ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީ ހުއްޓުވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ރޯމާގެ ޑިފެންޑަރު ކޮސްޓަސް މަނޯލަސް ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގައި ބާސާ އާއި ރޯމާ މިރޭ ބައްދަލުކުރާއިރު އަނިޔާ އިން ރަނގަޅުވެ ކުޅުމުގެ ތެރެއަށް މެސީ އައިސްފައި ވަނީ ދާދިފަހުންނެވެ. މެސީ މިވަގުތު ހުރީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށްވާއިރު އޭނާ ވަނީ މި ސީޒަނުގެ މިހާތަނަށް ކުޅުނު 44 މެޗުގައި 36 ގޯލު ކާމިޔާބުކޮށްފައެވެ.

މެސީ ހުއްޓުވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ދާދިފަހުން މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާ ބުނެފައިވާއިރު އޭނާގެ އެ ވާހަކަ އަށް ރޯމާގެ ޑިފެންޑަރު މަނޯލަސް ވެސް ވަނީ އެއްބަސްވެފައެވެ.

"ގާޑިޔޯލާ އެ ބުނީ ތެދެއް. މެސީ ހުއްޓުވޭނެ އެއްވެސް ގޮތެއް ނެތް. މެސީއާ ނުލާ ބާސާ އަކީ މުޅިން ތަފާތު ޓީމެއް. ވަރަށް ރަނގަޅަށް އަހަރުމެން ޖެހޭނެ މިރޭ މަސައްކަތް ކުރަން" މަނޯލަސް ބުންޏެވެ.

ބާސާ އާއި ރޯމާ ޗެމްޕިއަންސް ލީގުގައި އެންމެފަހުން ބައްދަލުކުރީ 2015 ވަނަ އަހަރު ކަމަށްވާއިރު އެ މެޗު 1-6 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ބާސާ އިންނެވެ.

އެ މެޗުގައި މަނޯލަސް ކުޅުނުއިރު އޭނާ ބުނީ އެ މެޗުގައި ރޯމާގެ ގޭމް ޕްލޭން ރޭވިފައި އޮތީ ގޯސްކޮށް ކަމަށެވެ. އެގޮތުން މާބޮޑަށް ޓީމު ކުރިއަށް ޖެހިލައިގެން ކުޅުމުން ހުސް ޖާގަތައް ހޯދަން ބާސާ އަށް ފަސޭހަވިކަން މަނޯލަސް ފާހަގަކުރިއެވެ.

ނަމަވެސް ރޯމާ އަކީ މިހާރު ތަފާތު ޓީމެއް ކަމަށާއި ބާސާ އަކީ ފެވަރިޓުންނަށް ވިޔަސް ކޮންމެފަދަ ގޮތެއް ވެސް ވެދާނެ ކަމަށް މަނޯލަސް ބުންޏެވެ.

"މުބާރާތުގެ ގްރޫޕް ސްޓޭޖުގަ ވާނީ ދައްކާފަ އަހަރުމެންނަކީ މިއީ ކިހާ ފެންވަރެއްގެ ޓީމެއްކަން. ބާސާ އަކީ ފެވަރިޓުން. އެކަމަކު 11 ކުޅުންތެރިންނާއި ދެކޮޅަށް 11 ކުޅުންތެރިން ކުޅޭއިރު ހަމަ ކޮންމެ ފަދަ ގޮތެއް ވެސް ވެދާނެ" މަނޯލަސް ބުންޏެވެ.

ބާސާގެ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 11:45 ގައެވެ.