ދުނިޔޭގެ އެންމެ މޮޅު ދެ ކުޅުންތެރިންގެ ގޮތުގައި ބަލަމުން އަންނަ ލިއޮނެލް މެސީ އާއި ކްރިސްތިއާނޯ ރޮނާލްޑޯ އާއި ވާދަ ކުރުމަށް ފަހު ޔޫއެފާ އިން ހޮވާ ޔޫރޮޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ލިވަޕޫލްގެ ވާޖިލް ވެންޑައިކް ހޯދައިފިއެވެ.

ލިވަޕޫލްގެ އިތުރުން ނެދަލޭންޑްސްގެ ގައުމީ ޓީމުގައިވެސް އިސް ދައުރެއް އަދާ ކޮށްފައިވާ ވެންޑައިކް އަށް އިނގިރޭސި ވިލާތުން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑުވެސް ލިބިފައި ވާއިރު، އޭނާ އަށް މި ދެ އެވޯޑުވެސް ހައްގު ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ވެންޑައިކް އެލިސަން ބެކާ އާއި އެކު

މިދިޔަ ސީޒަނުގައި ލިވަޕޫލް ބައިކޮޅަށް ވަދެފައި ވަނީ އެންމެ 22 ގޯލު ކަމުގައި ވާއިރު، އޭނާ ވަނީ އެ ކްލަބުގެ ޑިފެންސުގައި އިސް ދައުރެއް އަދާކޮށްފައިކަން ފާހަގަކޮށްލެވެއެވެ. ވެންޑައިކް އަށް ޔޫރޮޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ލިބުމާއި އެކު އޭނާ ވެގެން ގޮސްފައި ވަނީ މި އެވޯޑު ހާސިލްކުރި ފުރަތަމަ ޑިފެންޑަރަށެވެ.

"މި އެވޯޑު ލިބުމުން މިހުރީ ވަރަށް ހިތްހަމަޖެހި އުފާވެފައި. މި އެވޯޑު އަހަންނަށް ހޯދައިދިނުމަށް މަސައްކަތް ކުރި ހުރިހާ އެންމެނަށް ޝުކުރު ހައްގު. މިގޮތުން އަހަރެންގެ ޓީމް މޭޓުންނަށް މި ފުރުސަތުގައި ވަރަށް ބޮޑަށް ޝުކުރު ކުރަން. އެމީހުންނާއި ނުލައި އަހަންނަށް މި ކާމިޔާބީ ތަކެއް ނުލިބޭނެ." އެވޯޑު ލިބުމަށް ފަހު ވެންޑައިކް ބުނެފައި ވެއެވެ.

ވެންޑައިކް ޗެމްޕިއަންސް ލީގުގެ ތަށި ލިވަޕޫލް އާއި އެކު ކާމިޔާބު ކުރުމަށް ފަހު

ވެންޑައިކް ޔޫރޮޕްގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ އެވޯޑު ހޯދާފައި ވާއިރު، އޭނާ ވަނީ ދަނޑު މަތީގައި 1000 މިނެޓު ކުޅެ، އެއްވެސް ކުޅުންތެރިއަކަށް އޭނާ ކައިރިން ކޮއްޓާލާފައި ދިއުމުގެ ފުރުސަތު ނުދީފައެވެ. މޮޅު ކުޅުމެއް އޭނާގެ ފަރާތުން ފެންނަމުން ދާއިރު، ޗެމްޕިއަންސް ލީގުގެ އެންމެ މޮޅު ޑިފެންޑަރުގެ މަގާމުވެސް ލިބިފައި ވަނީ އޭނާ އަށްކަން ފާހަގަކޮށްލެވެއެވެ.