އިނގިރޭސި ކްލަބް ލިވަޕޫލް އަކީ ސްޕެއިންގެ ރެއާލް މެޑްރިޑް ލެވެލް ޓީމެއް ނޫން ކަމަށާއި ކްލަބް ވޯލްޑް ކަޕްގައި ލިވަޕޫލް ބަލިކުރެވޭނެ ކަމަށް ބްރެޒިލްގެ ކްލަބް ގްރެމިއޯގެ ރައީސް ރޮމިލްޑޯ ބޮލްޒަން ބުނެފި އެވެ.

ފޮކްސް ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ގްރެމިއޯ ފުޓްބޯޅަ ކްލަބްގެ ރައީސް ބުނީ ލިވަޕޫލް އަކީ މޮޅު ޓީމެއް ކަމަށާއި ނަމަވެސް ރެއާލް މެޑްރިޑް އާއި އަޅާކިޔާ ވަރެއް ނުވާ ކަމަށެވެ. އަދި ކްލަބް ވޯލްޑް ކަޕްގައި ލިވަޕޫލް އާއި ކުޅެން ޖެހިއްޖެނަމަ އޭނާގެ ޓީމަށް ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް ގަބޫލްކުރާ ކަމަށާއި ސައުތު އެމެރިކާގެ ކޮންމެ ޓީމަކަށްވެސް ލިވަޕޫލް ބަލިކުރެވިދާނެ ކަމަށެވެ.

''ލިވަޕޫލް އަކީ މޮޅު ޓީމެއް. ވޯލްޑް ކަޕްގައި އަބަދުވެސް ފޭވަރިޓުންނަކީ ޔޫރަޕްގެ ޓީމްތައް. އެކަމަކު އަހަރެމެންނަށް އެޓީމް ބަލިކުރެވިދާނެ. ސައުތު އެމެރިކާގެ ކޮންމެ ޓީމަކަށްވެސް ލިވަޕޫލް ބަލިކުރެވިދާނެ. ފްލެމިންގޯ އަށްވެސް، ރިވާޕްލޭޓް އަށްވެސް ލިވަޕޫލް ބަލިކޮށްލުމަކީ ކުރެވިދާނެ ކަމެއް. އެމީހުން ރެއާލް މެޑްރިޑްހާ ބިރުވެރި އެއް ނޫން. ރެއާލް އިން ކްލަބް ވޯލްޑް ކަޕްގެ ތަށިތައް އުފުލާލި އިރު އެޓީމްގައި ތިބީ ގެލެކްޓިކޯ ކުޅުންތެރިން. އެއީ އެހެން ލެވެލް އެއް،'' ގްރެމިއޯގެ ރައީސް ބުންޏެވެ.

2017 ވަނަ އަހަރުގެ ކްލަބް ވޯލްޑް ކަޕްގައި ގްރެމިއޯ އާއި ލިވަޕޫލްގެ ކުރިމަތިލުމެއް ފެނިގެންގޮސްފައިވެ އެވެ. އެފަހަރު ގްރެމިއޯގެ މައްޗަށް ލިވަޕޫލް އަށް ކުރިހޯދުނީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ. އެ މެޗަށް އަލިއަޅުވާލަމުން ރޮމިލްޑޯ ބުނީ އެ މެޗުގެ އިތުރު ހާފަށް ގްރެމިއޯ އަށް ދެވުނު ނަމަ މެޗުގެ ނަތީޖާ ތަފާތު ވީސް ކަމަށެވެ.

ސައުތު އެމެރިކާ ބައްރުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް މިހާރު ކުރިއަށްދާއިރު މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދި ޓީމްތަކަކީ ގްރެމިއޯ އެފްސީ އާއި ފްލެމިންގޯ އެފްސީ އާއި ރިވަޕްލޭޓްގެ އިތުރުން ބޮކާޖޫނިއާސް އެވެ. މުބާރާތުގެ ފައިނަލް މެޗު ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ކުޅޭއިރު ޗެމްޕިއަން ޓީމަށް ކްލަބް ވޯލްޑް ކަޕްގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ކްލަބް ވޯލްޑް ކަޕް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހު 11 ވަނަ ދުވަހު އެވެ. ލިވަޕޫލް އެ މުބާރާތާއި ގުޅޭނީ ސެމީ ފައިނަލް ހިސާބުންނެވެ.