ގަތަރުގެ ވެރިރަށް ދޯހާގައި މި މަހު ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖޭގެ ފަރާތުން ވާދަކުރުމުގެ ފުރުސަތު އުންމީދީ އަންހެން ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަން އަށް ލިބިއްްޖެ އެވެ.

ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ބޭއްވި ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ނަތީޖާތަކަށް ބެލުމަށް ފަހު ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފަރާތުން ވާދަކުރާ އެތުލީޓެއް ކަނޑައެޅިއިރު އެންމެ ފުރަތަމަ ޖާގަ ދީފައިވަނީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ އަދި މިފަހަރުގެ ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ފިރިހެން ބައިން އެއްވަނަ އެތުލީޓުގެ މަގާމް ހޯދި ހަސަން ސާއިދު އަށެވެ.

ސައުތު އޭޝިއަން ގޭމްސް އަށް ތައްޔާރުވުމުގެ ގޮތުން، ޓްރެއިނިން ކުރިޔަށް ގެންދިޔުމަށް ސާއިދު ވަނީ ވޯލްޑް ޗެމްޕިއަންޝިޕަށް ދިއުމަށްް ލިބުނު ފުރުސަތު ދޫކޮށްލާފަ އެވެ. އެހެންކަމުން އެޖާގަ ދެން ލިބުނީ އުމުރުން 17 އަހަރުގެ ހިމްނާ އަށެވެ. މިފަހަރުގެ ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ހޯދި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުގެ ހިމްނާ ވަނީ 100 މީޓަރާއި 200 މީޓަރު ދުވުމުގެ އިތުރުން 400 މީޓަރުގެ އިވެންޓުން ވެސް ރަން މެޑަލް ހޯދާފަ އެވެ.

މީގެ އިތުރުން ހިމްނާ ވަނީ މި އަހަރު އޮތް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ އެންމެ މޮޅު އަންހެން އެތުލީޓްގެ މަގާމް ވެސް ހޯދާފަ އެވެ. ހިމްނާ ވަނީ މި އަހަރުގެ އޭޝިއަން ޔޫތު ޗެމްޕިއަންޝިޕުގައި 59.18 ދުވެ ރާއްޖޭގެ 400 މީޓަރު ދުވުމުގެ ރެކޯޑް ތިން ވަނަ ފަހަރަށް މުގުރާލައިފަ އެވެ.

ގަތަރުގެ ވެރިރަށް ދޯހާގައި މި މަހުގެ 27 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ 17 ވަނަ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ހިމްނާ ވާދަކުރާއިރު، ޒުވާން ދުވުންތެރިޔާ ވަނީ މިއަހަރު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައިވެސް ވާދަކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަސީ

    ގައިމު މަހުލޫފުބުނި ހުލހުމާލޭގަ އަޅާފަވާ ސިންތެޓިކް ޓްރެކަކީ އެއްގޮތަކައްވެސް ބޭނުންކުރެވޭކަހަލަ ތަނެއްނޫނޭ ދޮގުހެދުމުގަވެސް ހައްދެއްނެއް