ޕޯޗުގަލްގެ ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ދުނިޔޭގެ އެންމެ މުއްސަނދި އެތްލީޓުންގެ ތެރޭގައި ގުނާލެވޭ ވަރުގަދަ ޝަޚުސިއްޔަތެކެވެ. ފުޓްބޯޅައިގެ ދުނިޔޭގައި އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ރޮނާލްޑޯ އަށް އިޝްތިހާރު ކުޅެގެންނާއި އޭނާގެ އަމިއްލަ ވިޔަފާރި ހިންގައިގެން އަހަރެއްގެ މައްޗަށް އެތައް މިލިއަން ޑޮލަރެއް އާމްދަނީގެ ގޮތުގައި ލިބެ އެވެ.

ދާދި ފަހުން ކުޅިވަރު ސާމާނު އުފައްދާ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެމެރިކާގެ ނައިކީ އާއި ރޮނާލްޑޯއާ ދެމެދު ވެފައިވާ އެއްބަސްވުމެއް ޖަރުމަންގެ މަޖައްލާއެއް ކަމަށްވާ ޑާ ސްޕީގަލްއިން އިން ވަނީ ލީކު ކޮށްލައިފި އެވެ.

އެޑިޑާސް އާއި ހަނގުރާމަކުރުމަށްފަހު ނައިކީން އެންމެ ފަހުން ރޮނާލްޑޯ އާއެކު އެއްބަސްވުން އާކޮށްފައިވަނީ 2016 ވަނަ އަަހަރު އެވެ. އެ ކުންފުނި އާއެކު ރޮނާލްޑޯ ހަދާފައިވާ އެއްބަސްވުމުގެ ދަށުން 10 އަހަރު ތެރޭ ރޮނާލްޑޯ އަށް 162 މިލިއަން ޔޫރޯ ނައިކީ އިން ދޭނެ އެވެ. މި އެއްބަސްވުމުގެ ދަށުން ރޮނާލްޑޯ އަށް އަހަރަކު 16.2 މިލިއަން ޔޫރޯ ލިބޭއިރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ރޮނާލްޑޯ ހޯދައިފިނަމަ އޭނާ އަށް ލިބޭ އަދަދު އިތުރު ވެގެން ދެއެވެ. އެގޮތުން 2016 އަދި 2017 ވަނަ އަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ރޮނާލްޑޯ ހޯދުމުން އޭނާ އަށް ނައިކީ ކުންފުނިން ވަނީ އަހަރަކު 20.2 މިލިއަން ޔޫރޯ ދީފަ އެވެ.

ޑާ ސްޕީގަލްގައި ބުނެފައި މި އެއްބަސްވުން ހެދިފައި ވަނީ އަޔަލެންޑްގެ ޑަބްލިންގައި ނައިކީ އާއި ރޮނާލްޑޯގެ އިމޭޖް ރައިޓްސް ކުންފުނި ކަމަށްވާ ޕޮލާރެސް ސްޕޯޓްސް ލިމިޓެޑްއާ ދެމެދުގައި ކަމަށެވެ.

ނައިކީގެ ފަރާތުން އެންމެ ބޮޑު އާމްދަނީ އެއް ލިބޭ އެތްލީޓަކީ ވެސް ރޮނާލްޑޯ އެވެ. ދާދި ފަހުން އިޓަލީގެ ޔުވެންޓަސް އަށް ރޮނާލްޑޯ ބަދަލުވީ މުސާރައިގެ ގޮތުގައި އެ ކްލަބުން އޭނާ އަށް އަހަރަކު 30 މިލިއަން ޕައުންޑް ދޭ ގޮތަށެވެ.