މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޗިލީގެ ފޯވާޑް އެލެކްސިސް ސަންޗޭޒް ލޯން އުސޫލްގެ ދަށުން އިންޓާ މިލާން އަށް ބަދަލުވުމުގެ އެނެމް ފަހުގެ ތައްޔާރީތައް ކުރިއަށް އެބަ ދެއެވެ.

ސަންޗޭސް ޔުނައިޓެޑުގައި ހޭދަ ކުރި 18 މަސްދުވަހުގެ ތެރޭގައި ހުރިހާ މުބާރާތްތަކަކުން އޭނާ އަށް ކާމިޔާބު ކުރެވިފައި ވަނީ އެންމެ 5 ގޯލު ކަމުގައި ވާއިރު، އިންޓަ މިލާން އަށް ބަދަލުވެ، ސަންޗޭޒްގެ ކެރިއަރު އަލުން ހަމަ މަގަށް އެޅުވުމަށް އޭނާ ވަނީ ވަރަށް ބޮޑަށް ބޭނުންވެފައެވެ.

ސަންޗޭޒް މިލާން އަށް އައުމުން އޭނާ އަށް ކްލަބުގެ ސަޕޯޓަރުން ވަނީ ހޫނު މަރުހަބާ އެއް ކިޔާފައި

ސަންޗޭޒްގެ އެދުމުގެ މަތިން މި ދެ ކްލަބުގެ ދެމެދުގައި އެތައް ދުވަހެއްގެ މަޝްވަރާތައް ކުރުމަށް ފަހު ޔުނައިޓެޑުން ވަނީ ލޯން އުސޫލުން މިލާން އަށް އޭނާ ދޫކޮށްލަން ނިންމާފައެވެ. ނަމަވެސް، ސަންޗޭޒް އަށް ހަފްތާ އެއްގެ މައްޗައް ދޭން ޖެހޭ 400،000 ޕައުންޑުގެ ތެރެއިން 300،000 ޕައުންޑު ދައްކާނީ ޔުނައިޓެޑުންނެވެ. 2020ވަނަ އަހަރާއި ހަމައަށް ހަދާފައިވާ އެއްބަސްވުން ހަމަވުމާއި ހަމައަށް މިލާން އިން މިގޮތަށް އަމަލު ކުރާނެއެވެ.

ސަންޗޭޒް އަށް ޔުނައިޓެޑުގައި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، ގިނަ ދުވަސްތައް އޭނާ ހޭދަ ކޮށްފައި ވަނީ އަނިޔާގައެވެ. މިހާރު އިންޓަ މިލާންގެ މެޑިކަލް ޓެސްޓުތައް ހަދާފައިވާ އުމުރުން 30 އަހަރުގެ ސަންޗޭޒް އިންޓަ މިލާން ޖާޒީގައި ފެނުމަށް އެ ކްލަބުގެ އެތައް ހާސް ސަޕޯޓަރުން ތަކެއް ކެތްމަދުވެފައި ތިބި ނަމަވެސް، އެ ކްލަބުގެ ދެމެދުގައިވާ އެއްބަސްވުމުގައި ވާގޮތުން އިންޓަ މިލާން އަށް ސަންޗޭޒް ގަތުމުގެ ފުރުސަތެއް ނޯންނާނެއެވެ.

އަނިޔާގެ ސަބަބުން ސަންޗޭޒް އަށް ޔުނައިޓެޑުގައި ކުޅުމުގެ ފުރުސަތު ލިބެނީ ވަރަށް މަދުން

މި މަހު ކުރީ ކޮޅު އިންޓަ މިލާން އިން މެންޗެސްޓާ ޔުނައިޓެޑުގެ ރޮމެލޫ ލުކާކޫވެސް 75 މިލިއަން ޕައުންޑުގެ އަގަކަށް ގަނެފައި ވާއިރު، އެ ކްލަބު މިވަގުތު އޮތީ ސިރިއޭގައި މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް، ޕޮއިންޓް ތާވަލުގެ އެއްވަނާގައިކަން ފާހަގަކޮށްލެވެއެވެ.