އިންގްލަންޑްގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް ކުޅެމުންނަ ފްރާންސްގެ ޒުވާން ޑިފެންޑަރު އަމެރިކް ލަޕޯޓް ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން ކުރި އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

އުމުރުން 24 އަހަރުގެ ހުނަރުވެރި ޑިފެންޑަރު ލަޕޯޓް އަށް އަނިޔާވީ ޕްރިމިއާ ލީގުގައި އެންމެ ފަހުން ސިޓީ އާއި ބްރައިޓަން އެތިހާދް ސްޓޭޑިއަމްގައި ކުޅުނު މެޗުގަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ބްރައިޓަންގެ ކުޅުންތެރިއަކު ކުރި ފައުލެއްގައި ލަޕޯޓް އަށް އަނިޔާވެ އޭނާ ވަނީ ބަދަލުކޮށްފަ އެވެ.

ލަޕޯޓްގެ އަނިޔާއާއި ގުޅޭގޮތުން ސިޓީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުން ބާސެލޯނާގައި ކުރިއަށްދިޔަ އޮޕަރޭޝަން ކާމިޔާބުކަމާއެކު މިހާރު ނިންމާލައިފައިވާ ކަމަށާއި ކުރިއަށްއޮތް ދުވަސްތަކުގައި އަނިޔާގެ އިތުރު މައުލޫމާތު ހާމަކުރަމުން ގެންދާނެ ކަމަށެވެ.

މޮޅެތި ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ވަރުގަދަ ސްކޮޑެއް އޮތަސް ސިޓީއަށް މިހާރުވަނީ ޑިފެންޑަރުންގެ މައްސަލަ ފެންމަތިވެފަ އެވެ. ނިމިގެންިދޔަ ޓްރާންސްފާ ބާޒާރުގައި ސިޓީ އިން އެޓީމްގެ ކުރީގެ ކެޕްޓަން އަދި ބެލްޖިއަމްގެ ޑިފެންޑަރު ވިންސެންޓް ކޮމްޕެނީ ވިއްކާލާފައިވާއިރު އިންގްލަންޑްގެ ޖޯން ސްޓޯންސް ވެސް ހުރީ ފަލަމަސްގަނޑަށް ލިބުނު އަނިޔާ އަކާއި ގުޅިގެން ކުޅުމާއި ދުރުގަ އެވެ. ކްލަބްގައި މިހާރު ފިޓް ސެންޓާ ބެކަކަށް ހުރި ކުޅުންތެރިއަކީ އާޖެންޓީނާގެ ނިކޮލަސް އޮޓަމެންޑީ އެވެ.

ރިޕޯޓްތައް ބުނާގޮތުން ލަޕޯޓް އަށް ލިބުނު އަނިޔާ އާއި ގުޅިގެން އޭނާ މަދުވެގެން 4 މަސްދުވަހު ކުޅުމާއި ދުރުގައި ހުންނަން ޖެހިދާނެ އެވެ. ސިޓީ އިން އިނގިރޭސި ލީގު ޖެހިޖެހިގެން ދެފަހަރު ކާމިޔާބުކުރިއިރު ލަޕޯޓް ވަނީ ޓީމުގެ ފަހަތް ބެލެހެއްޓުމުގައި މުހިއްމު ރޯލެއް އަދާކޮށްފަ އެވެ.