ވޯލްޑްކަޕް ކޮލިފިކޭޝަން ފެށިގެން ކުރިއަށްދާއިރު ރާއްޖޭގެ ގައުމީ ޓީމުން ވަނީ ފުރަތަމަ މެޗުގައި ގުއާމްގެ މައްޗަށް ކުރިހޯދައި ޓީމުގެ ފެށުން ރަނގަޅުކޮށްފަ އެވެ.

ރާއްޖެ ޓީމުން ފުރަތަމަ މޮޅު ހޯދި ނަމަވެސް ބުރާސްފަތި ދުވަސްވީ ދިވެހި ފުޓްބޯޅަ ސަޕޯޓަރުން މާޔޫސްކޮށްލި ދުވަހަކަށެވެ. ސޯޝަލް މީޑިއާގައި މާގަދަ އަށް ދައުރުވަމުންދިޔަ ފޮޓޯ އެއް ފެނުމުންނެވެ. ދިވެހި ފަސްގަނޑުގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ އަލީ އަޝްފާގް (ދަނގަޑޭ) ސައި ހޮޓަލެއްގެ ތެރޭގައި ގައުމީ ޓީމްގެ މެޗު ބަލަން އިން ފޮޓޯ ފެނުމުން އަހަރެން ވެސް ފެން ކަޅިވި އެވެ. ސަބަބެއް ނެތި އެއް ނޫނެވެ. ދިވެހި ޓީމުން ހޯދި މޮޅާއި މެދު ދިވެހި ހުރިހާ ސަޕޯޓަރުންވެސް އުފާކުރާނެ އެވެ. އަހަރެމެން އެދެނީ ގައުމީ ޓީމަށް އަބަދުވެސް ކާމިޔާބީ އެވެ. ނަމަވެސް އެތައް އަހަރެއް ވަންދެން ލޯ ކުރިމަތީގައ،ި ފުޓްބޯޅައިގެ ލޯބި އަހަރެމެންގެ ހިތްތަކުގައި ޖެއްސި އަޝްފާގު މިއަދު ޓީމުން ބާކީވެފައި ހުންނަތަން ބަލަން އެންމެ މިނެޓެއް ވެސް ކެތެއް ނުވާނެ އެވެ.

މީގެ އެގާރަ އަހަރު ކުރިއަށް ޖެހިލަމާ ހިނގާށެވެ. ދިވެހި ފަސްގަނޑުގައި ކުރިއަށްދިޔަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތާއެކު ދިވެހިރާއްޖެ އަށް ހީވީ ޢީދެއް އައިސްގެން އުޅުނުހެންނެވެ. މިއިން ދުވަހަކުވެސް ގަލޮޅު ދަނޑަށް މީހުން ނުވަންނަހާ ގިނައިން މީހުން ވަނެވެ. ގަވާއިދާ ޚިލާފަށް ވަދެގެންވެސް ދިވެހިން ބޭނުންވީ ގައުމީ ޓީމްގެ ކުޅުން ބަލައި ޓީމަށް ސަޕޯޓް ކުރާށެވެ.

2008 ވަނަ އަހަރު ރަން މެޑަލް ގެނައި ޓީމްގެ ފޯވަޑް ލައިން ލީޑު ކުރަން ހުރީ އެއިރު އުމުރުން އެންމެ 23 އަހަރުގެ ދަނގަޑޭ އެވެ. މުބާރާތުގައި ދަނގަޑޭ އަށް ލަނޑެއް ކާމިޔާބު ނުކުރެވުނަސް އޭނާ ކުރި ހިތްވަރު އަހަރެމެން ހިތްތަކުން ނުފިލާނެ އެވެ. ހާއްސަކޮށް ލަންކާގެ ބަންގަބަންދު ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގައި ދަނގަޑޭ ކުރި މަސަތްކަތް ހަމަގައިމުވެސް އަހަރެންގެ ހަނދާނަކުން ނުފިލަ އެވެ. ނުވެސް ފިލާނެ އެވެ. ގައިން ދަލާއި ލޭ އޮހޮރިގެން ދިޔަ އިރުވެސް ދަނގަޑޭ މަސަތްކަތް ކުރީ ރާއްޖެ ޓީމަށް ރަން މެޑަލް ހޯދައިދޭށެވެ. ޓޫކިލޯގެ ލަނޑުން ރާއްޖެ މޮޅުވެ ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ މުބާރާތަކުން ރަން މެޑަލް ގެނައި އިރު ދަނގަޑޭ ވަނީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދާފަ އެވެ.

