މެންޗެސްޓާރ ޔުނައިޓެޑްގެ ތަރި ޕައުލް ޕޮގްބާ ބުނާގޮތުން އޭނާއާ އެކީ އެއް ޓީމަކަށް އެންމެ ކުޅެން ބޭނުން ވަނީ ޕީ އެސްޖީގެ ވިންގާ ނޭމާ، ރިއަލް މެޑްރިޑް އަދި ބާސެލޯނާ އަށް މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނެލް މެސީ އެވެ. މެދުތެރެ އަށް ކުޅެމުން އަންނަ ޕޮގްބާ ބުނެފައިވަނީ ނޭމާ އާއި އެކީ ކުޅުމަކީ ހުވަފެނެއް ކަމަށެވެ. އަދި އޭގެ މާނަ އަކީ ޕޮގްބާ އެހެން ޓީމަކަށް ދާން ބޭނުންވާ ކަމެއް ނޫން ކަމަށެވެ.

25 އަހަރުގެ ޕޮގްބާ ވަނީ ފާއިތުވި ދުވަސް ކޮޅެއްގެ ތެރޭގައި ބައެއް ދަތިތަކާ ކުރިމަތި ލާފައެވެ. އޭގެތެރޭގައި ޔުނައިޓެޑްގެ ކޯޗް މޮރީނިއޯ ވަނީ ޕޮގްބާ ބައެއް މެޗުތަކުގައި ބެންޗުގައި ބަހައްޓާފައެވެ. މިކަމާއި ގުޅިގެން އޭނާ ބުނެފައި ވަނީ ބެންޗުގައި އިންނަން ޖެހުމަކީ ކުރިން ވީކަމެއް ނޫން ކަމަށާއި، މިކަހަލަ ވަގުތު ތަކަކީ ވަރުގަދަ ވުމަށް ލިބޭ ވަގުތުތައް ކަމަށާއި އިތުރު ހިއްވަރަކާ އެކީ ކުރިޔަށް ދާނެ ކަމަށެވެ.

ކޯޗު އާއި ދޭތެރޭ ދެކޭގޮތަކީ ކޮބައިތޯ އަހާލުމުން ޕޮގްބާ ބުނެފައި ވަނީ ކޯޗުގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި ކޯޗު އަކީ ޓީމް ނަގާ މީހާ ކަމަށް ވުމުން އޭނާ މަދުން ކުޅުވަނީ ކީއްވެކަން އިންގޭނީ ކޯޗަށް ކަމަށް އޭނާ ބުންޏެވެ. ކޯޗުގެ ކޮންމެ ނިންމުމަކަށް ވެސް އޭނާ އިޙްތިރާމު ކުރާނެ ކަމަށް ޕޮގްބާ ވަނީ ބުނެފައެވެ.

ކުރިއަށް އޮތް ހަފްތާގެ ހޮނިހިރު ދުވަހު އިއްތިހާދު ސްޓޭޑިއަމްގައި މެންޗެސްޓާރ ޔުނައިޓެޑް އަދި މެންޗެސްޓާރ ސިޓީ، ބައްދަލުކުރާ މެޗުގައި އޭނާ ދެކެނީ، ރަނގަޅު ކުޅުމެއް ކުޅެ ސިޓީ މިފަހަރުގެ ޕްރެމިއާ ލީގުގެ ތަށި ހޯދުމަށް އިތުރު ފަހެއް ޖެއްސުމަށެވެ.