ޔޫރޯ ކޮލިފައިންގައި މިިރޭ ތަފާތު ބޮޑު ނަތީޖާއަކުން އެސްޓޯނިއާ ބަލިކޮށް ހޮލަންޑުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅާއެކު އިންޓަނޭޝަނަލް ބްރޭކް ނިންމާލައިފިއެވެ.

އެސްޓޯނިއާގައި ކުޅުނު މެޗު ހޮލަންޑުން ކާމިޔާބުކޮށްފައިވަނީ އެއްވެސް އުނދަގުލެއް ނެތި 4-0 އިންނެވެ. މި މޮޅާއެކު އެޓީމަށް ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު އަންނަ އޮކްޓޫބަރު މަހު ނޮދަން އަޔަލޭންޑްއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްގެން އެޓީމަށް ގްރޫޕްގެ އެއްވަނަ އަށް ވާދަކުރެވެން އެބައޮތެވެ. ހޮލަންޑަށްވުރެ އިތުރަށް އެއް މެޗު ކުޅެގެން ބާރަ ޕޮއިންޓާއެކު އަޔަލޭންޑް މިވަގުތު އެއްވަނައިގައި އޮތް އިރު ދެވަނައިގައި އޮތީ ހަމަ އެއަދަދަށް ޕޮއިންޓް ލިބިގެން ޖާމަނީ އެވެ.

ހޮލަންޑް ގްރޫޕްގެ ތިންވަނައިގައި އޮތަސް އެޓީމަށް އަމިއްލަ ބާރު ނުގެއްލެ އެވެ. އެޓީމުން ރޭ ހޯދި މޮޅަށް އިތުރު ފޮނިކަމެއް ލިބިގެންދިޔައީ މި ގްރޫޕްގެ އަނެއް މެޗުގައި ޖާމަނީ އިން އަޔަލޭންޑް ބަލިކުރުމުންނެވެ. ޖަރުމަނު އަތުން އަޔަލޭންޑް މޮޅުވިނަމަ ޔޫރޯ 2020 އަށް ކޮލިިފައިވުމަށްޓަކައި ހޮލަންޑާއި ޖާމަނީ ކޮނޑާއި ކޮނޑު ޖައްސަން ޖެހުނީހެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހެމްބާގުގައި ޖަރުމަނުގެ މައްޗަށް ފުރިހަމަ ކާމިޔާބީއެއް ހޯދުމަށްފަހު ރޮނާލްޑް ކޮއެމަންގެ ހޮލަންޑުން ރޭގެ މެޗާއި ކުރިމަތިލީ އުއްމީދާއެކުއެވެ. ފުރަތަމަ ހާފުގައި އެޓީމުން މެޗު ކޮންޓްރޯލް ކުރިނަމަވެސް ލަނޑުތައް ކާމިޔާބުކުރުމުގައި މާބޮޑު މަސަތްކަތެއް ކުރާކަށް އެޓީމަށް ނުޖެހެއެވެ. އެސްޓޯނިއާގެ ކީޕަރުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ މެޗުގައި ހޮލަންޑުގެ ފުރަތަމަ ލަނޑު ކީޕަރަށް ހެދުނު ގޯހަކުން ރަޔާން ބަބެލް ކާމިޔާބުކުރީ 17 ވަނަ މިނެޓުގަ އެވެ.

ތުރުކީގެ ގަލަޓަސަރާއި އަށް ކުޅެމުން އަންނަ ފޯވަޑް ވަނީ ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވަނީސް އޭނާގެ ދެވަނަ ލަނޑު ޖަހައި ހޮލަންޑަށް މެޗުގެ ފުރިހަމަ ކޮންޓްރޯލް ނަގައިދީފަ އެވެ. އޭގެ 14 މިނެޓް ފަހުން މެމްފިސް ޑިޕޭވެސް ސްކޯ ޝީޓުން ޖާގަހޯދިއިރު ހޮލަންޑުގެ ހަތަރު ވަނަ ލަނޑު ޖަހައިދިނީ ޖޯޖިއޯ ވަޔަނާލްޑަމް އެވެ. ލިވަޕޫލްގެ ހަލުވި ކުޅުންތެރިއާ ވަނީ މީގެ ތިން ދުވަސް ކުރިން ޖަރުމަނު ކޮޅަށްވެސް ލަނޑުޖަހާފަ އެވެ.