ބެލްޖިއަމްގެ ރޭސިން ޓްރެކެއްގައި ކުރިޔަށްދިޔަ ފޯމިއުލާ-2 ރޭހެއްގެ ތެރެއިން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި، މަޝްހޫރު ޑްރައިވަރު އެނަތަނީ ހަބާޓް މަރުވެއްޖެއެވެ.

ފްރާންސަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ ޕްރޮފިޝަނަލް ރޭސިންގް ޑްރައިވަރު، އެންތަނީ މަރުވީ މިއަދު ކުރިޔަށްދިޔަ ރޭހުގެ ދެވަނަ ލެޕުގައި ގަޑިއަކު 250 ކިލޯމީޓަރު ބާރުމިނުގައި ދުއްވާފައި ދަނިކޮށް، އޭނާ ދުއްވަން އިން ކާރު، ރޭހުގެ އެހެން ބައިވެރިއެއް ކަމަށްވާ ޖުއާން މަނުއެލް ކޮރެއާ ދުއްވަން އިން ކާރުގައި ޖެހި ހިނގި އެކްސިޑެންޓެއްގައެވެ.

މި ހާދިސާގައި އެންތަނީއަށް ލިބުނު އަނިޔާއަށް ފަރުވާ ދެމުން ދަނިކޮށް އެނަތަނީ މަރުވީ ހޮސްޕިޓަލުގައި ކަމަށް ނޫސްތައް ބުނެއެވެ. އަދި އޭނާ ދުއްވާފައި ދިޔަ ކާރު ޖެހި އެކްސިޑެންޓުވި ކާރުގައި ހުރި ކޮރެއާ އަށްވެސް މި އެކްސިޑެންޓުގައި އަނިޔާވެފައި ވާއިރު، އޭނާގެ ހާލު ރަނގަޅު ކަމަށް ސިއްހީ އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައި ވެއެވެ. ނަމަވެސް ކޮރެއާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އެފަރާތްތަކުން ހާމައެއް ނުކުރެއެވެ.

މި ހާދިސާ އާއި ގުޅިގެން މިހާރު ތަހުޤީޤެއް ކުރިޔަށްދާއިރު، ހާދިސާގައި އެންތަނީ މަރުވުމުން އެކަމާއި ގުޅިގެން ރޭސިންގް އަށް ލޯބިކުރާ ގިނަ ބަޔަކާއި، މަޝްހޫރު ޑްރައިވަރުން ހިތާމަ ފާޅުކުރަމުން ދާއިރު، މިއަދު ކުރިޔަށްދިޔަ މުބާރާތް ވަނީ މި ހާދިސާ އާއި ގުޅިގެން މެދުކަނޑާލާފައެވެ. ނަމަވެސް މި މުބާރާތް، ފަހުގެ ތާރީޚެއްގައި ކުރިޔަށްދާނެ ކަމަށް އެ މުބާރާތް އިންތިޒާމްކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.

މިއަދުގެ އެކްސިޑެންޓު ހިނގި ރޭސިންގް ޓްރެކަކީ މީގެ ކުރިން 1960 ވަނަ އަހަރުވެސް ނުރައްކާތެރި ބޮޑު އެކްސިޑެންޓެއް ހިނގި ޓްރެކެކެވެ. އެ އެކްސިޑެންޓުގައި އިނގިރޭސިވިލާނަށް ނިސްބަތްވާ މަޝްހޫރު ދެ ޑްރައިވަރުން ކަމަށްވާ ކްރިސް ބްރިސްޓޯ އާއި އެލެން ސްޓޭސީ ވަނީ މަރުވެފައެވެ.