ހުޅުމާލޭގައި ކުރިއަށްދިޔަ ގައުމީ އެތުލެޓިކްސް މުބާރާތުގެ އަންހެން ބައިގެ އެއްވަނަ އެތުލީޓްގެ މަގާމް އުއްމީދީ ދުވުންތެރިއާ އާއިޝަތު ހިމްނާ ހަސަން ޙާސިލްކުރި އިރު އެބައިން އެންމެ މޮޅު ކްލަބަކަށް ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން ހޮވިއްޖެ އެވެ.

ގައުމީ މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމް އުމުރުން 17 އަހަރުގެ ހިމްނާ ހޯދި އިރު ހިމްނާ ވަނީ 100 މީޓަރުގެ ދުވުމުގެ އިވެންޓާއި، 200 މީޓަރު ދުވުމުގެ އިތުރުން އިއްޔެ ކުރިއަށްދިޔަ 400 މީޓަރުގެ ދުވުމުގެ އިވެންޓްވެސް ކާމިޔާބުކޮށްފަ އެވެ. އިއްޔެ ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ކުރިއަށް ދިޔަ 400 މީޓަރުގެ އަންހެން ފައިނަލް ރައުންޑް ހިމްނާ ނިންމާލީ 1:01 މިނެޓުންނެވެ. މި އިވެންޓުން ދެ ވަނަ މަގާމް 1:04 މިނެޓުން ދުވި އައިމިނަތު ލަޔާން ހޯދިއިރު ތިން ވަނަ އަށް ދިޔައީ 1:08 މިނެޓުން ދުވި ރިފާ މުހައްމަދެވެ.

މި އަހަރު އޮތް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ އެންމެ މޮޅު އަންހެން އެތުލީޓް ހިމްނާ ވަނީ މި އަހަރުގެ އޭޝިއަން ޔޫތު ޗެމްޕިއަންޝިޕުގައި 59.18 ދުވެ ރާއްޖޭގެ 400 މީޓަރު ދުވުމުގެ ރެކޯޑް ތިން ވަނަ ފަހަރަށް މުގުރާލައިފަ އެވެ. މިދިޔަ އަހަރުގެ ޖޫން މަހު އޭޝިއަން ޖޫނިއާ މުބާރާތުގައި ހެދި ރެކޯޑް ދެ ވަނަ ފަހަރަށް އާކުރީ މިދިޔަ އަހަރުގެ ޖުލައި މަހު ޔޫތު އޮލިމްޕިކްސް ކޮލިފައިންގަ އެވެ.

ހިމްނާ މުބާރާތުގެ އަންހެން 200 މީޓަރުގެ ދުވުން ކާމިޔާބުކުރީ 27.00 ސިކުންތުންނެވެ. ހިމްނާގެ ފަހަތުން ދެ ވަނަ ހޯދީ 27.03 ސިކުންތުން ދުވި ދަ ބްލެކް މާލިންގެ ނަޝާ ނިޒާރެވެ. އަދި ތިން ވަނަ ހޯދީ 27.63 ސިކުންތުން ރޭސް ނިންމާލި އެ ޓީމުގެ ސަރާ މަސްއޫދެވެ.

ރާއްޖޭގައި މިވަގުތު ހުރި އެންމެ އުއްމީދީ އަންހެން ދުވުންތެރިޔާ 100 މީޓަރުން އެއް ވަނަ ހޯދީ 13.00 ސިކުންތުން ދުވެގެންނެވެ. މި އިވެންޓުން ދެ ވަނަ ހޯދީ 13.09 ސިކުންތުން ދުވި ދަ ބްލެކް މާލިންގެ ނަޝާ ނިޒާރެވެ. އަދި ތިން ވަނަ ހޯދީ ތިނަދޫ ޒުވާނުންގެ ކްލަބުގެ މަރިޔަމް އަލްހާ ހުސެއިން އެވެ. ޓައިމިން އަކީ 13.40 ސިކުންތެވެ.

އަންހެން ބައިގެ އެންމެ މޮޅު ޓީމަކަށް ހޮވުނު ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން އަށް ވަނީ 151 ޕޮއިންޓް ލިބިފަ އެވެ. ދެވަނަަ ހޯދި ދަ ބްލެކް މާލިން އަށް ލިބުނީ 93 ޕޮއިންޓެވެ. ތިންވަނަ ހޯދި ކޭވައި ސްޕޯޓްސް އެކަޑަމީ އަށް ލިބިފައިވަނީ 69 ޕޮއިންޓެވެ.

ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުގެ ޓީމުން އެއް ވަނަ ޓީމުގެ މަގާމް ކަށަވަރު ކުރީވެސް އަންހެނުންގެ ފަހު އިވެންޓް ކަމަށްވާ 1500 މީޓަރު ދުވުމުން ހޯދި ރަން މެޑެއްޔާ އެކު އެވެ. އެ ޓީމުގެ އައިމިނަތު ޖައިޝާ ޖުނީޒް އެ އިވެންޓުގެ އެއް ވަނަ ހޯދީ 5:26 މިނެޓުން ދުވެގެންނެވެ. މި ރޭހުން ދެ ވަނަ ހޯދީ 5:27 މިނެޓުން ރޭސް ނިންމާލި ކުޑަހުސެން ސްޕޯޓްސް އެސޯސިއޭޝަނުގެ މަރިޔަމް އަބްދުލްކަރީމް (މަރީ) އެވެ.