ދައްކަމުން މިދާ ވާހަކަ އަކީ ކުޑަ ކުޑަ ވާހަކަ އެއް ނޫނެވެ. އަލީ އަޝްފާގު ފަދަ ކުޅުންތެރިންނަކީ ކޮންމެ ކޮންމެ އަހަރަކު ފެންނާނެ ކުޅުންތެރިންނެއް ނޫނެވެ. ކޮއްޓުމާއި ނެއްޓުމާއި ލަނޑުޖެހުމުގެ އިތުރުން އެތައް ޖާދޫވީ ކުޅަދާނަކަމެއް ލިބިގެންވާ ދަނގަޑޭ އަކީ ހާއްސަ ކުޅުންތެރިއެކެވެ. ގައުމު ދެކެ ލޯބިވާ ދަރިއެކެވެ. އުމުރުން 16 އަހަރުގައި އިންޓަ ސްކޫލް މުބާރާތްތަކުގައި މަޖީދިއްޔާގެ ކެޕްޓަން ބޭންޑް އެޅިގޮތަށް މެދުކެނޑުމެއްނެތި ދިވެހި ތާރީޚު ރަން އަކުރުން ފަވަމުން އަންނަ ދަނގަޑޭ ބޮޑު މުސާރައިގައި ޔޫރަޕަށް ދެވެން އޮތް ފުރުސަތު ދޫކޮށްލީ މިގައުމަށް ޚިދުމަތް ކުރުމަށެވެ. ގައުމަށްޓަކައި ދަނގަޑޭ އެވި ގުރުބާނީ އަހަރެމެންނަށް ވަޒަން ކޮށްލެވޭ ހެއްޔެވެ؟

ގައުމީ ޓީމުން މިދިޔަ އަހަރު ބާކީ ކުރުމާއި ޖެހެންދެން ދަނގަޑޭ އައީ އެކްޓިވް އިންޓަނޭޝަނަލް ލަނޑު ލިސްޓުގެ ގަދަ ފަހެއްގައި ހިފަހައްޓަމުންނެވެ. 5 ލައްކަ އާބާދީ އެއް ހަމަނުވާ މި ކުޑަކުޑަ ދިވެހިރާއްޖޭގެ ކުޅުންތެރިއަކު އެފަދަ ލިސްޓެއްގައި ހިމެނިދާނެ ކަމަށް އަހަރެމެންނަށް މީގެ ކުރިން ގަބޫލެއްވެސް ނުކުރެވޭނެ އެވެ.

ދިވެހި ޓީމާއި ހަވާލުވެހުރި ޕީޓާ ސެގަރޓް ޓީމުން ދަނގަޑޭ ބާކީ ކުރީ މިދިޔަ އަހަރު އެވެ. ކެޕްޓަންގެ ހައިސިއްޔަތުން ޕްރެސް ކޮންފަރެންސް އަކަށް ހާޒިރުނުވެގެން ދަނގަޑޭ ޓީމުން ބާކީކުރުމަށްފަހު ކޯޗު އޭގެ ފަހުން އޭނާ ޓީމަށް ނަގާފައި ނުވެ އެވެ. ސާފްގެ މުބާރާތަށް ވެސް ދިވެހި ޓީމް ފުރީ ދަނގަޑޭ ނުލަ އެވެ. ޕްރެސް އަށް ހާޒިރުނުވެވުމުން މަޢާފަށް އެދުމުން ސެގަރޓް ބުނީ ދަނގަޑޭ މައާފަށް އެދުނީ މާފަހުން ކަމަށެވެ.

