މިދިޔަ އަހަރުގެ މާޗު މަހު ގައުމީ ޓީމުން ވަގުތީ ގޮތުން ވަކިކުރުމަށް ފަހު މިހާތަނަށް ފުރުސަތެއް ނުދީ ހުރި، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އަށް ދޮޅު އަހަރު ފަހުން ގައުމީ ޓީމުން ޖާގަ ދިނުމުން ޔޫތް މިނިސްޓަރު އަހްމަދު މަޚްލޫފް އެފްއޭއެމް އަށާއި އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ޝުކުރު އަދާކޮށްފި އެވެ.

މިނިސްޓަރު މަހްލޫފް އެފްއޭއެމް އަށާއި ބައްސާމް އަށް ޝުކުރު އަދާކުރެއްވީ މިރޭ ފޭސްބުކްގައި ޖެހި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި މިނިސްޓަރު ވިދާޅުވީ ދިވެހި ރައްޔިތުން އެދުނު ގޮތަށް އަޝްފާގަށް އަލުން ޓީމުން ފުރުސަތު ދިނުމުން އެފްއޭއެމް އަށާއި އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.

އަލީ އަޝްފާގް އަށް ފުރުސަތު ނުދީގެން ދިވެހި ސަޕޯޓަރުން އެކި ސިފަ ސިފައިގައި ނުރުހުން ފާޅުކޮށް އެފްއޭއެމް އަށާއި ގައުމީ ކޯޗު ސެގާޓް އަށް ވަރަށް ބޮޑަށް ފާޑުކިއުންތައް އަމާޒުވަމުން ދަނިކޮށް މިނިސްޓަރު މަހްލޫފް ވަނީ ބައްސާމް އާއި ވަކިން ބައްދަލުވެސް ކުރައްވާފަ އެވެ. ބައްސާމް އާއި ބައްދަލުކުރެެއްވުމުގެ ކުރިން މިނިސްޓަރު ވަނީި ދަނގަޑޭ ޓީމަށް ނަގަންޖެހޭ ވަރު ކުޅުންތެރިއެއް ކަމަށާއި މިނިސްޓަރު ނަންގަވާ ގައުމީ ޓީމްގެ ފުރަތަމަ އެގާރަ އެއްގައި ދަނގަޑޭ ހިމަނާނެ ކަމަށް ވިދާޅުވެ ފޭސްބުކްގައި ޕޯސްޓެއް ކޮށްފަ އެވެ.

ގައުމީ ޓީމްގެ އޮފިޝަލަކު '' ވަގުތު '' އަށް މައުލޫމާތު ދެމުން ވިދާޅުވީ ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާ އާއި ދެކޮޅަށް ކުޅެން ނެގި ރާއްޖޭގެ 25 ކުޅުންތެރިންގެ ސްކޮޑްގައި ދަގަނޑޭ ހިމަނާފައިވާ ކަމަށާއި މާދަމާ ފަށާ ޕްރެކްޓިސްގައި ދަގަނޑޭ ބައިވެރިވާނެ ކަމަށެވެ. ގައުމީ ފުޓްބޯޅަ ޓީމް ހޮޓެލް ޖެންގައި މިިހާރު ކޭމްޕް ކޮށްފައި ވާއިރު ދަގަނޑޭ ވެސް ކޭމްޕް ކުރި ކުޅުންތެރިންގެ ތެރޭގައި ހިމެނެއެވެ.

ގައުމީ ޓީމްގެ ކޯޗު ޕީޓާ ސެގާޓް ޓީމުން ދަނގަޑޭ ބާކީ ކުރީ މިދިޔަ އަހަރު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސަށް ހާޒިރުނުވުމުންނެވެ. އޭގެ ފަހުން ގައުމީ ޓީމު މިހާތަނަށް ކުޅުނު ނުވަ މެޗުންވެސް ދަނގަޑޭ ފެނިފައިނުވާއިރު ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ގުއާމް އާއި ޗައިނާ މެޗަށް ނެގި ފުރަތަމަ ސްކޮޑުން ދަނގަޑޭ އަށް ފުރުސަތު ނުދިނީ އުމުރުން މާ ދޮށިވީމަ ކަމަށް ކޯޗު ސެގާޓް ވަނީ މީގެ ކުރިން ބުނެފަ އެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ގައުމީ ޓީމު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މި މަހުގެ 10 ވަނަ ދުވަހު މާލޭގަ އެވެ. ޓީމުގެ ފަރިތަކުރުންތައް ފަށާނީ މާދަމާ އެވެ.