ޔޫރޯ 2020 ކޮލިފިކޭޝަންގައި ރޭ ކުޅުނު މެޗު ކާމިޔާބުކޮށް ޕޯޗުގަލް އިން ކޮލިފައިންގައި އެގައުމުން ހޯދި ފުރަތަމަ މޮޅު ރެކޯޑު ކޮށްފި އެވެ.

ޔޫރޯ ކޮލިފައިންގައި ޕޯޗުގަލް އިން ރޭގެ މެޗު ކާމިޔާބުކުރީ ސާބިއާއާއި ވާދަކޮށް 4-2ގެ ނަތީޖާއަކުންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޕޯޗުގަލް ޓީމުންނެވެ. ފުރަތަމަ ހާފް ނިމެން ކައިރިވެފައި ވަނިކޮށް އެޓީމަށް ލަނޑުޖަހައިދިނީ ވިލިއަމް ކަރްވާޅޯ އެވެ. ފުރަތަމަ ހާފް އެނަތީޖާގައި އޮވެ ނިމުނު އިރު ދެވަނަ ހާފްގެ 58 ވަނަ މިނެޓުގައި ގުއެޑެސް ވަނީ ލަނޑެއް ޖަހައި ޕޯޗުގަލް އަށް ދެ ލަނޑުގެ ލީޑެއް ހޯދައިދީފަ އެވެ.

މެޗުގެ 68 ވަނަ މިނެޓުގައި ސާބިއާގެ ފޯވަޑް ނިކޮލާ މިލެންކޮވިޗް ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑުން ސާބިއާއިން މެޗުން މޮޅު ވުމުގެ އުއްމީދު އާ ކުރިނަމަވެސް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މެޗު ނިމެން ދިހަ ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް ލަނޑެއް ޖަހައި ޕޯޗުގަލްގެ ލީޑު ދެވަނަ ފަހަރަށް ފުޅާކޮށްފަ އެވެ.

މެޗުގެ ފަހު ފަސް މިނެޓް ތެރޭގައި އިތުރު ދެ ލަނޑު ފެނިގެންދިޔައިރު ސާބިއާ އިން ޖެހި ލަނޑު 85 ވަނަ މިނެޓުގައި ކާމިޔާބުކުރީ އެލެކްޒާންޑާ މިޓްރޮވިޗް އެވެ. އޭގެ އިރުކޮޅެއް ފަހުން ހުނަރުވެރި މިޑްފީލްޑަރު ބަރްނާޑޯ ސިލްވާ ވަނީ އަލުން ޕޯޗުގަލް އަށް ދެ ލަނޑުގެ ލީޑެއް ހޯދައިދީ މެޗުގެ ނަތީޖާ 4-2 އަށް ބަދަލުކޮށްފަ އެވެ.

ރޭގެ މޮޅާއެކު ޕޯޗުގަލް ވަނީ ޔޫރޯ ކޮލިފައިންގެ ގްރޫޕް ބީގެ ދެވަނަ މަގާމްގައި ހަމަޖެހިލައިފަ އެވެ. މިހާތަނަށް ކުޅުނު ތިން މެޗުން ލިބުނު ފަސް ޕޮއިންޓާއެކު އެޓީމް ދެވަނައިގައި އޮތް އިރު ސާބިއާ އޮތީ ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ހަތަރު ވަނައިގަ އެވެ. ކްރިސްޓިއާނޯ ރޮނާލްޑޯގެ ޓީމް ޔޫރޯ އަށް ކޮލިފައިވުމަށް ކުރަމުން އަންނަ ދަތުރުގައި ދެން ނިކުންނާނީ ގައުމުގައި ބޭރުގައި ޔުކްރެއިން އާއި ދެކޮޅަށެވެ.