ފުޓްބޯޅަ އަކީ ވަކި މީހަކަށް، ވަކި އުމުރަކަށް އަދި ވަކި ޖިންސަކަށް ހާއްސަ ކުޅިވަރެއް ނޫނެވެ. ފުޓްބޯޅަ އަކީ އެންމެންގެ ކުޅިވަރެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން ފުޓްބޯޅަ ގްލޯބަލައިޒް ކުރުމަށްޓަކައި ތަފާތު ހަރަކާތްތައް ހިންގަ އެވެ. އެގޮތުން ފީފާ އިން ފުޓްބޯޅައިގެ ދުނިޔޭގައި ހިނގާ ތަފާތު، ހާއްސަ ކަމަކަށް ފީފާ ފޭން އެވޯޑްގެ ނަމުގައި 2016 ވަނަ އަހަރުން ފެށިގެން އާއްމުންގެ ވޯޓް އިން ހޮވައިގެން ކޮންމެ އަހަރަކު އެވޯޑެއް ދެ އެވެ. އެގޮތުން މިފަހަރު މި ބަލާލަނީ 2019 ވަނަ އަހަރުގެ ފީފާ ފޭން އެވޯޑަށް ނޮމިނޭޓް ވެފައިވާ ސިލްވިއާ ގްރެކޯ އާއި އޭނަގެ ދަރިފުޅުގެ ވާހަކަ އަށެވެ.

ބްރެޒިލްގެ ސައުޕައުލޯގައި ދިރިއުޅެމުން އަންނަ ސިލްވިއާ އަކީ ކުޑައިރުއްސުރެ ފުޓްބޯޅަ އަށް ޝައުގުވެރިކަން ހުންނަ އަންހެނެކެވެ. ބްރެޒިލިއަން ލީގުގެ ޕަލްމެއިރާސް އެފްސީ އަށް ސަޕޯޓްކުރާ ސިލްވިއާގެ ހަމައެކަނި ދަރިފުޅު ނިކޮލަސް އަކީ އޮޓިސްޓިކް ކުއްޖެކެވެ. ބަރުދަނުގައި އެންމެ 500 ގްރާމްގައި، ދުވަސް ހަމަަވުމުގެ 5 މަސް ކުރިން ނިކޮލަސް ވިހެއުމުގެ ސަބަބުން އެ ކުއްޖާ ވަނީ ލޮލުގެ ފެނުމުން މަޙްރޫމްވެފަ އެވެ.

ފީފާ އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ސިލްވިއާ ކިޔައިދިން ގޮތުގައި ނިކޮލަސް އަކީ އޮޓިސްޓިކް ކުއްޖެއް ކަމުން މުޖުތަމައު ތެރޭގައި އުޅެން އޭނަ އަށް އުނދަގޫ ކަމަށެވެ. އެހެން ކަމުން ނިކޮލަސް އަށް ވެސް އެހެންކުދިންނެކޭ އެއްފަދައިން އުފާވެރިކަމާއި ހިތްހަމަޖެހުން ތަޖުރިބާކުރެވޭނެ ކަހަަލަ ކަމެއް ފެނޭތޯ މަސަތްކަތްކުރަން ފެށި ކަމަށާއި ލޯފަން ދަރިފުޅު ގޮވައިގެން ދަނޑަށް ގޮސް ފުޓްބޯޅަ މެޗުތައް ދަރިފުޅަށް ކިޔައިދޭން ވިސްނުން އައީ އެހިސާބުން ކަމަށެވެ.

''އަހަރެން ބޭނުންވި ނިކޯ ވެސް އެހެން ކުދިން އުޅޭހެން އުޅެން. އުފާވެރިކަމާއެކު ހިތްހަމަޖެހިލައިގެން. ދެން ހިތަށް އައީ ދަރިފުޅު ގޮވައިގެން ދަނޑަށޭ ދާނީ. ނިކޮލަސް ގޮވައިގެން ދަނޑަށް ދިޔަ ފުރަތަމަ ދުވަހުވެސް އަހަރެންނަށް ފާހަގަވެގެންދިޔަ ނިކޮލަސް ވަރަށް ޝައުގުވެރިކަމާއެކު އޭނާގެ ވަށައިގެންވާ މާހައުލުން އިވޭ އަޑުތަކަށް އިޖާބަދޭކަން.'' ސިލްވިއާ ބުންޏެވެ.

''މެޗު ކުރިއަށްދާއިރު ދަރިފުޅަށް އަހަރެން ކިޔައިދެން މެޗުގައި ހިނގާ ހުރިހާ ކަމެއް. ކުޅުންތެރިން ކުޅެމުންދާ ގޮތާއި، ކުޅުންތެރިންގެ ބޮލުގައި ޖައްސާފައި ހުރީ ކޮން ކުލައެއްކަމާއި، ލައިގެން ހުރި ބޫޓު ތަކުގެ ކުލައިގެ އިތުރުން ވަށައިގެންވާ މާހައުލުގައި ހިނގަމުންދަނީ ކޮން ކަންތައްތަކެއް ކަން. ނިކޯ އެންމެ ފޯރި ހުންނަނީ ލަނޑެއް ޖެހުމުން. ވަރަށް ފޯރި ނަގާނެ،'' ސިލްވިއާ ބުންޏެވެ.