މިދިޔަ ސީޒަންގައި ލީގު ކާމިޔާބުކޮށް އެންމެ ގިނަ ލަނޑު ޖަހައިގެން ރަން ބޫޓާއެކު އަހަރުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ދަނގަޑޭ ހާސިލްކުރި އެވެ. އެއާއެކު އަހަރެމެން އެންމެ ހީކުރަމުން އައީ ގައުމީ ޖާޒީގައި އަނެއްކާވެސް އަހަރެމެންގެ ފޭވަރިޓް 7 ނަންބަރު ފެނިގެންދާނެ ކަމަށެވެ. ނަމަވެސް ޕީޓާ ސެގަރޓް ޓީމު އިޢުލާންކުރި އިރު ދަނގަޑޭގެ ނަން ނެތުން ވެގެންދިޔައީ ދިވެހި ސަޕޯޓަރުން ރަތަށް އަރުވާލި ކަމަކަށެވެ. އުމުރުން މާ ދޮށި ކަމަށްބުނެ ސެގަރޓް ދަނގަޑޭ އަނެއްކާވެސް ޓީމުން ބާކީ ކުރުމުން އެކަން ދިވެހިންނަށް ހަޖަމެއް ނުވި އެވެ. ދުވަހަކުވެސް ނުވާނެ އެވެ. ވާނީވެސް އެހެންތާ އެވެ. ވޯލްޑްކަޕްގެ ބޮޑު ކޮލިފިކޭޝަންއަކާއި ދިމާލަށް ދިވެހި ޓީމް ދަތުރު ކުރި އިރު މިވަގުތު ރާއްޖޭގައި ހުރި އެންމެ ''އިން ފޯމް'' ކުޅުންތެރިއާ ޓީމުން ބޭރުކޮށްފައި ހުރުން އަހެރެމެން ބަލައިގަންނާނީ ކިހިނަކުން ހެއްޔެވެ؟

އަލީ އަޝްފާގަށް އިއްޔެ 34 އަހަރު ފުރުނީ އެވެ. ގައުމު ދުށް އެންމެ މޮޅު ކުޅުންތެރިއާ އޭނާގެ ފުޓްބޯޅަ ކެރިއަރަށް އަލްވަދާއު ކިޔާ ވަގުތު ކުޑަތަން ވަމުން އަންނަ އިރު ގައުމީ ޓީމުން ބާކީވެފައި ހުރުމަކީ ދަނގަޑޭ އަށް ދެވޭ ބޮޑު އަނިޔާއެކެވެ. އުމުރުން ދޮށްޓަސް މިވަގުތުވެސް ދަނގަޑޭ ކުޅެމުން އަންނަހާ ފެންވަރަށް ކުޅެވޭ ކުޅުންތެރިއަކު ދިވެހިރާއްޖެއަކު ނެތެވެ. މިއީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ.

ފޯމްގެ ވާހަކަ އިހަށް ބާއްވާށެވެ. އަހަރެމެން ވިސްނާލަންވީ އަޝްފާގް އޭނާގެ ފުޓްބޯޅަ ބޫޓު ބާލައި ގަލޮޅު ދަނޑަށް އަލްވަދާއު ކިޔާ ދުވަހަކުން އަހަރެމެން ހިތާމަ ކުރާނެ ވަރެވެ. އަދުގެ ގިނަ ޒުވާނުން ފުޓްބޯޅަ އަށް ލޯބި ޖައްސުވައިދިން ކުޅުންތެރިއާ އަށް ޝަރަފްވެރިކަމާއެކު ގައުމީ ޓީމުން ރިޓަޔާ ކުރުމުގެ ފުރުސަތުވެސް ނުދެނީ ހެއްޔެވެ؟ 40 އަށްވުރެ ގިނަ ލަނޑުޖަހައި ފުޓްބޯޅައިގެ މައިދާނުން ނެގެތް އޮތް ހުރިހާ އެވޯޑުތަކެއް މިފަހަރު ހާސިލްކުރީމަވެސް 30 ކުޅުންތެރިންގެ ސްކޮޑެއްގައި ދަނގަޑޭގެ ނަން ނެތުމުން އެއީ އަޝްފާގަށް ދެވޭ އަނިޔާ އެއް ނޫން ހެއްޔެވެ؟

އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ބޭރު ދުނިޔޭގެ ފުޓްބޯޅަ ވެސް ބަލާ މީހުންނެވެ. އެތައް އަހަރެން ވަންދެން ފުޓްބޯޅައިގެ ރަސްކަން ކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނެލް މެސީ އެދެ ކުޅުންތެރިންގެ ކެރިއަރުގެ ފަހު އަހަރުތައް ގުނަމުން އަންނަ އިރު އެކަމާއި މެދު ހިތާމަކުރާ މީހުން މަދެއް ނޫނެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ހަމަ އެންމެ ސަބަބެކެވެ. އެކަހަލަ ހާއްސަ ކުޅުންތެރިން ފެނުން އުނދަގޫ ވާނެތީ އެވެ. ދަނގަޑޭ ފަދަ ދެވަނަ ކުޅުންތެރިއަކު ގަލޮޅު ދަނޑުން ފެނުން ދުރެވެ. އެ ކުޅުންތެރިއަކާއިމެދު ދިވެހި ކުދިބޮޑު އެންމެން ފަޚުރުވެރިވާ އަލީ އަޝްފާގު '' މޭން އޮފް ސްޓީލް'' ފުޓްބޯޅަ އިން ރިޓަޔާ ކުރާ ދުވަހަކީ ދިވެހި ފުޓްބޯޅަ އަށް އަންނާނެ ހިތާމަވެރި ދުވަހެކެވެ. ދިވެހިން ރޮއްވާލާނެކަން ޔަގީނެވެ. އެ މަންޒަރު މިއަދު އަހަރެމެން ވަޒަން ކޮށްލަން ހިނގާށެވެ. އެއިރުން އަޝްފާގުގެ މުހިއްމުކަމާއި ހާއްސަކަން ކޮންމެވެސް ވަރަކަށް އެނގިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ޢާދަމް

  ދެންބުނަންވީ ލައްޗޭއާ ސާހުވަރެއްވެސް ނެތޭ ކިޔާފަ އެމީހުންވެސް ނަގަންވީނުން... ބަލަ އެއީ ބާދަނގަޑޭ..

  11
  47
  • ދިވެހިލޭ

   ބާދަގަނޑުވީމަ ދޯ 34 އަހަރުގައި ވެސް މޮޅު ކުޅުންތެރިޔާ ގެ މަޤާމާއި ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަޤާމް ހޯދީ..... ހަސަދަވެރިވިޔަސް ތީ ފުކެއް ބޮޑުވަރު....... ކިތަންމެ ހަސަދަވެރި ވިޔަސް އަލީ އަޝްފާޤް (ދަގަނޑޭ) ފެންވަރު ފުޓްބޯޅަ ކުޅުންތެރިޔަކު އަދި ނެތް މި ފަސްގަނޑަކުން އުފެދިފަ... އަދި ކައިރި މުސްތަޤްބަލެއްގަ އެ ފެންވަރު ކުޅުންތެރިޔަކު ފެންނާނެކޭ ވެސް ނެތް ބުނެވޭކަށް..... މި ޤައުމު ފަޚުރުވެރިވާންޖެހޭ ދަރިއެއް ދަގަނޑޭ އަކީ...... ބަޔަކު ޒާތީ ވެގެން ޤައުމީ ޓީމުން އަޝްފާޤް ބާކީ ކުރިޔަސް، އޭނަ ހިނގާ މަގަކުން ހިނގޭނެ ފެންވަރު މީހަކު ވެސް ފުޓްބޯޅައިގެ މައިދާނުގައި މި ރާއްޖޭގަ ނެތް އުފެދިފައެއް. އަބަދުވެސް އަޝްފާޤް އަށް ޤަދަރާއި ލޯތްބާއި އިޙްތިރާމް ކުރާނަން. ވ. ސަލާމް

   57
   5
   • ހިހި

    ބަަލަ މިފަސް ގަނޑު މީ މާ މޯޅެތި ކުޅުންތެރިން ތިބި ތަނެއްތަ؟ ކަލޭ ތި މޮޔަވާހާ މޮޅު ކުޅުންތެރި އެއްނޫން އަޝްފާގަކީ

    3
    3
 2. ީއަލީ

  ކޯޗު ދަގަނޑޭ އާ ޒާތީވީ އޭ އަޅުގަނޑަށް
  ދެންނެވޭނީ. މީގަ އަޅުގަނޑަށް ގޯހީ މިކަމާ ބެހޭ ފަރާތްތަކުން މިކަންތަށް އަޅާނުލާ ދޫކޮށްލީމަ

