ވޯލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަންްއި ސާފް ސަރަހައްދުގައި ހިމެނޭ އަފްޣާނިސްތާނާއި ނޭޕާލް ބޮޑު ތަފާތަކުން ބަލިވެއްޖެ އެވެ.

މިރޭ ކުޅުނު ގްރޫޕް ބީގެ ދެވަނަ މެޗުގައި ކުވެއިތުން ވަނީ ނޭޕާލް ކޮޅަށް 7 ލަނޑު ޖަހާފަ އެވެ. ފީފާ ރޭންކިންގްގެ 166 ވަނަ މަގާމުގައި އޮތް ނޭޕާލް އަށް މިރޭގެ މެޗުގައި އެއްވެސް ވަަރަކަށް ނުކުޅެވުނު އިރު 90 މިނެޓްގެ ތެރޭގައި އެޓީމަށް ކުވެއިތުގެ ގޯލަށް އޮން ޓާގެޓް ޝޮޓެއް ވެސް ނުހެދޭކަން ފާހަގަކޮށްލެވެ އެވެ.

ކުވެއިތުގެ ޖަބަރ އަލް އަަހުމަދު އިންޓަނޭޝަނަލް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި އެގައުމުގެ ލަނޑު އެކައުންޓް ހުޅުވައިދިނީ ފުރަތަމަ ހާފްގެ 6 ވަނަ މިނެޓުގައި ޔޫސުފް ނަސީރެވެ. އޭގެ 5 މިނެޓު ފަހުން ފަހަދް އަލް ހާޖެރީގެ ލަނޑުން ކުވެއިތުން ލީޑު ފުޅާކޮށް ހަމަޖެހިލިއިރު ނޭޕާލް އަށް ފުރަތަމަ ހާފްގައި ލިބުނު ހަމައެކަނި ހިތްހަމަޖެހުމަކީ އިތުރު ލަނޑުތަކެއް އެޓީމް ކޮޅަށް އެހާފުގައި ނުވަނުމެވެ. ހާޖެރީގެ ލަނޑަށްފަހު ކުވެއިތުން ބެލެންސްޑް ގޭމެއް ކުޅުނު ނަމަވެސް އެގައުމުން ވަނީ ނޭޕާލްގެ ގޯލަށް ނުރައްކާތެރި 3 ހަމަލާ ފޮނުވާފަ އެވެ. އެ ތިން ހަމަލާވެސް އަމާޒުވީ ގޯލުގެ މަތީ ދަނޑިއާއެވެ.

ދެވަނަ ހާފްގައި ކުވެއިތް ކުޅުނީ އެޓޭކިންގް ގޭމެކެވެ. ނޭޕާލްގެ ކީޕަރަށް ނޭވާލާންވެސް ފުރުސަތު ނުދީ ކުވެއިތު ކުޅުންތެރިން ދިޔައީ ފުލުފުލުގައި ހަމަލާތައް އުފައްދަމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 50 ވަނަ މިނެޓުގައި ޔޫސުފް ވަނީ މެޗުގައި އޭނާ ކާމިޔާބުކުރި ދެވަނަ ލަނޑު ޖަހާފަ އެވެ. ޔޫސުފް ލަނޑުޖެހިތާ 9 މިނެޓް ފަހުން އަބްދުﷲ މާވީ ވެސް ވަނީ ސްކޯ ޝީޓުން ޖާގަ ހޯދާފަ އެވެ. މެޗުގައި ކުވެއިތުން ޖެހި ފަސްވަނަ ލަނޑު 67 ވަނަ މިނެޓުގައި ކާމިޔާބުކުރީ ބަދުރު އަލް މުތާވާ އެވެ.

މެޗުގައި ކުވައިތުން ޖެހި ފަހު ދެ ލަނޑު ކާމިޔާބުކޮށްފައިވަނީ އިތުރުވަގުތުގަ އެވެ. ހަތް މިނެޓްގެ ކުޑަ ވަގުތުކޮޅެއް ތެރޭ ކުވެއިތުން ނަތީޖާ 7-0 އަށް ބަދަލުކުރި އިރު ލަނޑު ޖެހި ކުޅުންތެރިންނަކީ ރެދާ ހާނީ އާއި ހުސެއިން އަލް މުސާވީ އެވެ. މިދެ ކުޅުންތެރިންނަކީވެސް ދެވަނަ ހާފްގައިި ކުޅެން ނިކުތް ދެ ކުޅުންތެރިންނެވެ.

އަމިއްލަ ދަނޑުގައި ބޮޑު ތަފާތަކުން މޮޅުވެ ކުވެއިތް އިން ގްރޫޕް ބީގެ އެންމެ ކުރީގައި ހަމަޖެހިލި އިރު ދެވަނައިގައި އޮތީ 2-1ގެ ނަތީޖާއަކުން މިއަދު ހަވީރު ޗައިނީސް ޓައިޕެއި ބަލިކުރި ޖޯރޑަން އެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި މި ސަރައްހައްދުގެ ގިނަ ޓީމްތަކަށް ނާކާމިޔާބީ އާއި ކުރިމަތިލާންޖެހުނު އިރު އޭގެ ތެރެއިން އެއް ޓީމަކީ އަފްޣާނިސްތާނެވެ. އޭޝިއާގެ ޗެމްޕިއަން ގަތަރާއި ވާދަކޮށް އަފްޣާނިސްތާން ބަލިވެފައިވަނީ 6-0 ންނެވެ. އަވައްޓެރި އިންޑިއާ ވެސް ހިމެނޭ މި ގްރޫޕްގެ އެއްވަނައިގައި މިވަގުތު ގަތަރު އޮތް އިރު ދެވަނައިގައި އޮތީ ފަހަތުން އަރައި އިންޑިއާގެ މައްޗަށް ކުރިހޯދި އޮމާނެވެ.