ލޯފަން ކުއްޖެއް ނަމަވެސް މިއަދު ނިކޮލަސް އަށް އެހެން ކުދިންނެކޭ އެއްފަދައިން ފުޓްބޯޅައިގެ އުފާ ތަޖުރިބާކުރެވެ އެވެ. ނިކޮލަސްގެ މަންމަ ބުނާގޮތުން ދަނޑަށް ވަނުމާއެކު ނިކޮލަސް އަށް މުޅިން އާ މިނިވަންކަމެއް ލިބޭ ކަހަލަ އެވެ. ދަރިފުޅަށް މެޗުތަކުގެ ވާނުވާ ކިޔައިދޭންފެށި ހިސާބުން ނިކޮލަސްގެ ދިރިއުޅުން ބަދަލުވި ކަހަލަ އެވެ.

''އަހަރެންނަކަށް އަސްލު ނޭނގޭ ބުނެދޭންވެސް ދަރިފުޅަށް މިހާރު އެ ލިބޭ އުފާވެެރިކަން. ދަނޑަށް ވަނީމަ ހީވަނީ ހަމަ ނޯމަލް ކުއްޖެއްހެން. ބައެއް ފަހަރަށް ލަނޑު ޖަހައި ގަޑީގައި އަޑުގަދަވާއިރަށް ފުއްމައިގެންވެސް ތެދުވެ ސަޕޯޓްކުރޭ. އަހަރެންނަކީ ނިކޯގެ ލޯ ކަހަލަ. އަހަރެން ވަރަށް ބަލަން ސަޕޯޓަރެއްގެ ގޮތުން އަހަރެން ދަނޑުތެރޭގައި ތަޖުރިބާކުރާ ހުރިހާ އިހުސާސްތަކެއް ނިކޯ އަށް ކިޔައިދެވޭތޯ. އެއީ އަހަރެން މިކަން ކުރާ ސަބަބަކީ ވެސް. ނޯމަލް މީހެއްގެ އިހުސާސްތައް އަހަރެންގެ ދަރިފުޅުވެސް އަމިއްލަ އަށް ތަޖުރިބާކުރުން،'' ސިލްވިއާ އޭނަގެ ދަރިފުޅުގެ އުފާވެރިކަން ހިއްސާކުރަމުން ކިޔައިދިނެވެ.

ސިލްވިއާ އޭނާގެ ދަރިފުޅުގެ އުފަލައްޓަކައި އެކޮށްދޭ ކަންތައްތަކުގެ ސަބަބުން ނިކޮލަސް ކުރިއަށްވުރެ ބޮޑަށް މުޖުތަމައު ތެރައަށް ހޭނުމުގެ އިތުރުން އެދެމައިންގެ ގުޅުންވެސް ކުރިއަށްވުރެ ވަރުގަދަވެގެން ހިނގައްޖެ އެވެ.

''މަންމަ އެއްގެ ހައިސިއްޔަތުން ދަރިފުޅާއެކު މިހާ އުފާވެރި ވަގުތު ހޭދަކުރެވޭތީ ހަގީގަތުގައިވެސް ވަރަށް އުފާވޭ. މަޔަކަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުން މިއީ. މަންމަ އެއް ދަރިއަކަށްޓަކައި ކުރާ ކަންތަކަށްވުރެ ވަކި އަގުހުރި ކަމެއް ނޯންނާނެ. އެކަން އަހަރެންގެ ދަރިފުޅަށް ބަލާލީމަ އަހަރެންނަށް އިހުސާސްވޭ،'' ސިލްވިއާ ކިޔައިދީފައިވެ އެވެ.

ފީފާގެ ފޭން އެވޯޑްއަށް ސިލްވިއާ އާއި ދަރިފުޅުގެ ވާހަކަ ނޮމިނޭޓްވެފައިވާއިރު މިއީ ހަމަގައިމުވެސް ފުޓްބޯޅައިގެ ދުނިޔޭގައި ނުކުޅެދޭ ކުދިންނަށްވެސް މި ކުޅިވަރުގެ އުފާވެރިކަން ތަޖުރިބާކޮށްލެވޭނެކަން މުޅި ދުނިޔެއަށް ސާބިތުކޮށްދިން މިސާލެކެވެ. ފީފާ ފޭން އެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ވަނަ ދުވަހު އިޓަލީގެ މިލާންގައި އޮންނަ ފީފާ އެވޯޑް ނައިޓްގަ އެވެ.