އަންނަ ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި ބާސެލޯނާ އިން ޕެރިސް ސެއިންޓް ޖާމެއިންގެ ފޯވަޑް ނޭމާ ގަންނަން މަސަތްކަތެއް ނުކުރާނެ ކަމަށް ބާސާގެ ރައީސް ޖޯސެފް ބާޓޮމެއޮ ބުނެފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ބާސާގެ ރައީސް ބުނީ ނޭމާ ގެނައުމަށްޓަކައި ނިމިގެންދިޔަ ޓްރާންސްފާ ބާޒާރުގައި ވަރަށް މަސަތްކަތްތައް ކުރެވިއްޖެ ކަމަށާއި އެ ކުޅުންތެރިއާ އެނބުރި ގެނައުމަށް އިތުރަކަށް ބާސެލޯނާ އިން ފިޔަވަޅެއް ކުރިއަކަށް ނާޅާނެ ކަމަށެވެ.

''އަހަރެމެން ނިމިގެންދިޔަ ޓްރާންސްފާގައި ނޭމާ އެނބުރި މި ކްލަބަށް ގެންނަން ކުރެވެން ހުރި ހުރިހާ މަސަތްކަތްތަކެއް ކުރިން. ނޭމާ ވެސް އޭނާ އަށް ވީވަރުން މަސަތްކަތް ކުރި. އޭނާ ޕީއެސްޖީ އަށް އެންގި ބާސާ އަށް އެނބުރި އަންނަން ބޭނުންވާ ވާހަަކަ ވެސް. އެކަމަކު އަހަރެމެން އެންމެން ކުރި އެއްވެސް ކަމެއް ކާމިޔާބެއް ނުވި. މިހާރު ޓްރާންސްފާ ބާޒާރުވެސް ބަންދު ވެއްޖެ. ދެނެއް ބާސާ އިން ނޭމާ ހޯދަން މަސަތްކަތެއް ނުކުރާނެ،'' ބާޓޮމެއޮ ބުންޏެވެ.

ނިމިގެން ދިޔަ ޓްރާންސްފާ މާކެޓުގެ ބޮޑު ސުރުހީން އެންމެ ގިނައިން ޖާގަ ހޯދީ ނޭމާ އެވެ. މީގެ ދެ އަހަރު ކުރިން ބާސެލޯނާ ދޫކޮށް ނޭމާ ޕީއެސްޖީއާ ގުޅުނު ވަގުތުން ފެށިގެން އެކި އެކި ސިފަ ސިފައިގައި އޭނާ އެނބުރި ބާސެލޯނާއަށް އަންނަން އުޅޭ ކަމުގެ ޚަބަރު ފެތުރިފައިވެ އެވެ. ނޭމާގެ ސޮއި ހޯދުމަށްޓަކައި ބާސެލޯނާ އިން ފްރާންސްގެ ޗެމްޕިއަނުންނަށް ތަފާތު ތިން ބިޑެއް ހުށަހެޅި އިރު ޕީއެސްޖީން އެ ހުރިހާ ހުށަހެޅުމަކަށްވެސް ދިނީ ފިނި ރައްދެކެވެ.

މީޑިއާގައި ނޭމާގެ ޓްރާންސްފާ އާއި ގުޅޭގޮތުން ވާހަކަތައް ދެކެވުނު އިރު އެންމެ ބޮޑަށް ފެތުރުނީ ސްވެޕް ޑީލް އެއްގެ ދަށުން ބާސާ އިން އެޓީމުގެ އުސްމާން ޑެމްބެލޭ އާއި އިވާން ރަކިޓިޗް ޕީއެސްޖީ އަށް ދޫކޮށްފައި ނޭމާ ގެނައުމުގެ ހަބަރެވެ. ނަމަވެސް ބާސާގެ ރައީސް ވަނީ އެ ކްލަބުން އަމިއްލަ އަށް ޓީމްގެ އެއްވެސް ކުޅުންތެރިއަކު ޕީއެސްޖީ އަށް ހުށަހެޅިކަމާއި ދެކޮޅު ހަދާފަ އެވެ.

'' އަހަރެމެން އަމިއްލަ އަކަށް ބާސާގެ އެއްވެސް ކުޅުންތެރިއަކު ޕީއެސްޖީއަށް ދޫކޮށްލަން ނުދެން. ޝަރުތުތައް ކަނޑައެޅީ ޕީއެސްޖީ އިން. ނޭމާގެ ބަދަލުގައި ކުޅުންތެރިން ބޭނުންވާ ވާހަކަ އާއި އެމީހުން ބޭނުންވި ވަކިވަކި ކުޅުންތެރިންވެސް ކަނޑައެޅީ ޕީއެސްޖީން، '' މީޑިއާގައި ފެތުރެމުން ދިޔައީ ދޮގު ވާހަކަތަކެއް ކަމަށް ބުނެ ބާޓޮމެއޮ ރައްދުގައި ބުނެފައިވެ އެވެ.

ސްޕެއިންގެ ގަދަ ދެބާރު ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާ އިންވެސް އާ ސީޒަނަށްޓަކައި ބޮޑު ހޭދައެއް ކޮށްފައިވެ އެވެ. މެޑްރިޑުން ބޮޑު އަގުގައި ޗެލްސީގެ ބެލްޖިއަމް ފޯވަޑް އެޑެން ހަޒާޑްގެ ސޮއި ހޯދި އިރު ބާސާ އިން ގަތީ ފްރާންސްގެ މިޑްފީލްޑަރު އެންޓޮއިން ގްރީޒްމަން އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާައަސްލަމް

    ތީދޮގެއް އަދިވެސް މޮޔަވާނެ ކަލޭ

    7
    1
  2. އޮކޯއި

    މެސީ ބާސާ ދޫކޮށްލަފާނެ، ތިކަހަލަ ކޮސް ގޮވަންޏާ