ވޯލްޑްކަޕް ކޮލިފައިންގައި މާދަމާ ރާއްޖޭގައި ކުޅޭ މެޗު އޮންނަ ދަނޑާއި، ރާއްޖޭގެ ފިނިހޫނުމިނަކީ ދިމާވާނެ އުނދަގުލެއް ނޫން ކަމަށާއި ބޭނުންވަނީ ތިން ޕޮއިންޓް ކަމަށް ޗައިނާގެ ކޯޗު މާސެލޯ ލިއްޕީ ބުނެފިއެވެ.

ގަލޮޅު ދަނޑުން މިހާތަނަށް ފެންނާނެ އެންމެ ތަޖުރިބާކާރު އަދި އެންމެ މޮޅު ޓެކްޓީޝިއަން ލިއްޕީ ބުނީ މާދަމާގެ މެޗުން މޮޅުވުން ނޫން އެހެން އެއްވެސް ކަމެއް ބޭނުން ނުވާކަމަށާއި މެޗަށް ނުކުންނަ އިރު ކުޅޭ ދަނޑާއި ރާއްޖޭގެ ފިނިހޫނު މިނަކީ އޭނާގެ ޓީމަށް އަސަރުކުރާނެ ކަންތައްތަކެއް ކަމަށް ގަބޫލުނުކުރާ ކަމަށެވެ. ލިއްޕީ ބުނީ ރާއްޖެ މެޗަށް ޓީމު ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށާއި ރާއްޖެ އައުމުގެ ކުރިން ޗައިނާގައި ވެސް ރަނގަޅު ފަރިތަކުރުންތަކެއް ކުރިއަށް ގެންދިޔަކަމަށެވެ.

"ތިން ޕޮއިންޓް ހޯދައި ކޮލިފައިންގެ ދެން އޮތް ބުރަށް ދަތުރުކުރުމަކީ ޓީމުގެ އެންމެ ބޮޑު އަމާޒު. އެހެންވީމާ މާދަމާގެ މެޗަކީ ޓީމަށް ވަރަށް މުހިންމު މެޗެއް، މާގިނަ އުޒުރުތަކެއް ދައްކަން ބޭނުމެއް ނޫން. ކޮންމެ ގޮތެއް ހަދާފަވިޔަސް އަހަރެން ބޭނުންވަނީ މޮޅެއް ހޯދަން، " ލިއްޕީ ބުންޏެވެ.

އެފްއޭއެމްގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޗައިނާ ކޯޗް ވާހަކަދައްކަނީ - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

އިޓަލީ އާއެކު ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފައިވާ ލިއްޕީ ބުނީ ޗައިނާގެ ފުޓްބޯޅަ ލީގެއް މި ދުވަސްކޮޅު ކުރިއަށްދިއުމާއި ގުޅިގެން ޓީމުގައި ހިމެނޭ އެކި އެކި ކުޅުންތެރިންނަށް ކުލަބުތަކުން ރިލީޒް ހޯދުމަށްފަހު ގައުމީ ޓީމާއެކު ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ލިބުނީ ކުޑަ ވަގުތު ކޮޅެއް ކަމަށެވެ. ނަމަވެސް ފާއިތުވެދިޔަ ދުވަސްތަކު ތެރޭގައި ކުރިއަށްގެންދެވުނު ޓްރެއިނިންގްތަކާއި މެދު ހިތްހަމަޖެހޭކަމަށާއި މާދަމާގެ މެޗާއި ކުރިމަތިލާއިރު ޗައިނާ ޓީމް އޮތީ ރަނގަޅު ހާލަތެއްގައި ކަމަށެވެ.

'' ޗައިނާގެ ފުޓްބޯޅަ ލީގެއްގެ ސަބަބުން ބައެއް ކުޅުންތެރިންގެ ރިލީޒް ހޯދަން ފުދޭވަރަކަށް ލަސްވި. އެ ކުޅުންތެރިންނާއި އެއްކޮށް ތަމްރީންތައް ކުރިއަށްގެންދަން ލިބުނީ ވަރަށް މަދު ދުވަސްކޮޅެއް. އެކަމަކު ވެސް މިދިޔަ ދެވަރަކަށް ހަފްތާ ތެރޭގައި ޓީމުގެ ޓްރެއިނިންގް ދިޔަގޮތާއި މެދު ހިތްހަމަޖެހޭ، '' ލިއްޕީ ބުންޏެވެ.

އެފްއޭއެމްގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

މީގެ އިތުރުން ޗައިނާގެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ލިއްޕީ ބުނީ ޗައިނާ ދަރިކޮޅަކަށް ނިސްބަތްނުވެ އެގައުމުގެ ފުޓްބޯޅަ ޓީމުން ޖާގަ ހޯދި ފުރަތަމަ ކުޅުންތެރިޔާ ކަމަށްވާ ބްރެޒިލަށް އުފަން އެލްކެސަން އަށް މިހާރު ޗައިނާގެ ރައްޔިތުކަން ލިބިފައިވާ ކަމަށެވެ.

އިޓަލީ އަށް 2006 ގެ ވޯލްޑް ކަޕް އަދި ޔުވެންޓަސް އަށް 1996 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީ، އެ ދެ މުބާރާތް ކާމިޔާބުކުރި ފުރަތަމަ ކޯޗުގެ ޝަރަފް ހޯދާފައިވާ ލިއްޕީގެ އިރުޝާދުގެ ދަށުން ޗައިނާ، ދިވެހި ޓީމާއި ދެކޮޅަށް ނުކުންނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ ގަލޮޅު ރަސްމީ ދަނޑުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާަޕޮގުބާ

    ވަރަށް ރީތިކޮށް 3ޕޮއިންޓް ދޭނަމެ ކަލެއަށް