  29
  9
 3. ކޮލެޖް ބޯއި

  ދުނިޔޭގައި ދަގަނޑޭއަށް ވުރެ މާދޮށީ މީހުންވެސް ގައުމީ ޓީމުގެ ލިސްޓުގަ ހިމަނާ. ސަބަބު ވަރަށް ސާފު. އެއީ ގައުމުގެ ފްޓްބޯލް ހީރޯއިންނަށް ވީމަ އެ ރެސްޕެކްޓްދެނީ. ގިނަ ލަނޑުޖައްސުވަން ފުރުސަތު ދެނީ. ޒާތީނުވަނީ. ޖަރުމަނުގެ މުލާ ލައްވާ ރިކޯޑެއް ހައްދަން ޖަރުމަނު ގައުމީ ޓީމު ކުރި މަސައްކަތް ހަނދާންކޮށްލާ

  24
  6
 4. ގިޓާ

  ކުޅުން މޮޅޭކިޔަސް އޭނާ މާާމޮޅީ، ޒިއްމާދާރު ވުމާއި ކިޔަމަން ތެރިކަން ވަރަށް މުހިއްމު، ކޯޗު ނުރުހޭ ކުޅުންތެރިޔަކު ހުރުމަކީ ޓީމު ހަލާކުވާނެކަމެއް ޕޮރޮފިޝަނަލް ކޮށް ވާހަކަ ދެއްކުން މުހިއްމު

  12
  5
 5. އީވަލް

  މިވާހަކަ ދެން ނުދައްކާ. އޭނަ ކަޓުވާލީ ވަރަށް އީވަލް ބަޔަކު. އެމީހުންނަށް އެކަން ފެންނާނެ.

  8
  7
 6. އިއްސެ

  *އެއްމެ ފުރަތަމަވެސް ދަގޭ ފެނުމުން ހުނަރު ފާހަގަ ވިއޭ
  ކޮންމެ ފަހަރަކުވެސް ދަގޭ ޓީމަށް ނަގަން ވެސް ވާނެއޭ
  އުމުރަށާ އޭނާގެ ކުޅުމަށް ކޯޗު ކަލެއައް ނުބެލެއޭ
  ވަކި ވަކިން ހުރި މޮޅުހުނަރުރުތައް ކޯޗަކަށްވެސް ނޭގެއޭ
  ދެން އެހެންވީމާ ވަރަށް އަވަހަށް ޖަވާބުދޭން ވާނެއޭ*

  6
  6
 7. ޒައިޝާ

  އާ އާދަނު ދެން ޒާތީވިޔަސް ތިދެން ބޮޑުވަރު . ކިތައްމެ ރުޅިއަޔަސް ހަމަ އަޝްފާގް ވަރެއްނެތް.އެއީ ދިވެހި ފުޓްބޯޅައިގެ ދިރުން.

  10
  5
 8. ޙެހެހެ

  ކިތަންމެމޮޅަސް ކޯޗައް ކިޔަމަނތެރިވާންޖެހޭނެހެން ހީވަނީ. ތީގެފަހަތުގަ ދަގަޑޭގެ ބޮޑާކަނވެސް އޮންނާނެ . ކޯޗްވެސް ބޭނުންވާނެ ޓީމް މޮޅުކުރަން

  8
  3
 9. ޕޮގުބާ

  އަސްފާގު މޮޅީ ކުރީގަ އެކަމަކު މިހާރު އެދުވަސް އެދިޔައީ މީޑޔާއިން މޮޅު ކުރަން ދުޅުނަސް އަސްފާގެއް މީހާރަކު މޮޅެއްނޫން

  2
  1
 10. ޅުސްޖަމީ

  ދަގޭ އަކީ މޮޅު ކުޅުންތެރިއެއް ކުރީގަ. މިހާރަކުއެއްނޫން. މިހާރު ބެންޗަށްވެސް ކަމަކު ނުދޭ. މިހާރު ކުޅެވެނީ ލޯކަލް ލީގް ލެވެލްގަ. ނެޝަނަލް ލެވެލްގަ ކުޅެވޭވަރަށްވުރެ ފޯމް ދަށްވެއްޖެ މިހާރު.

  2
  1