ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ކުރިއަށްދާ ގައުމީ އެތުލެޓިކްސް މުބާރާތުގައި ފިރިހެނުންގެ 200 މީޓަރު ދުވުމުން އެއް ވަނަ ހަސަން ސާއިދު ހޯދައިފި އެވެ. 200 މީޓަރުގެ ދުވުމުން ހޯދި ރަން މެޑައްޔާއެކު ސާއިދު މުބާރާތުގައި ހާސިލްކުރި ރަން މެޑަލްތަކުގެ އަދަދު ވަނީ 3 އަށް އަރާފަ އެވެ.

100 މީޓަރު ދުވުމާއި ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިންވެސް ރަން މެޑަލް ހޯދާފައިވާ ސާއިދު އިއްޔެގެ 200 މީޓަރު ރޭސް ކާމިޔާބުކުރީ ފަސޭހަކަމާ އެކު 22.75 ސިކުންތުން ދުވެގެންނެވެ. ދެ ވަނަ އަށް ދިޔައީ ސާއިދު ސްޕޯޓްސްގެ ސަރީސް އަހުމަދެވެ. ސަރީސް އަކީ މި މުބާރާތުގެ 100 މީޓަރު ދުވުމުން ތިންވަނަ ހޯދި އެތުލީޓެވެ. އޭނާ 200 މީޓަރު ރޭސް ނިންމާލީ 23.49 ސިކުންތެވެ. މި އިވެންޓުން ތިން ވަނަ ހޯދީ 23.67 ސިކުންތުން ރޭސް ނިންމާލި ތިނަދޫ ޒުވާނުންގެ ކްލަބުގެ މުހައްމަދު ޖަލާއިލެވެ.

ބާރު ދުވުންތެރިއާ ސާއިދު އޭނާގެ ތިން ވަނަ ރަން މެޑަލް އިއްޔެ ހަމަކުރިއިރު އެ އިވެންޓުގެ އަންހެން ބައި ކާމިޔާބުކޮށްފައިވަނީ އައިޝަތު ހިމްނާ ހަސަން އެވެ. ހިމްނާ 200 މީޓަރު ދުވުން އިއްޔެ ކާމިޔާބުކުރީ ވާދަވެރި ރޭހަކަށްފަހު 27.00 ސިކުންތުންނެވެ. ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުގެ ޓީމަށް ދުވި ހިމްނާގެ ފަހަތުން ދެ ވަނަ ހޯދީ 27.03 ސިކުންތުން ދުވި ދަ ބްލެކް މާލިންގެ ނަޝާ ނިޒާރެވެ. އަދި ތިން ވަނަ ހޯދީ 27.63 ސިކުންތުން ދުވި އެ ޓީމުގެ ސަރާ މަސްއޫދެވެ.

ފިރިހެނުންގެ 10،000 މީޓަރު ދުވުން ކާމިޔާބުކޮށް ހުސެއިން ފަޒީލް ހާރޫންވެސް ވަނީ މުބާރާތުގައި އޭނާ ކާމިޔާބުކުރި ދެ ވަނަ ރަން މެޑަލް ހާސިލްކޮށްފަ އެވެ. ސިފައިންގެ ކްލަބުގެ ފަޒީލް 10000 މީޓަރު ރޭސް ކާމިޔާބުކުރީ 33.41 މިނެޓުންނެވެ. އެންމެ ގާތުން ވާދަކުރީ މެރެތަން އަދި ހާފް މެރެތަން ދުވުންތެރިޔާ ސިފައިންގޭގެ މުހައްމަދު ރަޝީދު (މޯޑް) އެވެ. 5000 މީޓަރު ރޭހުގައި ވެސް ފަޒީލާ ވާދަކުރި މޯޑް ރޭސް ނިންމާފައިވަނީ 34.29 މިނެޓުންނެވެ. ތިން ވަނަ ހޯދީ 5000 މީޓަރު ދުވުމުން ވެސް ތިން ވަނަ ހޯދި ސިފައިންގެ ޓީމުގެ އަހުމަދު ޖަވާދެވެ. އޭނާ ރޭސް ނިންމީ 40.12 މިނެޓުންނެވެ.

އިއްޔެ ކުރިއަށްދިޔަ އަންހެނުންގެ 800 މީޓަރު ދުވުމުގައި ކުޑަހުސެން ސްޕޯޓްސް އެސޯސިއޭޝަނުގެ މަރިޔަމް އަބްދުލްކަރީމް (މަރީ) ފަހަތަށް ޖައްސާލައި އެއް ވަނަ ހޯދީ އައިމިނަތު ޖާއިޝާ ޖުނީޒެވެ. ވަރަށް ވާދަވެރިކޮށް ކުރިއަށް ރޭހުގައި ޖައިޝާ ފަހު ވަގުތު ދެމިގަނެ ރޭސް ނިންމީ 2 މިނެޓު 35:64 ސިކުންތުންނެވެ. ދެ ވަނަ އަށް ދިޔަ މަރިޔަމް ރޭސް ނިންމާލީ 2 މިނެޓު 35:79 ސިކުންތުންނެވެ. މި ރޭހުގެ ތިން ވަނަ ހޯދީ 2 މިނެޓު 45:91 ސިކުންތުން ދުވި ކޭވައި ސްޕޯޓްސް އެކަޑަމީގެ މަރިޔަމް ޔާނާ އެވެ.

ފިރިހެނުންގެ 800 މީޓަރު ރޭސް ކާމިޔާބުކުރީ 2 މިނެޓު 00:60 ސިކުންތުން ދުވެގެން ސިފައިންގޭގެ ހުސެއިން ރިޒާ (ކުޑަ ރިޒާ) އެވެ. މި ރޭހުގެ ދެ ވަނަ އަށް ދިޔައީ 2 މިނެޓު 11:62 ސިކުންތުން ދުވި ޓްރެކް އެންޑް ފީލްޑުގެ އަލީ ވިލްދާނެވެ. އަދި ތިން ވަނަ އަކީ 2 މިނެޓު 15:07 ސިކުންތުން ދުވި އިސްމާއިލް މަސޫން އަހުމަދެވެ.

މި މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމަށް އެންމެ ބޮޑަށް ވާދަކުރަނީ ދެ ރަން މެޑެއްޔާއެކު އައިޝަތު ހިމްނާ ހަސަން އެވެ. ފިރިހެން އެންމެ މޮޅު އެތުލީޓަށް ވާދަކުރާނީ ހަސަން ސާއިދު އާއި އިއްޔެ 10000 މީޓަރު ރޭސް ކާމިޔާބުކުރި ފަޒީލެވެ. ސާއިދު އަށް ކުރިއަށް އޮތީ މިއަދު އޮންނަ 400 މީޓަރު ދުވުމާއި ހަތަރެއް ގުނަ 100 މީޓަރު ރިލޭ އެވެ. ފަޒީލަށް އޮންނާނީ 1500 މީޓަރު ދުވުމެވެ. އެއް ވަނަ އެތުލީޓް ހޮވުމުގައި ބަލަނީ މުބާރާތުގައި އެ އެތުލީޓަކު އިންޑިވިޖުއަލް އިވެންޓްތަކުން އެންމެ ނަތީޖާ ރަނގަޅު ދެ އިވެންޓަށެވެ.