަކު ވަނީ އޭނާ ކްލަބުން ބޭރު ކުރުމަށް ބުނެ ދަނޑު ކައިރީ ހުރި ބޯޑަކަށް ސްޕްރޭ ކޮށްފައި ކަންވެސް ފާހަގަކޮށްލެވެއެވެ.

ޕޮގްބާ އަކީ ޒިދާން އަށް ވަރަށް މުހިއްމު ކުޅުންތެރި އެއްކަން އޭނާ ހާމަކޮށްފައި ވާއިރު، އޭނާ ރެއަލް އަށް ބަދަލު ވެއްޖެނަމަ އެ ކްލަބުގެ ކުޅުން ވަރަށް ބޮޑުތަނުން ރަނގަޅު ވާނޭ ކަމަށް ބެލެވެއެވެ.