ޕީއެސްޖީގެ ނޭމާ ކުރީގެ ކްލަބު ބާސެލޯނާ އަށް ދާން ކެތްމަދުވެފައި ހުރި މި ދަނޑިވަޅުގައި ޕީއެސްޖީ އިން އެންމެ ފަހުން އޭނާ ވިއްކާލަން އެއްބަސްވެއްޖެއެވެ.

މި ޓްރާންސްފާ މާކެޓުގައި އެތައް ފަހަރެއްގެ މަތިން ބާސާ އިން ނޭމާ ގަތުމަށް ހުށަހަޅާފައި ވީ ނަމަވެސް، ޕީއެސްޖީ އިން ވަނީ އެ ހުށަހެޅުންތަކަށް ފުރަގަސް ދީފައެވެ. ނަމަވެސް، ސެޕްޓަރު މަހުގެ 2ވަނަ ދުވަހު ބަންދުވާ ޔޫރޮޕިއަން ޓްރާންސްފާ މާކެޓު ނިމުމުގެ ކުރިން ބާސާ އިން ނޭމާ ހޯދަން ހުށަހެޅި އެންމެ ފަހު ޑީލް ޕީއެސްޖީ އިން ގަބޫލު ކޮށްފައިވާ ކަމަށް މީޑީއާ ރިޕޯޓްތައް ބުނެއެވެ.

ޕީއެސްޖީގެ ކުޅުންތެރިންނާއި ނޭމާގެ ގުޅުންވެސް ވަނީ ހީނަރުވެފައި

މީގެ ކުރިން ބާސާގެ ބައެއް ކުޅުންތެރިންގެ އިތުރުން ފައިސާ ނޭމާގެ ބަދަލުގައި ހުށަހެޅި ނަމަވެސް، ޕީއެސްޖީން ރިޖެކްޓް ކޮށްފައި ވަނީ ބާސާ އިން ހުށަހެޅި ފައިސާ މަދުވުމުންނެވެ. މިހާރު ދެ ކްލަބުގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވިފައި އޮތް ނަމަވެސް، މި ޑީލްގެ އިތުރު މައުލޫމާތެއް އަދި ހާމަވެފައެއް ނުވެފައެވެ.

މިހާރު ނޭމާ ޕީއެސްޖީ އާއި އެކު ހަދާފައިވާ އެންމެ ފަހުގެ ތަމްރީންތައް ނިމިފައި ވާއިރު، އޭނާ ދެން އެ ކްލަބާއި އެކު ތަމްރީނުތައްވެސް ކުރިއަށް ނުގެންދާނޭ ކަމަށް ސްޕެއިންގެ މީޑީއާ ތަކުން އަންނަނީ ރިޕޯޓް ކުރަމުންނެވެ.

ނޭމާ ޕީއެސްޖީ އާއި އެކު އިތުރު ތަމްރީން ތަކެއް ހެދުމަށްވެސް ހަމަޖެހިފައެއް ނުވޭ

ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ޕީއެސްޖީ އަށް ބަދަލުވުމުގެ ކުރިން ނޭމާ ވަނީ ބާސާގައި 4 ސީޒަން ހޭދަކޮށް، 185 މެޗުން 118 ގޯލު ޖަހާފައެވެ. އޭނާ އެނބުރި ބާސާ އަށް ދާން ކެތްމަދުވެފައި ހުރިއިރު، މެސީ އާއި ސުއަރޭޒް ވެސް ހުރީ ނޭމާގެ އިންތިޒާރުގައިކަން ފާހަގަކޮށްލެވެއެވެ.