ބޮޑު ތަފާތަކުން ފިލިޕީންސް ބަލިކޮށް ސީރިއާ އިން ރާއްޖެ ހިމެނޭ ގްރޫޕް އޭގެ އެއްވަނަ އަށް ޖެހިލައިފި އެވެ.

މިއަދު ހަވީރު ފިލިޕީންސްގެ ދަނޑުގައި ކުޅުނު ވޯލްޑް ކަޕް ކޮލިފައިންގެ އޭޝިއާ ބައްރުގެ ގްރޫޕް އޭގެ ދެވަނަ މެޗުގައި ފިލިޕީންސްގެ މައްޗަށް ސީރިއާ ކުރިހޯދީ 5-2ގެ ނަތީޖާއަކުންނެވެ. މެޗުގެ ވަރަށް ކުރީކޮޅު ފިލިޕީންސްގެ ހާވިއާ ޕަޓީނޯގެ ލަނޑުން ފިލިޕީންސް ސަޕޯޓަރުން ހެއްވާލި ނަމަވެސް ސީރިއާގެ ޓީމް ވަނީ މާގިނައިރުތަކެއް ނުވެ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި އެ ލަނޑު އެޓީމަށް ޖަހައިދިނީ އުމަރް އަލް ސަމާހު އެވެ. އުމަރުގެ ލަނޑާއެކު ސީރިއާ އިން މެޗުގެ ކޮންޓްރޯލް ނެގައި ފުލުފުލުގައި ފިލިޕީންސްގެ ގޯލަށް ނުރައްކާ ކުރަން ފެށި އެވެ. ނަތީޖާއަކަށްވީ 31 ވަނަ މިނެޓުގައި ޚަލީދު މުބައްޔިދުގެ ލަނޑުން ސީރިއާ ލީޑު ނެގުމެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1ގެ ނަތީޖާއަކުން ސީރިއާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ ލިބުނު ޕެނަލްޓީ އެއްގައި ފިރާސް އަލްޚާތިބް ސީރިއާ އަށް ލަނޑުގެ ލީޑެއް ނަގައި ފިލިޕީންސް ސަޕޯޓަރުން މާޔޫސްކޮށްލި އެވެ. ފުރަތަމަ ހާފުހެން ދެވަނަ ހާފުވެސް ކޮންޓްރޯލް ކޮށްގެން ކުޅުނީ ސީރިއާ އިންނެވެ. އުމަރު އަލް ސަމާހުގެ ދެވަނަ ލަނޑު 56 ވަނަ މިނެޓުގައި ފެނިގެންދިޔަ އިރު 84 ވަނަ މިނެޓުގައި ފިލިޕީންސް އިން އުފެއްދި ކައުންޓާ ހަމަލާ އެއްގައި މައިކް އޮޓް ވަނީ ލަނޑެއް ކާމިޔާބުކޮށްފަ އެވެ. މެޗުގައި ފެނިގެންދިޔަ 7 ވަނަ ލަނޑާއެކު 86 ވަނަ މިނެޓުގައި މަހްމޫދު އަލް ނަވާސް ވެސް ލަނޑު ލިސްޓުން ޖާގަ ހޯދައި ސީރިއާގެ ލީޑު އަނެއްކާވެސް 3 ލަނޑަށް ފުޅާކުރި އެވެ.

ފިލިޕީންސްގެ ދަނޑުގައި ސީރިއާ ޓީމުން ހޯދި ބޮޑު މޮޅާއެކު އެޓީމް ގްރޫޕް އޭގެ އެއްވަނައިގައި އޮތީ 3 ޕޮއިންޓާއި ފައިދާ 3 ލަނޑުންނެވެ. ރާއްޖެ އަށް ވެސް ވަނީ 3 ޕޮއިންޓް ލިބިފަ އެވެ. ސީރިއާ އަށް ކުރި ލިބެނީ ފައިދާ ލަނޑުގެ ތަފާތުންނެވެ.

ރާއްޖެ ހިމެނޭ ގްރޫޕް އޭގައި ސީރިއާ ދެން ކުޅޭނީ ގުއާމް އާއި ދެކޮޅަށެވެ. ރާއްޖެ އާއި ޗައިނާގެ ކުރިމަތިލުން އޮތީ މި މަހުގެ 10 ވަނަ ދުވަހު މާލޭގަ އެވެ.

ވޯލްޑްކަޕް ކޮލިފިކޭޝަންސްގައި މިއަދު ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ގްރޫޕް ސީގައި ހޮންގްކޮންގް އާއި ކެމްބޯޑިއާ ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެންނެވެ. ގްރޫޕް ބީގައި ޖޯޑަން އިން 2-1 އިން ޗައިނީސް ޓައިޕެއި ބަލިކުރިއިރު ގްރޫޕް އެޗްގައި ނޯތް ކޮރެއާ ވަނީ 2-0ން ލުބްނާންގެ މައްޗަށް ކުރިހޯދާފަ އެވެ. ގްރޫޕް ޑީގައި ޔަމަނާއި ސިންގަޕޫރްގެ ކުރިމަތިލުން 2-2 އިން އެއްވަރުގެން ނިމުނުއިރު ގްރޫޕް ޖީގެ ފުރަތަމަ މެޗުގައި ތައިލޭންޑް އާއި ވިއެޓްނާމްގެ މެޗުވެސް ނިމުނީ 1-1ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.