ޗެމްޕިއަންސް ލީގުގެ 2018/19 ސީޒަނުގެ އެންމެ މޮޅު ފޯވާޑުގެ މަގާމު ބާސެލޯނާގެ ފޯވާޑު ލިއޮނަލް މެސީ އަށް ލިބިއްޖެއެވެ.

ކްރިސްތިއާނޯ ރޮނާލްޑޯ އާއި ލިވަޕޫލްގެ ސަދިއޯ މާނޭ އާއި ވާދަ ކުރުމަށް ފަހު މެސީ މި އެވޯޑު ކާމިޔާބު ކޮށްފައި ވަނީ އެންމެ ފަހުގެ ޗެމްޕިއަންސް ލީގު ސީޒަނުގައި 12 ގޯލު ކާމިޔާބުކޮށް، ޓޮޕް ސްކޯރާގެ ގޮތުގައި ސީޒަން ނިންމާލައިގެންކަން ފާހަގަ ކޮށްލެވެއެވެ. ބާސާ އިން ލިވަޕޫލް އަތުން ސެމީ ފައިނަލުގައި ކެޓި ނަމަވެސް، މެސީ އަށް މި އެވޯޑު ލިބިފައި ވަނީ 285 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި މާނޭ 109 ޕޮއިންޓާއި އެކު އޮތް އިރު، 3 ވަނާގައި ރޮނާލްޑޯ އޮތީ 91 ޕޮއިންޓް ލިބިގެންނެވެ.

މެސީ އަށް މި އެވޯޑު ލިބުމުން ރޮނާލްޑޯގެ މޫނުމަތިން ނުތަނަވަސްކަން ވަނީ ހާމަވެފައި

ރޭ ފްރާންސްގެ މޮނާކޯގައި ބޭއްވި ޔޫއެފާ އެވޯޑްސް ނައިޓްސްގައި މެސީ އަށް މި އެވޯޑު ލިބިފައި ވާއިރު، 10 މެޗުން 12 ގޯލާއި އެކު 3 އެސިސްޓް ކޮށްފައިވާ މެސީ އަށް މި އެވޯޑު ހައްގު ކަމަށް ގިނަ ބަޔަކު ދެކެއެވެ. ރޭގެ ހަފްލާގެ ތެރެއިން ރޮނާލްޑޯ އާއި މެސީގެ ގުޅުމާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ރޮނާލްޑޯ ވަނީ މެސީ އާއި އެކު ޑިނާ އަކަށް އަވަސް މުސްތަގުބަލެއްގައި ދާން ބޭނުންވާކަމަށް ބުނެފައިކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް، މެސީ އަށް އެވޯޑު ލިބުނު ވަގުތު ރޮނާލްޑޯގެ މޫނުމަތިން މަތީ ނުތަނަވަސް ކަމުގެ ކުލަވަރުތައް ފެނިފައި ކަމަށް އެތައް ބަޔަކު އަންނަނީ ބުނަމުންނެވެ.

މެސީ އަށް އެންމެ މޮޅު ފޯވާޑުގެ މަގާމު ލިބުނު ނަމަވެސް، ޔޫރޮޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު މެސީ އާއި ރޮނާލްޑޯވެސް ފަހަތަށް ޖައްސާލުމަށް ފަހު ހޯދާފައި ވަނީ އެންމެ މޮޅު ޑިފެންޑަރުގެ މަގާމުވެސް ހޯދި ލިވަޕޫލްގެ ވާޖިލް ވެންޑައިކްއެވެ. މިއީ މި އެވޯޑު ލިބުނު ފުރަތަމަ ޑިފެންޑަރަށް ކަމުގައި ވާއިރު، އެންމެ މޮޅު ކީޕަރުގެ މަގާމު ލިބިފައި ވަނީ ހަމަ އެ ކްލަބުގެ އެލިސަން ބެކާ އަށެވެ. އަދި އެންމެ މޮޅު މިޑްފިލްޑަރުގެ މަގާމު ހޯދާފައި ވަނީ ބާސާގެ ފްރޭންކީ ޑިޔޮންގެވެ.