ޕީއެސްޖީ ދޫކޮށްލާފައި ނޭމާ ނުދާނެ ކަމަށް އެ ކްލަބަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ ބުނެފިއެވެ.

ދުނިޔޭގެ ރެކޯޑު ފީއަކަށް ބާސެލޯނާ އިން މިދިޔަ އަހަރު ޕީއެސްޖީއަށް އައި އިރުއްސުރެން އޭނާ ސްޕެއިން ގެ ރިއަލް މެޑްރިޑް އަށް ދާން އުޅޭކަމުގެ ގިނަ އަޑު ތަކެއް ވަނީ ފެތުރިފައެވެ.

މިވަގުތު އަނިޔާ އާއި ގުޅިގެން ކުޅުމާއި ދުރުގައި ހުރި ނޭމާގެ ކުރިމަގާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކާ ގުޅިގެން އެމްބާޕޭ ބުނީ ނޭމާ ރެއާލް އަށް ދާން އުޅޭ ވާހަކައަކީ މީހުން ދައްކާ ވާހަކަތަކެއް ކަމަށާއި ރެއާލް އަށް ނޭމާ ނުދާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

"ނޭމާ އަހަންނަށް މެސެޖުކޮށް ހަބަރުދޭ. އަނިޔާ އިން ރަނގަޅުވެ ވޯލްޑް ކަޕްގައި ނޭމާ އަށް ކުޅެވުމަކީ އަހަރެންގެ އެދުމެއް. އެކަމަކު ވޯލްޑް ކަޕް ތަށި ނޭމާ އުފުލާކަށް ނޭދެން" އެމްބާޕޭ ބުންޏެވެ.

 

ނޭމާ ރެއާލް އަށް ބަދަލުވެދާނެ ކަމުގެ ވާހަކަތަށް ދެކެވެމުންދާއިރު ދާދިފަހުން ޕީއެސްޖީގެ ރައީސް ނަސީރް އަލް ހަލައިފީ ވަނީ ނޭމާ އެ ކްލަބް ދޫކޮށްލަން އުޅޭ ވާހަކަތަށް ދޮގުކޮށްފައެވެ. އެގޮތުން ނޭމާ ޕީއެސްޖީގައި ހުރީ އުފަލުން ކަމަށްވެސް ހަލައިފީ ވިދާޅުވިއެވެ.

ފަޔަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދުމަށް ނޭމާ މިވަގުތު ބްރެޒިލްގައި ހުރިއިރު އެ އަނިޔާ އާއި ގުޅިގެން ގާތްގަނޑަކަށް ދެ ތިން މަސްދުވަހަށް އޭނާ ވަނީ ކުޅުމާއި ދުރުގައި ހުންނަން ޖެހިފައެވެ.

ނޭމާ މިހާރު އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ މިއަހަރުގެ ޖޫން މަހު ރަޝިޔާގައި ބާއްވާ ވޯލްޑް ކަޕަށް ފިޓުވުމަށެވެ.

ޕީއެސްޖީގައި މޮޅު ކުޅުމެއް ނޭމާ ދައްކަމުން އަންނައިރު އޭނާ މި ސީޒަނުގައި އެޓީމަށް ކުޅެދިން 30 މެޗުގައި 29 ގޯލު ކާމިޔާބުކޮށްދީފައެވެ.