އިންޑިއާގެ ފުޓްބޯޅަ ޓީމުން ފަހަކަށް އައިސް ނެރެމުން އަންނަނީ ހައިރާންވާހާ ރަނގަޅު ނަތީޖާތަކެއް ކަމަށާއި އެއްވެސް ހާލެއްގައި އެޓީމު އަންޑައެސްޓިމޭޓް ނުކުރާނެ ކަމަށް ގަތަރު ފުޓްބޯޅަ ޓީމުގެ ކޯޗް ފެލިކްސް ސަންޗޭޒް ބުނެފި އެވެ.

ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަންގައި އަންނަ އަންގާރަ ދުވަހު އިންޑިއާ އާއި ދެކޮޅަށް ގަތަރު ނިކުންނާނެ އެވެ. ގަތަރުން ވަނީ ކޮލިފިކޭޝަންގައި އެގައުމު ކުޅުނު ފުރަތަމަ މެޗުގައި އަފްޢާނިސްތާނު ކޮޅަށް 6 ލަނޑު ޖަހާފަ އެވެ. އިންޑިއާ އިން އެގައުމުގެ ފުރަތަމަ މެޗުގައި ވާދަކުރީ އޮމާން އާއެވެ. 87 ވަނަ މިނެޓަށް ދިޔަ އިރު 1-0 ގެ ނަތީޖާއަކުން އިންޑިއާ ކުރީގައި އޮތް ނަމަވެސް އޮމާން އިން ވަނީ ފަހު 3 މިނެޓް ތެރޭ ދެ ލަނޑު ޖަހައި އިންޑިއާ މާޔޫސްކޮށްލާފަ އެވެ.

''އަހަރެމެން މި ނިކުންނަނީ އާދައިގެ ޓީމަކާއި ދެކޮޅަކަށް ނޫން. އިންޑިއާގައި އަކީ ވަރަށް އޯގަނައިޒްޑް އަދި ކައުންޓާ އެޓޭކްގައި ވަރަށް ނުރައްކާ ބައެއް. ޙާއްސަ ގޮތެއްގައި އެޓީމްގެ ކޯޗު ސްޓިމާކްގެ ނަން ފާހަގަކޮށްލަން. އޭނާ އަކީ ޓީމްގެ ކުޅުންތެރިން ދަސްވެފައިވާ ވަރަށް ވިސްނުންތޫނު ކޯޗެއް. އަހަރެމެން އިންޑިއާ މެޗު އެއްވެސް ގޮތަކަށް ފަސޭހައެއް ނުކުރާނަން. ރަނގަޅެއް ކުޅެފިނަމަ މޮޅުވެވޭނެ ކަމުގެ އުއްމީދު އެބައޮތް، '' ގަތަރުގެ ކޯޗް ސަންޗޭޒް ބުންޏެވެ.

ގަތަރުން އެންމެ ފަހުން ކުޅުނު މެޗާއި ބެހޭގޮތުން ސަންޗޭޒް ބުނީ އަފްޣާނިސްތާން މެޗުގައި އޭނާގެ ޓީމުން ކުޅުނު ގޮތާއި މެދު ހިތްހަމަޖެހޭ ކަމަށާއި އެ މެޗުގައި އޭނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރަށް ހިތްވަރުގަދަ ކުޅުމެއް ކަމަށެވެ. އަދި ގަތަރުގެ ސަޕޯޓަރުންގެ ފަރާތުން އެ މެޗުގައި ފެނިގެންދިޔަ ސަޕޯޓަށް އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.

''އަފްޣާނިސްތާން މެޗުގައި އަހަރެންގެ ކުޅުންތެރިން ވަރަށް ހިތްވަރުކުރި. ވަރަށް ހިތްހަމަޖެހުނު ޓީމުން ދެއްކި ކުޅުމާއިމެދު. އަހަރެމެންގެ ކުޅުންތެރިންގެ ފަރާތުން މެޗުގައި ވަރަށް މޮޅެތި ހުރަސްތަކެއް ފެނުނު. ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފުނު. އެ މެޗުން ވަރަށް ގިނަ ޕޮޒިޓިވްސް ލިބިގެންދިޔަ. އަހަރެމެން ކޮލިފިކޭޝަންގައި ކުރިއަށްދާނީ އެ މެޗުތަކުން ފިލާވަޅު ނަގައިގެން، '' ސަންޗޭޒް ބުންޏެވެ.