ގައުމީ އެތުލެޓިކްސް މުބާރާތުގެ ފިރިހެން ބައިގެ އެއް ވަނަ އެތުލީޓަކަށް ހަސަން ސާއިދު ހޮވުނު އިރު އެބައިން އެންމެ މޮޅު ކްލަބަކަށް ދިވެހި ސިފައިންގެ ކްލަބް ހޮވިއްޖެ އެވެ.

އިއްޔެ ނިންމާލި ގައުމީ މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ސާއިދު ހޮވުނު އިރު އޭނާ ވަނީ އިންޑިވިޖުއަލް ތިން ރަން މެޑެއްޔާއި ރިލޭ ބައިން ރަން މެޑެއްޔަކާއި ރިހި މެޑެއްޔެއް ހޯދާފަ އެވެ. ސާއިދު އިންޑިވިޖުއަލް ބައިން ރަން މެޑަލް ހޯދީ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުގެ އިތުރުން 400 މީޓަރު ދުވުމުންނެވެ. އަދި ރިލޭގެ ހަތަރެއް ގުނަ 400 މީޓަރުން ސިފައިންގެ ޓީމާ އެކު ރަން މެޑަލް ހޯދިއިރު ހަތަރެއް ގުނަ 100 މީޓަރުގައި ލިބުނީ ރިހި މެޑެއްޔެކެވެ.

އެންމެ މޮޅު އެތުލީޓް ހޮވުމުގައި ބަލަނީ ކޮންމެ އެތުލީޓެއްގެ އެންމެ ނަތީޖާ ރަނގަޅު ދެ އިވެންޓަށެވެ. ސާއިދު އާއި ހުސެއިން ފަޒީލް ހާރޫން ވެސް މެޑަލުގެ ގޮތުން އެއްވަރުވެ ސާއިދަށް ކުރި ލިބުނީ 100 މީޓަރު ދުވުމާއި 400 މީޓަރު ދުވުމުން، މުބާރާތުގެ ރެކޯޑެއް ހަދާފައިވާތީވެ އެވެ.

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިއާ ސާއިދުގެ އިންޑިވިޖުއަލް ތިން ރަން މެޑަލްގެ ތެރެއިން އިއްޔެ ކުރިއަށްދިޔަ 400 މީޓަރުގެ އިވެންޓުން ރަން މެޑަލް ހޯދީ 49.46 ސިކުންތުން ދުވެގެންނެވެ. ސާއިދުގެ ފަހަތުން ދެ ވަނަ އަށް ދިޔައީ 52.89 ސިކުންތުން ރޭސް ނިންމާލި މުހައްމަދު އައިހަމެވެ. އަދި ތިން ވަނަ ދިޔައީ 53.28 ސިކުންތުން ދުވި މުހައްމަދު ނާވީ އެވެ.

ސާއިދު ހޯވާފައިވާ މެޑަލް ތަކުގެ ތެރެއިން މި މަހުގެ ހަވަނަ ދުވަހު ކުރިއަށްދިޔަ 200 މީޓަރު ރޭސް އޭނާ ކާމިޔާބުކޮށްފައިވަނީ ފަސޭހަކަމާ އެކު 22.75 ސިކުންތުން ދުވެގެންނެވެ. ސާއިދު ސްޕޯޓްސްގެ ސަރީސް އަހުމަދު އާއި ތިނަދޫ ޒުވާނުންގެ ކްލަބުގެ މުހައްމަދު ޖަލާއިލް ފަހަތަށް ޖައްސާލުމަށްފަހު އެ އިވެންޓުން ސާއިދު ރަން މެޑަލް ހޯދިއިރު އެންމެ ހަލުވި ދުވުންތެރިޔާ ކަނޑައެޅޭ އިވެންޓް ކަމަށްވާ 100 މީޓަރު ދުވުން ސާއިދު ކާމިޔާބުކުރީވެސް ސާއިދު ސްޕޯޓްސްގެ ދެ އެތްލީޓުން ކަމަށްވާ އަޒްނީމް އަހުމަދު (އައްޒަ) އާއި ސަރީސް އާއި ވާދަކޮށެވެ. މިފަހަރުގެ 100 މީޓަރުގެ ދުވުން 10.82 ސިކުންތުން ސާއިދު ނިންމާލި އިރު މި އިވެންޓުން އޭނާ ގައުމީ ރެކޯޑް ހަދާފައިވަނީ 10.33 ސިކުންތުން ދުވެގެންނެވެ.

ގައުމީ އެތްލެޓިކްސް މުބާރާތުގެ ފިރިހެން ބައިގެ އެންމެ މޮޅު ޓީމަކަށް ހޮވިފައިވަނީ 215 ޕޮއިންޓް ހޯދައިގެން ދިވެހި ސިފައިންގެ ކްލަބެވެ. މުބާރާތުގެ ދެވަނަ އަށް 112 ޕޮއިންޓާއެކު ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން ޓީމް ދިޔައިރު ތިންވަނަ ހޯދާފައިވަނީ 69 ޕޮއިންޓާއެކު ތިނަދޫ ޒުވާނުންގެ ކްލަބެވެ.