ބާސެލޯނާގެ ތަރި ލިއޮނެލް މެސީ އާއި އެކު ޑިނާ އަކަށް ދާން ބޭނުންވާކަން ޔުވެންޓަސް އަދި ޕޯޗުގަލްގެ ތަރި ކްރިސްތިއާނޯ ރޮނާލްޑޯ ހާމަ ކޮށްފިއެވެ.

ރޮނާލްޑޯ މިހެން ބުނެފައި ވަނީ ރޭ ފްރާންސްގައި ބޭއްވުނު ޔޫއެފާ އެވޯޑްސް ނައިޓްގައި ވާހަކަ ދައްކަމުންނެވެ. އޭނާ ބުނެފައިވާ ގޮތުގައި މެސީ އާއި އެކު އެފަދަ ސްޓޭޖުތަކުން ދެމީހުން އެއްކޮށް ފެންނަމުން ދާތާ 15 އަހަރު ވެއްޖެ ކަމަށާއި، މީގެ ކުރިން ދުނިޔޭގެ އެއްވެސް ފުޓްބޯޅަ ދެ ކުޅުންތެރިޔަކު މިގޮތަށް ފެނިފައިވާހެން ހީނުވާ ކަމަށެވެ.

ރޮނާލްޑޯ ވަނީ މެސީ އާއި އެކު ޑިނާ އަކަށް ދިއުމުގެ ޝައުގުވެރިކަން ފާޅުކޮށްފައި

"އަހަރެމެން ދެމީހުން މި ސްޓޭޖު ޝެއާ ކުރާތާ 15 އަހަރު ވެއްޖެ. އަހަންނާ މެސީ އާ. މީގެ ކުރިން މިގޮތަށް ކަންތައް ވެފައި އޮތްހެނެއް އަހަންނަކަށް ހިއެއް ނުވޭ. އެހެންކަމުން މިއީ ފަސޭހަ ކަމެއް ނޫން" ރޮނާލްޑޯ ބުނެފައި ވެއެވެ.

އޭނާ އިތުރަށް ބުނެފައި ވަނީ ޝައްކެއްވެސް ނެތް ގޮތުގައި އެ ދެމީހުންގެ ގުޅުން ވަރަށް ރަނގަޅު ކަމަށާއި، ނަމަވެސް، ދެމީހުން އެކުގައި އަދި ޑިނާ އަކަށް ނުދާތީ އަވަސް މުސްތަގުބަލެއްގައި އެކަން ވާނޭ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ވެންޑައިކް ޔޫރޮޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި ޗެމްޕިއަންސް ލީގުގެ އެންމެ މޮޅު ޑިފެންޑަރުގެ އެވޯޑާއި އެކު

މެދުނުކެނޑި 10 އަހަރު ވަންދެން ފީފާ ބެލޯންޑިއޯގެ މަގާމު މި ދެ ކުޅުންތެރިން ހޯދަމުން އަންނަ އިރު، އެކަމަށް ނިމުމެއް އައިސްފައި ވަނީ މިދިޔަ އަހަރު ލޫކާ މޮޑްރިޗް އަށް އެ މަގާމު ލިބުމުންކަން ފާހަގަކޮށްލެވެއެވެ. ރޭ އޮތް އެވޯޑްސް ނައިޓްގައި މެސީ އާއި ރޮނާލްޑޯވެސް ފަހަތަށް ޖައްސާލުމަށް ފަހު ޔޫރޮޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދާފައި ވަނީ ލިވަޕޫލްގެ ވާޖިލް ވެންޑައިކް އެވެ.